މާލެ, ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަކީ ބުރަބޮޑު މަސައްކަތެއް: ރައީސް

މާލެއަކީ ދިރިއުޅެން ފަސޭހަތަނަކަށް ހައްދަވައި ދެއްވުމުގެ މަސައްކަތަކީ ބުރަބޮޑު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އުޅެން ފަސޭހަ ތަނަކަށް މާލޭ ހައްދަވައި ދެއްވުމަކީ ފާއިތުވި ރިޔާސީ އިންތިޚާބުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށްވެ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެކެވެ. އެހެންނަމަވެސް  މާލޭގެ ޙާލަތު މިވަގުތު އޮތް ގޮތުން އެއީ ކުރައްވަންޖެހޭ ބުރަމަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ގޯތި ގެދޮރުގެ މައްސަލަ މާލޭގެ ރައްޔިތުންނަށް ވަރަށް ބޮޑެވެ. އޭގެ ތެރެއިން ޓްރެފިކު މައްސަލައާއި ހިނގާބިނގާވެ އުޅުނަށް ވެސް މާލޭގެ ރައްޔިތުންނަށް ވަނީ ދަތިވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ، ބޯހިޔާވަހިކަމުގެ މައްސަލަ އެހާ ބޮޑު. ޓްރެފިކް އެހާ އުނދަގޫ. މާލޭ މަގުމަތީގައި ހިނގާބިނގާވެ އުޅުން އެއީ ހަމަ ކުރަން ދަތިކަމަކަށް ވެގެންދަނީ. އަމާން މާޙައުލެއް ނޫން މާލޭގެ މަގުތަކަކީ. މީގެއިތުރުން ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ލިބުމުގައިވެސް މާލޭގެ ރައްޔިތުންނަށް ވަނީ އެތައް އުނދަގޫތަކެއް ކުރިމަތިވެފައި،" ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ދިމާވީ ރަނގަޅު ޕްލޭނެއް ނެތި، ދިގު މުއްދަތެއްގައި މާލޭގެ ކަންތައްތައް އިންތިޒާމު ކުރެވިގެން ދިޔުމުގެ ސަބަބުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެވާހަކަ ދެއްކެވުމުގެ ބަދަލުގައި މިހާރު ބޭނުންވަނީ އެކަމަށް ޙައްލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ފެއްޓެވީ އެމަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލޭގެ މަގުތައް ހެދުމުގެ މި މަޝްރޫޢަށް 462 މިލިއަން ރުފިޔާ ވަނީ ބަޖެޓް ކުރެވިފައި. އަދި ލާމަރުކަޒީ އުޞޫލުން ރާއްޖެ ހިންގުމުގެ ނިޒާމަށް މި ގެނެވުނު ބަދަލާ އެކީގައި މި ޕްރޮޖެކްޓް ހިންގުން މިއޮތީ މާލޭ ސިޓީ ކައުންސިލާ މުޅިން ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ، ސަރުކާރުން އަޅުގަނޑުމެން ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސިޓީ ކައުންސިލަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވިއެވެ. އެމަސައްކަތުގެ ދަށުން މާލޭގެ ރައްޔިތުން ބޭނުންވާ ބަދަލު މާލޭގެ މަގުތަކަށް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.