ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތިއްބެވި ބޭފުޅުންގެ މުސާރައިގެ ވިހި ޕަސެންޓް އުނިކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ އައްޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކު ޢަބްދުލްޢާޒީޒު ވިދާޅުވީ މިއީ ކޮވިޑް-19 ގެ ސަބަބުން ޚަރަދު ކުޑަކުރަން އައްޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ސަރުކާރުން ވަނީ އެއްބިލިއަން ރުފިޔާގެ ޚަރަދު ކުޑަކުރަން ނިންމަވާފައި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންދަވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރެއްވުމަކީ ވެސް އޭގެ ތެރެއިން ކަމެއް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. ސަރުކާރުން މިހާރުވެސް ގެންދަވަނީ ޓޫރިޒަމް ސެކްޓަރ ވަރަށް ރަނގަޅަށް ބަލަހައްޓަވަމުންނެވެ.
މަބްރޫކް ވިދާޅުވީ އަނަންތަރަ ކިހާވަށުގައި ހުރި ބިދޭސީއެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އޭނާ ވަނީ އައިސޮލޭޓް ކޮށްފައި ކަމަށާއި އެރަށްވަނީ މޮނިޓަރިންއަށް ލާފައި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނިއުސްކޮންފަރެންސްގައި އޭނާ ވިދާޅުވީ މިހާތަނަށް ވަނީ 219 ސާމްޕަލް ނަގާފައި ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. 45 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މެލޭޝިއާ އާއި އިނގިރޭސި ވިލާތުން ރާއްޖެއަށް މީހުން އައުން މިހާރުވާނީ މަނާކޮށްފައި ކަމަށެވެ. އެހެންނަމަވެސް އެގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ރާއްޖެއަށް އާދެވޭނެ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެމީހުން ވެސް އައިސް ފުރަތަމަ ތިބެންޖެހޭނީ 14 ދުވަހުގެ ކަރަންޓީނެއްގައެވެ.
މެލޭޝިއާއިން މީހުން ރާއްޖެއައުން މަނަވާ ވެގެންދާނީ މިއަދު ހަވީރު 6:00 އިން ފަހުއެވެ. އިނގިރޭސި ވިލާތުން މީހުން އައުން މަނާކުރާނީ މިމަހު 19 އިން ފެށިގެން ކަމަށް މަބްރޫކް ވިދާޅުވިއެވެ.