ސިފައިންނަކީ ޤައުމިއްޔަތުގެ މައި މުގޫ: ރައީސް

ކޮންމެ ޤައުމެއްގައި ވެސް ސިފައިންނަކީ ޤައުމިއްޔަތުގެ މައި މުގޫ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވީދޅުވެއްޖެއެވެ. ސިފައިންނަކީ ޤައުމެއްގެ ދިފާޢީ އައްޑަނަ ނުވަތަ މިނިވަންކަން ޙިމާޔަތްކުރާ އެންމެ ވަރުގަދަ ކިއްލާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ [ކޮމާންޑަރސް ކޮންފަރެންސް 2020] އިފްތިތާޙު ކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ޚިދުމަތަކީ، އިނާމަކުން ނުވަތަ ތަޢުރީފުގެ ބަސްތަކަކުން، އޭގެ އަގު ވަޒަންކުރެވޭނެ ކަންކަމެއް ނޫންކަމަށެވެ. އަދި މުދަލާއި ފައިސާއިން ވެސް ބަދަލު ދެވޭނެ ކަންކަން ނޫންކަމަށް ވެސް ވިދާޅުވިއެވެ. "ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އެންމެ ބޮޑަށް ލާމެހިފައިވާ ބަޔަކީ، އެ ޤައުމެއްގެ ސިފައިން. ގެއްލިފައި އޮތް މިނިވަންކަމެއް އަނބުރާ ހޯދުމަށްވުރެ، ލިބިފައި އޮތް މިނިވަންކަން އެގޮތުގައި ދެމެހެއްޓުމަކީ، މާ ބުރަ ކަމެއް. ތިޔަ ހިތްވަރުގަދަ ސިފައިން ރެޔާއި ދުވާލު ކުރައްވަމުން ތިޔަ ގެންދަވަނީ އެ ބުރަ މަސައްކަތް. އެކަމަށްޓަކައި ކޮންމެ ރައްޔިތަކު ޝުކުރުވެރިވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބަދަލުތަކާ ފައިހަމަކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖެއްސޭނީ، ދިވެހި ސިފައިންނަކީ ހޭލުންތެރި ޢިލްމީ ބަޔަކަށް ވެގެން ކަމަށެވެ. "ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުން. އެކަމުގައި އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައިގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން. ވަކިން ޚާއްޞަކޮށް، އިންޑިޔާ ކަނޑުގެ ޞުލްޙަޔާއި ހަމަޖެހުމަށް ލޮޅުމެއް އެރިޔަ ނުދިނުމަށްޓަކައި، ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށި ދުވަހެއްދުވަހަކަށް ދަނީ ސުންނާފަތިވެ ހަލާކުވަމުން ކަމަށެވެ. "އުދައަރައި ހޭޅިފަށާއެކު ރަށްތައް އެދަނީ ގިރަމުން. މާ ދުރު ކަރަތަކުގައި ފެތުރޭ ނުރައްކާތެރި ވަބާތަކާއި ބަލިމަޑުކަމުގެ ސަބަބުން، އިޤްތިޞާދަށް އެދަނީ ލޮޅުން އަރަމުން. ދުނިޔޭގެ އެހެން ޤައުމުތަކާ ކިތަންމެ ދުރުގައި އޮތަސް، މިއީ މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް،" ރައީސް ވިދާޅުވިއެވެ.

މިފަދަ ހުރިހާކަމަކަށް ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް، ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ޢަސްކަރިއްޔާ އިތުރަށް ތަރައްޤީކުރުމަށްޓަކައި، ސިފައިންނަށް ބޭނުންވާނެ ފަންނީ އަދި ޢަސްކަރީ އާލާތްތަކާއި، ވަސީލަތްތަކާއި އުޅަނދުފަހަރު ހޯދުމަށް، ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.