ކޮރަޕްޝަނާއި ފަސާދައަށް ސަރުކާރުން އެއްވެސް ޖާގައެއް ނުދޭނެ: ރައީސް

ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއްނުދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން އެމަނިކުފާނު ވިދާޅުވީ "މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް"ކަން ޔަޤީންކޮށް އަރުވަން" ކަމަށެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ޤާނޫނީ އޮނިގަނޑު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައި ކަމަށެވެ. "ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް،މިހާރު އޮންނާނީ މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާފައި. ސަރުކާރުން މި ބިލް އެކުލަވައިލާފައިވާނީ، ދައުލަތުގެ އިސް މަޤާމުތަކުގައި ތިބޭ މީހުން، އެ ކުށް ކުރާ ޙާލަތުގައި ލިބޭ އަދަބުގެ ދަރަޖަ މަތިކުރެވޭ ގޮތަށް،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ މަޤުސަދެއް ޙާސިލް ކުރުމަށް ވަކިބަޔަކަށް އަމާޒުކޮށް މިދިޔައަހަރު ވަނީ އެގާރަ ޤާނޫނެއް ބަދަލުކޮށްފައި ކަމަށެވެ. އެ 11 ޤާނޫނު ދިރާސާކުރުމުގެ މަސައްކަތް، ސަރުކާރުން މިހާރު އަންނަނީ ކުރައްވަމުން ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް 14 ބިލެއް ހުށަހަޅައި، އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި 10 ބިލެއް މިހާރު ތަޞްދީޤު  ކުރައްވައިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރުހުރި ބިލްތަކަށް ބަލާއިރު [ކޮރަޕްޝަންގެ ޢަމަލުތައް ހާމަކުރާ މީހުން ރައްކައުތެރިކުރުމުގެ ބިލާއި]، [ދިވެހިރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ބިލު] ހިމެނޭ. އަދި [ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު]ވެސް، ވީހާ އަވަހަކަށް ނިންމަވައިދެއްވުމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް ކުޑަކުދީންގެ ޢަދުލުގެ ބިލެއް، މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ހިފަހައްޓާފައި ހުރި، ކައުންސިލްތަކުގެ ވަރަށް ގިނަ ބާރުތައް، މިހާރު ވާނީ ކައުންސިލްތަކަށް އަނބުރާ ޙަވާލުކުރައްވައިފައި ކަމަށެވެ. އަދި ލާމަރުކަޒީ ޤާނޫނު އިޞްލާޙުކޮށް، ކައުންސިލްތަކަށް އިތުރު ބާރާއި އިޚްތިޔާރުތައް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭރުން "މާލީ ބާރުވެރިކަމާއި މާލީ ފުދުންތެރިކަންވެސް ލާމަރުކަޒީ ކުރެވިގެންދާނެ. ހަމައެއާއެކު، ރަށު ތަރައްޤީގައި އަންހެނުންނަށްވެސް ހަމަހަމަ ފުރުޞަތު ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އަންހެނުންނަށް ހުރި ގޮންޖެހުންތައް ޙައްލުކުރެވޭނެ ގޮތަށް ކަމަށެވެ. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހުގެ 35 އިންސައްތަ ކަމަށާއި، ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ މިހާރަށްވުރެ އިތުރުކުރަންޖެހޭކަން ޤަބޫލުކޮށް އެކަމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަންހެންކުދީން ބޮޑެތިކުރަން ބޭނުންވަނީ، ހަމަހަމަ ފުރުޞަތު ފަހިވެފައިވާ މާޙައުލެއްގައި. އިޖުތިމާޢީ އަދި އިޤްތިޞާދީ ބައިވެރިވުމާއި، މާލީގޮތުން ބާރުވެރިކުރުވުމާއި، އިންސާފު ލިބިދިނުމުގައިވެސް، އަންހެނުންނަށްވީތީ ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާނަން" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.