ދިގު 30 އަހަރުގެ ވެރިކަމަކަށް ފަހު ދިވެހިން ރާއްޖޭގެ ހިންގުމަށް ގެނައި އެންމެބޮޑު ބަދަލަކީ އެވެރިކަމަށް ނޫނެކޭ ބުނެ އެމްޑީޕީގެ ވެރިކަމެއް ގެނައުމެވެ. ނަމަވެސް ރައްޔިތުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ ވެރިކަން ޙަވާލު ކުރެއްވި ފަސް އަހަރުގެ މުއްދަތަށް އެމަނިކުފާނަށް ވެރިކަން ކުރެއްވޭ ގޮތެއް ނުވިއެވެ. 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެމަނިކުފާނު އިސްތިއުފާ ދެއްވިއެވެ. އެމަނިކުފާނު އިސްތިއުފާ ދެއްވުމަށްފަހު ޤާނޫނު އަސާސީގައި ވާގޮތުން ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީ ސަރުކާރުގެ ނާއިބްރައީސް ޑރ. މުޙައްމަދު ވަޙީދެވެ. އެމްޑީޕީ ސަރުކާރުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރެއްވީ ރައީސް ވަޙީދެވެ.
ފެބްރުއަރީ ހަތެއް 2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ރާއްޖޭގައި ހިންގި "ބަޣާވާތެއްގެ" ސަބަބުންނެވެ. އެއީ އޭރުގެ އިދިކޮޅު ފަރާތްތަކާއި ސަލާމަތީ ބާރުތަކުން ކުރި "ބަޣާވާތެއްގެ" ގޮތުގައިވެސް ގިނަ ބަޔަކު ދެކެއެވެ. ޚުދު ރައީސް ނަޝީދުވެސް ވިދާޅުވަނީ އެހެންނެވެ. ރައީސް ވަޙީދު ވެރިކަމަށް ވަޑައިގެންނެވީ ކުރެއްވި ބަޣާވާތަކުން ކަމަށް ބުނެ އެމަނިކު ފާނުގެ ނަމުގެ ކުރިއަށް ވެސް "ބަޣީ" ބޭނުން ކުރަމުން ދިޔައެއެވެ. ހަމަ އެހެންމެ އޭރުގެ އިދިކޮޅު ފަރާތްތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ އޮފިސަރުންގެ ނަމުގެ ކުރިއަށް ވެސް "ބަޣީ" ބޭނުން ކުރަމުން ދިޔައެވެ.
2012 ގެ ފެބްރުއަރީ ހަތަކަށް ފަހު އަށެއްވެސް ހަދާންނައްތައިލައިގެން ނުވާނެ!
ފެބްރުއަރީ ހަތެއް 2012 ގެ ހަނދާންތައް "ބަޣާވާތެއްގެ" ގޮތުގައި ދެކޭއިރު ޖެހިގެން އައި ފެބްރުއަރީ 8 ވަނަ ދުވަހުގެ ޓެރެރިސްޓް ހަމަލާތައްވެސް ހަދާނުން ފިލުވައިލައިގެން ނުވާނެއެވެ. ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އެއީ "ޤަރުނުގެ ބޮޑު ހުޅެވެ." ރާއްޖޭގެ ތަޖްރިބާކާރު ނޫސްވެރިޔާ މުޙައްމަދު ސަޢީދު މުސާ ވަޖުދީ ލިޔުއްވައިފައިވާ "ޤަރުނުގެ ބޮޑު ހުޅު" މި ފޮތުގައި އެޙާދިސާގެ ވަރަށް ގިނަ މަޢުލޫމާތު ތަކާއި ފޮޓޯތައް ވަނީ ހިމަނުއްވައިފައެވެ. ހޯމް މިނިސްޓްރީއާ ޙަވަލާ ދެއްވައި އޭނާ ލިޔުއްވައިފައިވާ ގޮތުގައި ފުލުހުންނާއި ޝަރުޢީ ދާއިރާގެ އިތުރުން ދައުލަތުގެ އެހެންބައެއް ތަންތަނާއި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 183 މިލިއަން ރުފިޔާއަށް އަރައެވެ.
ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް 24 ގަޑި އިރުވެސް ނުވަނީސް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމީ ވެރިކަން އަލުން ހޯދުމަށް މަގުމައްޗަށް ނުކުތުމަށެވެ. މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ލީޑަރޝިޕާއި ސަޕޯޓަރުން މާލޭގެ މަގުތަކަށް ނުކުމެ ކުރި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގާދިޔަ ހަމަ ނުޖެހުން ތަކުގައި އެމްޑީޕީގެ ލީޑަރޝިޕުގެ އިސްބޭފުޅުނާއި އާންމު މެމްބަރުންނަށް ވެސް އަނިޔާ ލިބިގެން ދިޔައެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ޕާޓީގެ ޖޯޝްގައި ޖެހި އަމިއްލަ ވަޒަނުގައި އަމަން ބަލަހައްޓަމުންދިޔަ ފުލުހުންގެ އިދާރާތަކާއި އަމިއްލަ ތަރިކަ މުދަލާއި ވަރި ކައިވެނީގެ ރެކޯރޑްތަކާއި އެނޫން ވެސް ގިނަ ލިޔެކިޔުންތަކެއް ބަލަހައްޓަމުންދިޔަ ޝަރުޢީ ކޯޓްތައް އަންދާލާ އަޅިއަށް ހަދާލުމެވެ.
އޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ އިދާރާއާއި ކޯޓްތަކަށް ގެއްލުންދީ އަންދާލާފައިވަނީ އެމްޑީޕީގެ ސަޕޯރޓަރުންނެވެ. ފުލުހުންގެ އިދާރާތަކާއި ކޯޓްތަކުގައި ހުޅުޖެހުމުގެ އިތުރުން ބައެއް ރަށްރަށުގެ އަމަން ބަލަހައްޓަމުން ދިޔަ ފުލުހުން ވަނީ އެރަށްރަށުން ބޭރުކޮށްފައެވެ. ހަމަ އެހެންމެ ފުލުހުން ބޭރުކުރުމަށްފަހު އެތަންތަން ވަނި އެކަމުގައި ބައިވެރިވި މީހުން ނުކުމެ ހިޞާރުވެސްކޮށްފައެވެ.
ފުލުހުންގެ ޢިމާރާތްތަކާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 112 މިލިއަނަށް ވުރެވެސް ބޮޑު
ފެބްރުއަރީ 8 ގެ "ބޮޑުހުޅުން" ފުލުހުންގެ ޢިމާރާތްތަކާއި ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގު 112 މިލިއަން ރުފިޔާއަށް ވުރެވެސް ބޮޑު ކަމަށް އޭރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އަތޮޅުތަކުގެ ރަށްރަށުގައި ހުރި ފުލުހުންގެ އިދާރާތަކާއި ވެހިކަލްތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 19 ޕޮލިސް ސްޓޭޝަންގެ ޚިދުމަތް މެދުކެނޑިގެން ދިޔައެވެ. ފުލުހުންގެ އިދާރާތަކަށާއި ތަކެއްޗަށް ލިބުނު ގެއްލުން ތަކުގެ ސަބަބުން ޖަރީމާ ހިންގި މީހުން ހައްޔަރު ކުރެވޭނެ ގޮތްވެސް އޮތީ ނުވެފައެވެ. އަމަން ބެލެހެއްޓުމުގެ ދާއިރާއަށް ލިބިގެން ދިޔަ ގެއްލުމުގެ ތެރޭގައި 200 އަށް ވުރެ ގިނަ އެއްގަމު އުޅަނދުގެ އިތުރުން ދެ ލޯންޗަށްވެސް ގެއްލުން ދީފައި ވެއެވެ.
ކޯޓްތަކަށް ލިބުނު ގެއްލުން 50 މިލިއަނަށްވުރެ މަތީގައި
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 2012 ގައި ހާމަކޮށްފައިވާގޮތުގައި ބައެއް ރަށްރަށުގައި އަންދާލައިފައިވާ ކޯޓްތަކުގެ އިތުރުން ތަކެއްޗަށް ގެއްލުން ދިނުމުގެ ސަބަބުން ލިބުނު މާލީ ގެއްލުން 50 މިލިއަނަށް އަރާނެއެވެ. ނަމަވެސް އޭރު ކޯޓްތަކަށް ލިބިފައިވާ ގެއްލުމުގެ ތަފްޞީލް ހިސާބުތައް ނުނެގޭކަމަށް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މާލީ ގޮތުން ލިބުނު ގެއްލުން އުޅޭނީ 50 މިލިއަން ރުފިޔާއަށްވުރެ ވެސް މަތީގައެވެ. އައްޑޫ މީދޫ ފިޔަވައި އެ ސިޓީގެ ހުރިހާ ރަށެއްގެ ކޯޓްތަކުގެ އިތުރުން ގދ. ތިނަދުއާއި ރަތަފަންދުއާއި ފުވައްމުލަކުގެ މެޖިސްޓްރޭޓް ކޯޓް ފެބުރުއަރީ 8 ގެ "ބޮޑުހުޅު" ގައި ވަނީ އަންދާލައިފައެވެ. މީގެ އިތުރުން ހަތަރު ކޯޓަށް ވަނީ ގެއްލުން ދީފައެވެ، އެތަންނަށް ގެއްލުން ދީފައިވަނީ އިންޒާރު ދިނުމަށްފަހުއެވެ. އެހަތަރު ކޯޓަކީ ނ. ވެލިދޫ ކޯޓާއި ބ. ކަމަދޫ ކޯޓާއި ގޮއިދޫ ކޯޓާއި ގދ. ގައްދޫ ކޯޓެވެ. މީގެ އިތުރުން ބަޔަކު ނުކުމެ ނުރުހުން ފާޅުކޮށް ހަ ކޯޓެއްގެ މަސައްކަތް ހުއްޓާލައި ބަންދުކުރަންޖެހުނު ކަމަށް ޖުޑިޝަރީން އޭރުވަނީ ހާމަކުރައްވައިފައެވެ.
