ބޯހިޔާވަހިކަމެއް ލިބެންދެން ކުލީގެ 70 އިންސައްތަ ދައުލަތުން ދައްކަން ލާޒިމުކުރާ ޤަރާރާމެދު އެމްޑީޕީ ދެކޮޅު

މާލޭގައި ކުއްޔަށް އުޅޭ, މާލީ ތަނަވަސްކަން ނެތްފަރާތްތަކަށް ބޯހިޔާވަހިކަމެއް ލިބެންދެން ކުލީގެ 70 އިންސައްތަ ދައުލަތުން ދައްކަންލާޒިމުކުރާ ގޮތަށް ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހަޅުއްވި ޤަރާރާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ގޮވާލައި ޖާބިރު ހުށަހެޅިޤަރާރާމެދު ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ޙަޞަން ލަތީފު ވިދާޅުވީ ސަރުކާރުން ވަކި ކަމެއްކުރުމަށް ލާޒިމްކުރާ ގޮތަށް މަޖިލީހުން ޤަރާރުތައް ހުށަހެޅުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ ދަށުން މިހާރު ނޯންނަކަމަށެވެ. އެހެންކަމުން މެމްބަރ ޖާބިރު ހުށަހެޅުއްވި ޤަރާރަކީ މަޖިލީހުގައި ބަހުސް ކުރެވެންޖެހޭ ޤަރާރެއް ނޫންކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ޖާބިރުގެ ޤަރާރާ ދެކޮޅީ މާލޭގެ ބޯހިޔާވަހިކަމަށް ޙައްލު ލިބުމަށް ބޭނުން ނުވާތީ ނޫންކަމަށް މެމްބަރ ޙަޝަން ވިދާޅުވިއެވެ. ސަރުކާރުން މާލީ އިލްތިޒާމްތަކެއް އުފުލަންޖެހޭ ގޮތަށް ޤަރާރުތައް ފާސްކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ބޯހިޔާ ވަހިކަން ހައްލުކޮށް ދިނުމަށް މިހާރުގެ ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވެސް މެމްބަރ ޙަސަން ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެމްބަރ އިބްރާޙީމް ޝަރީފް ވިދާޅުވީ ޖާބިރުގެ ޤަރާރަކީ ދައުލަތަށް މާލީ ބުރައެއް ޖެއްސުމުގެ ގޮތުން ހުށަހަޅުއްވައިފައިވާ ޤަރާރެއްކަމަށެވެ. އަދި މި ޤަރާރަކީ ޖަޒުބާތުގައި ޖެހިވަޑައިގެން ރައްޔިތުންނަށް މާހެޔޮ މީހެއްކަމަށް ދެއްކި މަޝްހޫރުކަން ހޯއްދެވުމަށް ޖާބިރު ހުށަހެޅުއްވި ޤަރާރެއްގެ ގޮތުގައި މެމްބަރ ޝަރީފު ސިފަކުރެއްވިއެވެ.

ޖާބިރުގެ ޤަރާރުގައި މާލީ ތަނަވަސްކަން ނެތްފަރާތުގެ ކުލީގެ 70 އިންސައްތަ ދައުލަތުން ހަމަޖައްސައި ދޭން ޖެހޭނެ ކަމަށް ބުނެފައި ވަނީ ސަރުކާރުން 20 ހާސް ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އެފަދަ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައި ދެވެން ދެކަށެވެ.

ޖާބިރު ޤަރާރުގެ ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ އަތޮޅުތަކުގެ މީހުން މާލެއަށް ޖަމާވަނީ އަތޮޅު ތަކުގައި ތަޢުލީމާއި ޞިއްޙަތާއި އެނޫންވެސް ވަޞީލަތްތައް ނެތުމުން ކަމަށެވެ. މާލެއަށް މީހުން ޖަމާކުރުމުގެ ޘަޤާފަތެއް ކުރިންސުރެ އޮތްކަން ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރާމެދު މަޖިލީހުން ގޮތެއް ނިންމަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.