
އައްޑޫސިޓީއަށްޓަކައި މައިގަނޑު ގޮތެއްގައި އޮތީ އިގްތިސާދީ ޕްލޭނެއް ކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވާފައިވާ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު އޭނާއަށް ކާމިޔާބު ކުރެވި މޭޔަރަކަށް ހޮވިވަޑައިގެންފި ކަމަށްވާނަމަ ގެންގުޅުއްވާނެ ޕްލޭނެއް މިހާރުވެސް އެބައޮތް ކަމަށެވެ.
އެ ޕްލޭންގެ އެންމެ އިސްބަޔަކަށް އޮންނާނީ އިގްތިސާދު ކަމަށާއި އެބައި ރަނގަޅުވުމުން އެހެނިހެން ކަންކަން ހައްލު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު އެންމެ އިސްކަމެއްދޭނީ އައްޑޫގެ އިގްތިސާދަށް. ރައްޔިތުންގެ ޖީބަށް އެއްޗެއް ވަންނަ ގޮތަށް ކަންކަން ބައްޓަން ކުރެވޭތޯ ވަރަށްބޮޑު އިސްކަމެއް ދޭނަން އިރާދަކުރެއްވިއްޔާ،" ނިޒާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫ ސިޓީގައި ރިސޯޓުތައް ހުއްޓަސް އެއިން އައްޑޫ ރައްޔިތުންނަށް ލިބޭ މާބޮޑު އާމްދަނީއެއް ނުފެންނަ ކަމަށެވެ. ކިރިޔާ ވެސް ރަނގަޅު އާމްދަނީއެއް ލިބެނީ ސަރުކާރުގެ ވަޒީފާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ސިޓީގެ މަސްވެރިންނަށްހުރި ދަތިކަން ވެސް ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. "ފުރަތަމަ އަޅުގަނޑު ދެނެގަންނާނީ މަސްވެރިންނަށް ހުރި ދަތިކަންކަން. އެއަށްފަހު އެކަންކަން ރަނގަޅު ކުރުމަށް ވަގުތުން މަސައްކަތް ފަށާނަން އިރާދަކުރެއްވިއްޔާ،" ނިޒާރު ވިދާޅުވިއެވެ.