ފެބްރުއަރީ 8 ގެ "ބޮޑުހުޅު" ގެ އެންމެ ބޮޑު ގެއްލުމެއް އައްޑުއަށް!
ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ޕޮލިސްޓޭޝަންތަކާއި ކޯޓްތަކަށް ގެއްލުން ދީފައިވާއިރު އެންމެ ބޮޑު ގެއްލުމެއް ދީފައި ވަނީ އައްޑުއަތޮޅަށެވެ. އައްޑު އަތޮޅުގެ ހުޅުމީދޫ ޕޮލިސްޓޭޝަނާއި މީދުގެ ކޯޓް ފިޔަވައި ހުރިހާ ޕޮލިސްސްޓޭޝަންތަކާއި ކޯޓްތަކާއި އެތަންތަނުގައި ބޭނުން ކުރަމުން ދިޔަ ވެހިކަލްތައްވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާ އަޅިއަށް ހަދާލައިފައެވެ. ޕޮލިސްޓޭޝަނާއި ކޯޓްތައް އަންދާލައިފައި ވަނީ އެތަންތަނަށް ވަދެ ތަންތަނުގެ ތަކެއްޗަށްވެސް ގެންލުންދީ ލޫޓުވުމަށްފަހުކަމަށް މަންޒަރު ދުށް ފުލުހުން ވެސް ވަނީ ކިޔައިދީފައެވެ. އަދި އެތަންތަނަށް ވަދެ އަމަން ބަލަހަށްޓަން ތިބި ފުލުހުންގެ ބާރު ކަނޑުވާލާ ތަނުގައި ތިބި ބޮޑެތި ކުށްވެރިންވެސް ދޫކޮށްލިއެވެ. އައްޑޫސިޓީގެ ޕޮލިސްޓޭޝަންތަކުގެ އިތުރުން ޕޮލިސް ޓްރޭނިން ސެންޓަރުވެސް ވަނީ އަންދާލާފައެވެ. އެސިޓީގައި އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ޖެހިގެން އައި ބުރާސްފަތި ދުވަހު ސްކޫލުތައްވެސް ބަންދުކުރިއެވެ.
އައްޑޫ ސިޓީ ފިޔަވައި ފެބުރުއަރީ އަށެއްގެ "ބޮޑުހުޅުން" ދެން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ގދ. ތިނަދުއަށެވެ. ބޮޑު ހުޅު ފެށުނީވެސް ތިނަދޫއިންނެވެ. ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ އިތުރުން ފުލުހުންގެ އިދާރާއާއި އަތޮޅު ކައުންސިލް އިދާރާވެސް ވަނީ އަންދާ އަޅިއަށް ހަދާލާފައެވެ. ތިނަދޫ ރަށު ކައުންސިލުގެ އިދާރާއަކަށް އެއްވެސް ގެއްލުމެއް ނުދެއެވެ. ތިނަދޫ ކައުންސިލްގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. ތިނަދޫ ކޯޓް ރޯކޮށްލައިފައިވަނީ އެތަން ލޫޓުވާލުމަށްފަހުއެވެ. ލޫޓުވާލުމަށްފަހު ނެގި ބައެއް ތަކެތި އެރަށުތެރޭގައި ފަހުން ވިއްކަން މަސައްކަތް ކުރިކަމަށް ވެސް ޖުޑިޝަރީން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
"ބޮޑުހުޅުން" ދައުލަތާއި އާއްމު ރައްޔިތުންނަށް ލިބުނު ގެއްލުމަށް ވެސް އިންސާފު ލިބެންޖެހޭ!
