މާލޭ މަގުތައް ހެދުމުގެ މަޝްރޫޢު ރައީސް ފަށްޓަވައި ދެއްވައިފި

މާލޭ މަގުތައް ހެދުމުގެ މަޝްރޫޢު (މާލެ ސިޓީ ސްޓްރީޓްސް ކޭޕިން ޕްރޮޖެކްޓް) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހާއްމަދު ސާލިހު މިއަދު ފަށްޓަވައި ދެއްވައިފިއެވެ. މިއީ ސަރުކާރުގެ ބަޖެޓުން 462 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިނގާ މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް ވިދާޅުވީ މަޝްރޫއަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސަވައި ދެއްވިޔަސް، ލާމަރުކަޒީ ޤާނޫނަށް ގެންނެވި ބަދަލާގުޅިގެން މަޝްރޫޢު ހިންގާނީ މާލޭ ސިޓީ ކައުންސިލުން ކަމަށެވެ. މި މަސައްކަތަށް ސަރުކާރުން ކޮށްދެވެން ހުރިހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މާލޭގެ މަގުތައް މިހާރު އޮތް ގޮތުން އެއީ އަމާން މާހައްލެއް ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. މާލޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތް ލިބުމުގައި ވެސް ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން އެކަންވީ އެއްވެސް ޕްލޭނެއްނެތި މަގުތައް ހެދުންފަދަ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް ކަމަށާއި މިއަދު އިރާދަކުރެއްވިއްޔާ މިފެށުނީ އެކަންކަމުގެ ހައްލު ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.