ޗައިނާ މޯލްޑިވްސް ފްރެންޑްޗިޕް ބްރޮޖާ ބެހޭ ފޮތެއް ނެރެފިއެވެ. މި ފޮތް ޝާއިއުކޮށްފައި ވަނީ "ދިވެހި ޕަބްލިޝިންގ ގްރޫޕް" ގެ ފަރާތުންނެވެ. ފޮތް ތައްޔާރު ކުރައްވައިފައި ވަނީ އިސްމާޢީލް ޢަަބްދުﷲ އާއި ޑޮކްޓަރ ޙަސަން ޙަމީދާއި އަޙްމަދު ޝިޔާމެވެ. ފޮތުގެ ނަމަކީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް – ހުވަފެނަކުން ޙަޤީޤަތަކަށް" އެވެ. ފޮތަކީ ވަަރަށް ގިނަ ފޮޓޯއާއި މައުލޫމާތާއެކު ކުލަކޮށް ޗާޕުކޮށްފައިވާ ފޮތެކެވެ. ފޮތުގެ ލިޔުންތައް ހުރީ ތިން ބަހުންނެވެ. އެއީ ދިވެހިބަހާއި އިނގިރޭސިބަހާއި ޗައިނާ ބަހުންނެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސިނަކޯ މާލަމުގައި ރޭ 8.30 ގައި ބޭއްވި ރަސްމިއްޔާތުގައި ފޮތް ނެރެދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރުގެ މަންދޫބެކެވެ. ފޮތުގެ އެއް މުސައްނިފު އަޙްމަދު ޝިޔާމް ވިދާޅުވީ ގޮތުގައި ފޮތް ނެރެދެއްވާން އޮތީ ސަފީރެވެ. އެހެންނަމަވެސް ރޭ ދިމާވީ ކުއްލި ކަންތައްތަކަކާ ގުޅިގެން އެމަނިކުފާނަށް ވަޑައިނުގެންނެވުނީއެވެ.
ފޮތުގެ މަސައްކަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން އިސްމާޢީލް ޢަބްދުﷲ އަކީ މީގެ ކުރިންވެސް ރާއްޖެޔާ ބެހޭ ދެ ފޮތެެއް ނެރުއްވައިފައިވާ ބޭފުޅެކެވެ. އަދި ކުޅަދާނަ ފޮޓޯނެގުންތެރިއެކެވެ. ޑޮކްޓަރ ޙަސަން ޙަމީދަކީ ބްރިޖްގެ މަސައްކަތް ފެށުނީއްސުރެ ނިމޭންދެން އެކަން ހިނގަމުންދާ ގޮތް ބައްލަވައި ދިރާސާ ކުރައްވައި އޭނާގެ އަމިއްލަފުޅު ބްލޮގްގައި ލިޔުއްވަމުން ގެންދެވި ބޭފުޅެކެވެ. އަޙްމަދު ޝިޔާމަކީ އެކި މަޖައްލާތަކަށް މަޒުމޫނު ލިޔުއްވައި ފޮތް ނެރުއްވާ ބޭފުޅެކެވެ. ބްރިޖްގެ މަސައްކަތް ފެށުނީއްސުރެ މަސައްކަތް ގާތުން ބައްލަވަމުން ގެންދެވި ބޭފުޅެކެވެ.
ރޭގެ ހަފުލާގައި ފޮތުގެ މުސައްނިފުންގެ ތެރެއިން އަޙްމަދު ޝިޔާމް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ބްރިޖުގައި 82 ހާސް ޓަނުގެ ދަގަނޑު ބޭނުން ކޮށްފައިވެއެވެ. އެއްލައްކަ ފަންސާސް ތިންހާސް ކިއުބިކް މީޓަރުގެ ކޮންކުރިޓް ބޭނުން ކޮށްފައިވެއެވެ. 100 މީޓަރު ދިގުމިނުގެ ނުވަތަ އުސްމިނުގެ ތަނބު ޖަހާފައި ވެއެވެ. އެއީ 33 ބުރީގެ އިމާރާތެއްގެ އުސްމިނެވެ.
ހަފުލާގައި ބައެއް އެހެން އިއްޒަތްތެރިންވެސް ވާހަކަފުޅު ދެއްކެވިއެވެ.
އެކި ސަރުކާރުތަކުގައި މާލެއާއި ހުޅުމާލެއާ ދެމެދު ބްރިޖެއް އެޅުމުގެ ތަސައްވުރު ގެންގުޅުނު ގޮތާއި ދިމާވީ ހުރަސްތަކާއި ބްރިޖްގެ މަސައްކަތް ފެށިގެން ކުރިއަށް ދިޔަ ގޮތާއި ޚަރަދާއި ފަންނީ އެތައް މައުލޫމާތެއް މި ފޮތުގައި ހިމަނައިފައިވެއެވެ. މީގެ އިތުރަށް މަސައްކަތް ފެށުނީއްސުރެ ހުޅުވަންދެން ހިނގި ހުރިހައި ކަމެއްގެ ވަރަށް ރީތި ކުލަ ފޮޓޯތައް ހިމަނައިފައި ވެއެވެ.
ފޮތުގެ ބޮޑުމިނަކީ 11 އިންޗި. 8.5 އިންޗިއެވެ. ފޮތުގައި ހިމެނެނީ 164 ސަފުހާއެވެ. ފޮތް މާދަމާއިން ފެށިގެން ނޮވެލްޓީ ބުކްޝޮޕުންނާއި ރައުންޑް ވަން ބުކްޝޮޕުންނާއި ނޮލެޖް ބުކްޝޮޕުން ވިއްކާނެއެވެ. ފޮތެއްގެ އަގަކީ 300 ރުފިޔާއެވެ.