ފެބްރުއަރީ ހަތްވަނަ ދުވަހުގެ އެމްޑީޕީގެ ވެރިކަން ވެއްޓުނު ހަދާންތައް އެކިފަރާތްތަކުން އިއްޔެ އެކިގޮތްގޮތަށް އާކުރަމުންދިޔައިރު ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތު ސިފަކުރެއްވީ ދިވެހި ތާރީޚުގެ "ކަޅު ދުވަހެއް"ގެ ގޮތުގައެވެ. ބަންޑާރަނައިބު ސިފަ ނުކުރެއްވި ނަމަވެސް ދިވެހި ދައުލަތާއި ރައްޔިތުންނަށް މީގެ އަށް އަހަރު ކުރީގެ ފެބުރުއަރީ 8 ވަނަ ދުވަހަކީވެސް "ކަޅު، ބިރުވެރި، ހިތާމަވެރި" ދުވަހެކެވެ.
ބަންޑާރަ ނާއިބުގެ އިއްޔެގެ، ފެބްރުއަރީ ހަތެއްގެ އުއްމީދަކަށްވީ މީގެ އަށް އަހަރު ކުރިން ފެބުރުއަރީ ހަތް ވަނަ ދުވަހުގެ އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އަވަހަށް އިންސާފު ލިބުމެވެ. މިކަން ހާމަކޮށް ބަންޑާރަނާއިބު އިއްޔެ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަބަޔަކަށް އަވަހަށް އިންސާފު ހޯއްދަވައި ދެއްވުމަށްޓަކައި މަޖިލީހުގެ ކޮމެޓީ މަރުޙަލާގައިވާ އިންތިޤާލީ އިންސާފުގެ ބިލް ފާސްކޮށް ޤާނޫނަކަށް ހަދަން ޖެހޭ ކަމަށެވެ.
މިބިލު ސަރުކާރުން މަޖިލީހަށް ހުށެޅުއްވީ، ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސި މިނިވަންކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލައި ތަޙްޤީޤްކޮށް، ތެދު ހާމަކޮށް އެފަދަ އަނިޔާތައް ތަކުރާރުވުން ހުއްޓުވައި، ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައިކަން ބަންޑާރަ ނާއިބް ފާހަގަ ކުރައްވައިފައި ވެއެވެ.
އިންތިޤާލީ އިންސާފުގެ ބިލުގައި ވަނީ ޖެނުއަރީ 2012 އިން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް އެކުވާލުމަށެވެ. މިބިލްގައި ކަނޑައެޅިފައިވާ މުއްދަތަކީ އެމްޑީޕީ ވެރިކަން ނިމުމަކާ ހިސާބަށް އައިސް މިހާރު ހިނގަމުންދާ ސަރުކާރު ފެށުމާ ހަމައަށް ހިނގާ ދިޔަ މުއްދަތެވެ.
ބިލްގައި ކަނޑައަޅައިފައިވާ މުއްދަތުގައި 2012 ވަނަ އަހަރުގެ ފެބުރުއަރީ އަށެއްވެސް ހިމެނެއެވެ. އެދުވަހަކީ ދައުލަތަށް އިންތިހާއަށް ބޮޑު ގެއްލުމެއް ބައެއްގެ ސަބަބުން ލިބިގެން ދިޔަ ދުވަހަކަށްވާއިރު އިންތިޤާލީ އިންސާފުގެ ބިލުން އެދުވަހު ދައުލަތާއި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ލިބިގެން ދިޔަ ގެއްލުމަށްވެސް އިންސާފު ލިބެންޖެހޭނެއެވެ.
Mi liyumattakaa liyuntheriyaa ah shukuriyyaa.Hajam ge massala ulhey bayakah balaigannan nukulhedhunas meega mivanee thedhu hageegaiy
Mi nirubaveri hamalaa thahugeegukoh zimmaavaa meehunnah fiyavalhu alhaabala insaafu gaaimu kuraanamey kiyaigen ai meehunney.evaru kuraane hiyvvareh neiynama gaumah dhin bodu gellun mathin han'dhaankoh maafah edhibala
Gadha in'gey.Kommeves ebbayaku February 8 ves han'dhaan kuran ebajehey.Mi bodu hageegaiy foruvaa nuvaa kamakah hadhan beynunvaa meehunves ulhey
ރައްޔިތުންގެ މުދަލާއި ފައިސާގެ ގެއްލުމާއި އެގެއްލުން ނުދިން ނަމަ ލިބޭނެ ފައިދާ އެގެއްލުންދޭން ރޭވިމީހުންނާއި އަމަލީގޮތުން ބައިވެރިވި ބައެއްގެ އަތުން ހޯދަންޖެހޭ. އަދި އެކަމަށް ކަޑައެޅިފައިވާ އަދަބެއް ވެސް ދޭންޖެހޭ. އިންސާފު ނުލިބޭތީ ރައްޔިތުން އިންސާފުހޯދަން ނިކުންނަން ޖެހިއްޖެނަމަ ގައުމުގެ ހަމަޖެހުންގެއްލި ދާއިމީ ހަމަނުޖެހުމަކަށް ހިނގައިދާނެ.