
ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް ބަދަލު ކޮށްފިނަމަ ރާއްޖޭގެ ރިސޯޓުތަކުގައި ގިނަވާނީ ވަގުތީ މީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނުދާއިރާގެ ކުރީގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ވަޒީފާގެ ޕްރޮބޭޝަންގެ މުއްދަތު 6 މަހަށް އިތުރު ކުރުމަށް ވަޒީފާއާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހާ ބެހޭ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ. ނިޒާރު ވިދާޅުވީ ރާއްޖޭގައި ހަދާ އެއްވެސް ޤާނޫނެއް ރައްޔިތުންނަށް އޭގެ ސަބަބުން ގެއްލުންވާނެ ގޮތަށް ހަދައިގެން ނުވާނެ ކަމަށެވެ. ކޮންމެ ޤާނޫނެއްވެސް ވާންޖެހޭނީ ރައްޔިތުންނަށް ފައިދާހުރި އެއަޗަކަށް ކަމަށް ވެސް ވިދާޅުވިއެވެ. "ޕްރޮބޭޝަންގެ މުއްދަތު ހަ މަސް ނަމަ ރިސޯޓުތަކުގައި ދެން ގިނަވާނީ ވަގުތީ މުވައްޒަފުން. ކުޑަ މުސާރައަށް، އިނާޔަތެއްނެތި ބަޔަކު ބަންދުވީތާ،" ނިޒާރު ވިދާޅުވެފައިވެއެވެ.
ވަޒީފާގެ ޕްރޮބޭޝަން މުއްދަތެއްގެ ގޮތުގައި މިހާރު އޮންނަނީ 3 މަހެވެ. މި ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީގެ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަޙުމަދު ޢީސާއެވެ. އޭނާއަކީ ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ލާބަޔަށް ކުރިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޓީމަކީ އެމަސައްކަތުގެ ތެރެއިން އުފެދިފައިވާ ޖަމާއަތެކެވެ.
އީސަވަނީ އަދި ވަޒީފާގެ އެއްބަސްވުން ފަށާ ތާރީޚާއި، ދެވޭނެ އުޖޫރައިގެ މިންގަނޑަކާއި، އެ ހިސާބު ކުރެވޭނެ ގޮތާއި އުޖޫރަ ކަނޑައަޅާނެ މުއްދަތާއި ޗުއްޓީއާއި، އެމީހެއްގެ އަޚުލާގާއ އެފަދަ ކަންކަމަށް ދެވިދާނެ އަދަބު ނުވަތަ އެޅިދާނެ ފިޔަވަޅުތައް އުނިކުރަން ވެސް އިސްލާހު ހުށަހަޅުއްވައިފައެވެ. މީގެ އިތުރުން ވެސް އެހެން އިސްލާހުތަކެއް ވެސް ވަނީ މިޤާނޫނަށް ހުށަހަޅުއްވައިފައެވެ.