ރައީސް "މަސްދޯނި އެކައުންޓް" އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙ "މަސްދޯނި އެކައުންޓް" އިފްތިތާޙު ކޮށްދެއްވައިފިއެވެ. އެމަނިކުފާނު މަސްދޯނި އެކައުންޓު ތަޢާރަފް ކޮށްދެއްވީ އެކަމަށްޓަކައި ގއ. ކޫއްޑޫގައި މިރޭ ބޭއްވީ ރަސްމިއްޔާތެއްގައެވެ. މިއީ މަސްވެރީންނަށް ބޭންކިން ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު ފަހިކޮށް ދެއްވުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ޚިދުމަތަކީ ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒާ ގުޅިގެން ތަޢާރަފްކުރި ޚިދުމަތެކެވެ. "މި ޚިދުމަތުގެ ތެރޭގައި ހިމެނޭ "ޑިޖިޓަލް ވޮލެޓް" އާއި "މަސްވެރިޔާ ކާޑު" މެދުވެރިކޮށް ނަގުދު ފައިސާއާ ނުލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުޞަތު އޮޑިވެރިންނާއި މަސްވެރީންނަށް ލިބިގެންދާނެ" ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މީގެ އިތުރަށް "މަސްވެރިޔާ ކާޑު"ގެ ޚިދުމަތް ފެށުމުން، މަސް ކިރުވުމާއެކު، އޮޑިވެރިޔާގެ ނުވަތަ ކެޔޮޅުގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާކޮށްދިނުމުގެ އިތުރުން، ކާޑާ އެކުގައިވާ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން، ދޯނީގެ އެހެން ފަޅުވެރީންގެ އެކައުންޓްތަކަށްވެސް ވަގުތުން ފައިސާ ޓްރާންސްފަރ ކޮށްލެވޭނެއެވެ.

މިރޭ ތައާރަފު ކުރެވުނު މި މުހިންމު ޚިދުމަތުގެ ތެރެއިން، މަސްވެރިކަމުން ލިބޭ އާމްދަނީ ދުވަހުން ދުވަހަށް، މަސްވެރިންގެ އެކައުންޓަށް ޖަމާކުރެވޭ ގޮތް ވުމަކީ، ބޭންކިން ނިޒާމުގެ ތެރެއިން ލިބޭ އެހެން ޚިދުމަތްތަކަށް ވެސް މަގުފަހިވާނެ ކަމެއް ކަމަށާއި، މަސްވެރިޔާގެ އެކައުންޓަށް މަހުންމަހަށް އާމްދަނީ ޖަމާވަމުން ދާނަމަ، ޕެންޝަން ސްކީމް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް މަގު ފަހިވެގެންދާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. އަދި މަސްވެރިޔާ ކާޑު ބޭނުން ކުރިޔަސް، މަސްވެރިޔާގެ އެކައުންޓަށް ޖަމާވާ ފައިސާކޮޅު، ކުރިން ނަގާފައި އޮތް ލޯނަކަށް ބޭންކަކުން ނުކަނޑާނެއެވެ. އަދި "މަސްވެރިޔާ ކާޑު" ބޭނުންކޮށްގެން ރާއްޖޭގައި ކުރާ އެއްވެސް މުޢާމަލާތަކަށް، އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތު އިފްތިތާހޫ ކޮށްދެއްވުމަށް ރައީސް ކުރެއްވި ދަތުރުފުޅުގައިވަނީ ވިލިގިލީގެ އެކި މުއައްސަސާތަކުގެ ވެރިންނާއި އެރަށު ކައުންސިލްގެ މެމްބަރުންނާ ވެސް ބައްދަލު ކުރައްވައިފައެވެ. މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މިހާރުވަނީ މާލެ ވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.