ދިރޭ ޖަނަވާރު ރާއްޖެ އެތެރެކުރުން ވަގުތީ ގޮތުން މެދަކަނޑާލައިފި

ނޮވެލް ކޮރޯނާ ވައިރަސް އާއި ދޫނި ރޯގާއިން ރައްކާތެރިވުމަށް ވެޓެރިނަރީ ސެކްޓަރއިން ދުރާލާ އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މިބަލިތައް އުޅޭ ޤައުމުތަކުން ދިރޭ ޖަނަވާރު އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު ހުއްދޭން އަލުން ފަށާނެ ދުވަހެއް ފަހުން އިޢުލާން ކުރައްވާނެ ކަމަށެވެ.

ނޮވެލް ކޮރޯނާ ފެތުރުން ފަށައިފައިވަނީ 2019 ވަނައަހަރު ޑިސެމްބަރު މަސްތެރޭގައެވެ. އެބަލި ފުރަތަމަ ފެތުރުނީ ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވުހާން ގައެވެ. މިބަލީގެ އަސްލަކީ ޖަނަވާރު ކަމުގައި ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމިއްޔާއާއި،  ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާއިން ވަނީ ލަފާ ދެއްވައިފައެވެ. އެހެންކަމުން މިވައިރަހަކީ ޒޫނޮޓިކް ވައިރަހެއްކަން ވަނީ ކަށަވަރު ވެފައި ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިވައިރަސް ޗައިނާގައި ބާރުދުވެއްޔެއްގައި ފެތުރި، ރޯގާޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވަމުންގޮސް މިހާރުވަނީ އޭޝިޔާއާއި، ވިލާތާއި، އެމެރިކާ ބައްރުގެ އެތައް ޤައުމަކަށާއި އޮސްޓްރޭލިޔާއަށް މިވައިރަސް ފެތުރި، ރޯގާޖެހިފައިވާ މީހުން ފެންނަ ޢަދަދު އިތުރުވާން ފަށައިފައި ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ދިރޭ ނުވަތަ މަރުވެފައިވާ ޖަނަވާރާއި، ރަނގަޅަށް ރޯނުފިލުވާ ހުންނަ މަސްފަދަ ޖަނަވާރުގެ އުފެއްދުންތަކާ ގައިގޯޅިނުވުމަށާއި، ޖަނަވާރު ވިއްކާ ތަންތަނަށް ނުދިއުމަށް  ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ވަނީ ލަފާ ދެއްވައިފއެވެ.

މީގެއިތުރުން، މިދުވަސްވަރު ގިނަ ޤައުމުތަކުގައި ދޫނިރޯގާ ވެސް ދަނީ ފެތުރެމުންނެވެ. އެހެން ކަމުން ރޯގާ އުޅޭ ޤައުމުތަކުން ދިރޭ ޖަނަވާރު އެތެރެކުރުމަކީ ރާއްޖެއަށް ވައިރަސް އެތެރެވުމުގެ ފުރުޞަތު އޮތްކަމެއްކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.