ރާއްޖޭގެ ޑިމޮކްރަޓީކް ނިޒާމަށް ދިރުން ލިބިއްޖެ: ރައީސް

ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމަށް މިހާރުވަނީ ދިރުން ލިބިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ޙަވާލުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙު، ވަރަށް ބޮޑަށް ހަލަބޮލިވެ، ތަޣައްޔަރުވެފައި އޮތް ދުވަސްވަރެއްގައި ކަމަށެވެ. އަދި އިޖުތިމާޢީ ފޭރާން އޭރުއޮތީ، ވީދި ހަސްފަސް ނެތިފައި ކަމަށް ވެސް ވިދާޅުވިއެވެ.

އޭރު ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނާއި، އިޞްލާޙަށް މަސައްކަތްކުރި ގިނަ ބަޔަކު ތިބީ، ނުޙައްޤު ޙުކުމްތަކެއްގައި ކަސްތޮޅު އެޅުވިފައި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މިހާރުވަނީ މިނިވަން ސިޔާސީ ޙަރަކާތްތަކަށާއި، ތަފާތު ސިޔާސީ ފިކުރުތަކަށް އަމާން މާޙައުލެއް ތަނަވަސްވެފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެފަދަ މާޙައުލެއް ޤާއިމްވުމުން "ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ދިރުން ލިބިއްޖެ. ރައްޔިތުންގެ އުފާވެރިކަން އިތުރުވެއްޖެ. އެކަމަށްޓަކައި އަޅުގަނޑު ފަށްފަށުން މާތް ﷲގެ ޙަޟްރަތަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުން އެމަނިކުފާނާ ވެރިކަން ޙަވާލު ކުރެއްވީ "ކޮރަޕްޝަނާއި ވައްކަމުގެ ކިލަނބުކަން ދޫކޮށް،ނަޒާހަތްތެރިކަމާއެކު އަބުރުވެރި ދިރިއުޅުމަކަށް ކުރި އުންމީދުގައި. އަނިޔާއާއި ބޭއިންސާފުގެ ނާމާންކަމުން، ޢަދުލު އިންޞާފުގެ މަގަށް ރުޖޫޢަވާން އެދޭތީ. ސިޔާސީ ބިރުވެރިކަން ނައްތާލައި، އިޖުތިމާޢީ އަމާންކަން ޤާއިމުވާން ބޭނުންވާތީ. މި ޖަޒީރާ ރަށްތަކުގައި ބިރުވެރިކަމެއްނެތި، ހިތްހަމަޖެހިގެން، އަމިއްލަ ޙަލާލު މަސައްކަތުން އާމްދަނީ ހޯދައި، ފަޚުރުވެރި ޢާއިލާއެއް ބިނާކުރުމަށް ބޭނުންވާތީ،" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް އެމަނިކުފާނާ ވެރިކަން ޙަވާލުކުރެއްވީ މިއަދާ ހަމައަށްވެސް ކަށަވަރުނުވެހުރި، ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވާނެ ކަމުގެ ފޮނި އުންމީދުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަންކަން ރައްޔިތުންނަށް ކޮށްދެއްވުމަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް ދެމިހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަމާ ޙަވާލުވި ވަގުތުން ފެށިގެން ކުރައްވަނީ ޤާނޫނީ ވެރިކަމެއް ކަމަށެވެ. ދައުލަތް ހިންގަވަމުން ގެންދަވަނީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދެއްވުމާއި، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމާއި ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯއްދަވައި ދެއްވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ "ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ވަރަށް ގިނަ. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލިސްވެސް އޮތީ، ޤާނޫނުއަސާސީން މި މަޖިލީހާ ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަނުދީ، ކަސްތޮޅު އަޅުވާފައި. އެހެންކަމުން، ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ" ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.