ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގައި މަރުވި މީހުންގެ އަދަދު ދެހާހަށްވުރެ މައްޗަަށް

ކޮރޯނާ ވައިރަސް ޖެހިފައިވާ ބަޔަކަށް ވޫހާންގެ ހޮސްޕިޓަލެއްގައި ފަރުވާދެނީ

ފާއިތުވި ޑިސެންބަރު މަހުއްސުރެ ޗައިނާގައި ހަލުވިކަމާއެކު ފެތުރި، ދުނިޔޭގެ އެތައް ގައުމަކަށް މިހާރު ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު ދެހާހަށް އަރައިފިއެވެ.

އިއްޔެ ޗައިނާއިން ހާމަކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި، ކޮރޯނާ ވައިރަސް ޖެހިގެން އިއްޔެ އެގައުމުގައި 136 މީހުން މަރުވެފައި ވެއެވެ. މީގެ ތެރެއިން 4 މީހަކު ފިޔަވައި އެންމެން މަރުވެފައި ވަނީ ފުރަތަމަ ވައިރަސް ފެނުނު ޕްރޮވިންސު ކަމަށްވާ ހުބޭ ޕްރޮވިންސުގައެވެ. މިއަދަދާއެކު، ޗައިނާގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2004 އަށް އަރާފައެވެ.

އިއްޔެ އިތުރު 1749 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، ޗައިނާގައި މިބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 74 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.

ޗައިނާގައި ކޮރޯނާ ވައިރަސް ޖެހޭ މީހުން އިތުރުވަމުން ދާއިރު، ޗައިނާ މީހުން އެހެން ގައުމުތަކަށް ދަތުރުކުރުމާ ދެކޮޅަަށް ފިޔަވަޅުއަޅުން ދަނީ އިތުރުވަމުންނެވެ. މި ގޮތުން، މި މަހު 20 ވަނަ ދުވަހުން ފެށިގެން ޗައިނާ މީހުން ރަޝިޔާއަށް ވަނުން މަނާކުރާނެކަން އިއްޔެ އެގައުމުން ވަނީ ހާމަކޮށްފައެވެ.

ވައިރަސް ފެތުރެމުންދާ މިންވަރު ފާއިތުވި ދެދުވަހު ދަށްވެފައި ވުމުން ދައްކައިދެނީ ވައިރަސް ކޮންޓުރޯލުވާން ފަށާފައިވާ ކަން ކަމުގައި ޗައިނާގެ އޮފިޝަލުން ވިދާޅުވި ނަމަވެސް، ދުނިޔޭގެ ސިއްހަތާ ބެހޭ މާހިރުން ވިދާޅުވަނީ އެފަދައިން ނިންމަން އަދި މާ އަވަސް ކަމުގައެވެ.

މިހާރު ކޮވިޑް-19 ގެ ނަން ދެވިފައިވާ ނޮވެލް ކޮރޯނާ ވައިރަހަކީ ކުރިން ދުނިޔޭގައި ހަލުވިކަމާއެކު ދުނިޔޭގައި ފެތުރިފައިވާ ސާރސް އަދި މާރސް ވައިރަހާ އެއް އާއިލާއެއްގެ ވައިރަހެކެވެ. އާއްމު ގޮތެގައި ޖަނަވާރުން ޖަނަވާރަށް އަރާ މި ވައިރަސް އިންސާނުންގެ ގަޔަށް އެރުމަށް ފަހު، އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ވައިރަހަކަށް މި ވަނީ ބަދަލުވެފައެވެ.

މި ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަަކުގެ ތެރޭގައި ގަދައަށް ހުން އައިމާއި، ކެއްސުމާއި، ނޭވާ ކުރުވުން ހިމެނެއެވެ. އަދި ނިއުމޯނިޔާ، ޖެހުމާ ގުނަވަންތަކުގެ މަސައްކަތް ހުއްޓުމުގެ ސަބަބުން މަރުވުމުގެ ނުރައްކާވެސް ކުރިމަތިވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.