ގާސިމްގެ ވާރިސުން މަރަށްމަރު ހިފަން ބޭނުން ނުވާނަމަ އަދުހަމަށް އަންނާނީ ސަތާރަ އަހަރުގެ ޖަލުހުކުމެއް: ޕީޖީ

ޓެކްސީ ޑްރައިވަރު ގާސިމް ޙަސަނަށް ހުޅުމާލޭގައި ވަޅީން ހަމަލާދީ މަރާލި ޅ. ހިންނަވަރު، ބޮޑުހިޔާ، އަދުހަމް މުހައްމަދު މެރުމަށް ގާސިމްގެ ވާރިސުން ބޭނުން ނުވާކަމަށްވާނަމަ އަދުހަމުގެ މައްޗަށް އަންނާނީ ސަތާރަ އަހަރާއި ހަ މަސް ދުވަހުގެ ޖަލު ޙުކުމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެގޮތަށް ނިންމެވީ އަދުހަމާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ވެސް ޕީޖީ މިއަދު ވިދާޅުވިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމީމް މިއަދު ވިދާޅުވީ ޓެކްސީ ޑްރައިވަރަކަށް ހަމަލާދީ މަރާލި މައްސައިގެ އަޑު އެހުމެއް ކްރިމިނަލްކޯޓުގައި މިއަދު ކުރިއަށްދާ ކަމަށެވެ.  "މިމައްސަލާގައި ދައުވާލިބޭ އަހުމަދު މުހައްމަދާ އަޅުގަނޑުމެން އެއްބަސްވުމެއް ހަދާފައި އޮންނާނެ. އެއީ އިއުތިރާފުގެ އެއްބަސްވުން. އެ އެއްބަސްވުމުގެ ދަށުން މުޅި ހާދިސާ ހިނގައިދިޔަ ގޮތާއި އެކަން ހިނގައިދިޔަ ހުރިހާ ގޮތެއް ކިޔައިދޭން އެއްބަސްވޭ،" ޕީޖީ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އަދުހަމަށް އޮންނާނީ ސަތާރަ އަހަރާއި ހަ މަސް ދުވަހަށް ޖަލުގެ އަދަބު ލުއިކޮށް ދިނުމެވެ. މިމައްސަލައިގެ އެންމެ ބޮޑު އަދަބަކަށް އޮންނަނީ މަރުގެ އަދަބެވެ. ޖަލަށްލަންޏާ ޖަލަށް ލާން ޖެހެނީ ފަންސަވީސް އަހަރަށެވެ. "އަޅުގަނޑުމެން އެއްބަސްވަނީ އޭނާ އެއްބަސްވާ ކަމަށްވާނަމަ ޖަލު އަދަބު ލުއިކޮށްދޭން. އެގޮތަށް އެއްބަސްވުމެއްގައި ސޮއިކުރެވިގެން ކުރިއަށްދަނީ. އަބަދުވެސް ދައުވާ ލިބެ މީހާއަށް ފުރުސަތު އޮންނާނެ އެއްބަސްވުން ކުރިއަށް ނުގެންދަން. އެއްބަސްވުމުގައި ސޮއިކުރިނަމަވެސް މި އެއްބަސްވުމުގައި އޮންނާނެ މަރުވި މީހާގެ ވާރިސުން މަރަށްމަރު ހިފަން އެދޭ ހާލަތެއްގައެއް އެ އެއްބަސްވުމުގައި ބުނާ އަދަބެއް ނުދޭގޮތަށް. އޭގެ ބަދަލުގައި މަރުގެ އަދަބޭ ދޭނީ. ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި މަރަށްމަރު ހިފަން ވާރިސުން ބޭނުންވެއްޖެއްޔާ އެކަން އެހެންދާނީ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިހާރު އޮތްގޮތުން އެކަން އެއޮތީ ގާސިމްގެ ވާރިސުންގެ އަތުގައި ކަމަށެވެ. ގާސިމްގެ ވާރިސުން މަރަށްމަރު ހިފުން ދޫކޮށްލައިފިއްޔާ ސަތާރަ އަހަރާއި ހަ މަސްދުވަހުގެ ޖަލު ހުކުމަކަށްދާން އަދުހަމް އެއްބަސްވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ގާސިމް މަރާލުމުގެ ހުރިހާ ކަމެއް ހިނގައިދިޔަ ގޮތާއި އެކަންކަން ކުރަން ދިމާވި ސަބަބުތަކާއި ހުރިހާ ކަމެއް މިއަދު ޝަރީއަތުގެ މަޖިލީހުގައި އަދުހަމު ކިޔައިދޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

މިއެއްބަސްވުމުގެ ސަބަބުން ވަރަށްގިނަ ވަގުތު ސަލާމާތްވާ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

"ކޯޓުގެ ވަރަށްގިނަ ވަގުތުތައް ސަލާމަތް ކުރެވޭ. ވަރަށްގިނަ ޚަރަދު އެބަ ސަލާމަތް ކުރެވޭ. މިދިޔަ އަހަރު ޖުމްލަ ވިހިހާހަށްވުރެ ގިނަ މައްސަލަ ކޯޓުތަކުގައި ޝެޑިއުލް ކުރެވުނު. އޭގެތެރެއިން ތޭރަ ހާހެއްހާ މައްސަލަ ބޭއްވުނު. ކޮންމެ މައްސަލައަކަށް ވަރަށްބޮޑު ޚަރަދު އެބަހިނގާ މައްސަލައެއް ބޭއްވުމަށްޓަކައި. މިދެންނެވީ މުޅިރާއްޖޭގައި ހިނގާ އޮޕަރޭޝަނެއްގެ ވާހަކަ. މިކަމަށް ވަރަށްބޮޑު ޚަރަދެއް ކުޑަކުރެވޭ މިގޮތަށް އެއްބަސްވެގެން ދިޔައިމާ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.