އަޅުގަނޑު ބޭނުންވަނީ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް އެކީއެކައްޗަކަށް ނިންމަން: ޕީޖީ ޝަމީމް

ބޮޑެތި މައްސަލަތަކާ ބެހޭ ޝަރީއަތްތައް އެކީއެކައްޗަކަށް ކުރިއަށް ގެންގޮސް ވީހާ ވެސް އަވަހަށް ނިންމަވަން ބޭނުންފުޅުވާ ކަމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޖީ މިއަދު ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގެ އަޑުއެހުންތައް އެއް ދުވަހުން ދެދުވަހުން ނުވަތަ ތިން، ހަތަރު ދުވަސްތެރޭގައި ނިންމަވަން ބޭނުންފުޅުވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ މައްސަލަތަކުގެ އަޑު އެހުންތައް ވީހާ ވެސް އަވަހަށް ނިންމެވުމަށް އުސޫލުތަކެއް ކަނޑައަޅުއްވައިފައި ކަމަށެވެ. "އޭގައި އެބައޮތް މެދު ނުކެނޑި ސާޅީސް އަށްގަޑިއިރު މައްސަލަ ކުރިއަށް ގެންދަވާނެޔޭ. އެގޮތަށް ޝަރީއަތްތައް މިހާރު ކުރިއަށް އެބަދޭ ކޮންމެވެސް ވަރަކަށް، ރަށްރަށުގައި ވެސް މާލޭގައި ވެސް. އަޅުގަނޑުމެންގެ ހުށަހެޅުމަކީ އަދި އެއަށްވުރެވެސް އަވަހަށް ކުރިއަށް ގެންދިޔުން. އަޅުގަނޑުމެން މިހުށަހަޅާ ހުށަހެޅުމަކީ ޖިނާއީ އިޖުރާތު ގާނޫނުގައި މިއޮންނަނީ ކޮންޓިނުއަސް ހިއަރިން (މެދު ނުކެނޑި) ގެންދަންޖެހޭނެޔޭ. ކޮންޓިނުއަސް ހިއަރިން ކަމަށް އަޅުގަނޑުމެން މާނަކުރަން ބޭނުންވާ ގޮތަކީ އެ މައްސަލަ ހެނދުނު ނުވައެއް ޖަހާއިރު ފަށާގޮތަށް ހަވީރު ހަތަރެއް ޖަހަންދެން ގެންދަންވީއޭ،" ޕީޖީ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކުރިއަށް ގެންގޮސް އެދުވަހު އެ މައްސަލައިގެ ހުރިހާ ހެކިވެރިންގެ ހެކިބަސް ނަގައި ދެފަރާތުން ދައްކަންޖެހޭ ވާހަކަތައް ދައްކައި އެއްކޮށް ނިންމަވަން ހުށަހަޅުއްވާ ކަމަށެވެ. "އެއް ދުވަސްތެރޭ ނުވިކަމަށްވާނަމަ ދެވަނަ ދުވަހު އެ މައްސަލައޭ ގެންދާނީ. ދެވަނަ ދުވަހު އަޑުއެހުން ކުރިއަށް ގެންގޮސް ތިންވަނަ ދުވަހު ހުކުމާ ހަމައަށް ދާންވީއޭ. އެހެންވީމާ ތިން ދުވަސް ނުވަތަ ހަތަރު ދުވަސްތެރޭގައި މައްސަލަ ނިންމޭ ގޮތަށް ތައްޔާރުވެގެން ކުރިއަށްދާން ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވަނީ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނު ތަސައްވަރު ކޮށްފައި އޮތް ގޮތަކީވެސް. ކޮންޓިނުއަސް ހިއަރިންގެ މާނައަކީ އެކީއެކައްޗަކަށް އަޑުއެހުންތައް ކުރިއަށް ގެންގޮސް ޝަރީއަތްތައް އަވަހަށް ނިންމެވުން،" އެމަނިކުފާނު ވިދާޅުވިއެވެ.

 ކޯޓުތަކުން މިހާރު އަމަލުކުރާ އުސޫލަކީ އެއްގަޑިއިރަށް ޝަރީއަތް ކުރިއަށް ގެންދިޔުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް  އެއްގަޑިއިރަށް ޝެޑިއުލް ކުރުމަކީ އެއްވެސް އެއްޗެއްގައި ލިޔެވިފައިވާ ވާހަކައެއްނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެއީ އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަންނަވަނީ ހިނގާށޭ އެ އުސޫލު ބަދަލު ކޮށްފައި ޚާއްސަ ބޮޑެތި މައްސަލަތަކުގައި އެކީއެކައްޗަކަށް ޝަރީއަތް ކުރިއަށް ގެންދަން. ހެނދުނު އަށެއް ޖަހާއިރު ފަށާގޮތަށް ހަވީރު ހަތަރެއްޖަހަންދެން ޝަރީއަތް ކުރިއަށް ގެންދަންވީނޫންހޭ ޝަރީއަތް ނިމެންދެން. އެހެންވީމާ އެ ވިސްނުން އަޅުގަނޑުމެން ޕްރޮމޯޓު ކުރަނީ. އަޅުގަނޑުމެންގެ ހުށަހެޅުމަކީ އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދަން،" ޕިޖީ ޝަމީމް ވިދާޅުވިއެވެ.

އެގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމުން ޕްރޮސެކިޔުޓަރ ޖެނަރަލްއަށާއި  ކޯޓުތަކަށާއި، ހެކީންގެ ހެކިބަސް ލިބުންވެސް މާ ފަސޭހަވެ، އަވަހަށް މައްސަލަ ނިމެންވެސް ނިމޭނެ ކަމަށް ޕީޖީ ވިދާޅުވިއެވެ. އޭގެ އިތުރުން ދިފާއީ ވަކީލުންނަށް ވެސް މާރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއީ ދިފާއީ ވަކީލުންނަށް ވެސް އެއްމަސައަލައެއްގައި ހިފައިގެން ހަތަރު ފަސް އަހަރު އުޅެން ޖެހުމުން މާރަނގަޅު ނަތީޖާއެއް ނުނިކުންނާނެތީ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.

"އެއް ފަހަރުން މައްސަލަ ނިމެންޏާ ހުރިހާ އެންމެންނަށް ވެސް މާރަނގަޅު. މިގޮތަށް އަމަލުކުރުމުން މިނިޒާމާމެދު މީހުންގެ ހިތުގައި އިތުބާރު އޮންނާނެ. އަދި ދައުވާ ލިބޭމީހުންނަށް ވެސް މާރަނގަޅު. އޭރުން އެމީހުންގ ބޯމަތީގައި އެތައް ދުހަކަށް ދެމިގެންދާ ގޮތަށް މައްސަލައެއް ނޯނާނެ،" ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.