މުޅިންއާ 24 ބިލާއެކު 56 ބިލެއް، ސަރުކާރުން މަޖިލީހުގެ ފުރަތަމަ ދައުރަށް ފޮނުވަނީ

މުޅިންއާ 24 ބިލާއެކު 56 ބިލެއް، ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ފޮނުވުމަށް ގަސްދުކުރައްވާކަމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އޭގެތޭގައި ހިމެނޭނީ މުޅިންއަލަށް އެކުލަވާލާ 24 ބިލާއި މިހާރު ޢަމަލުކުރަމުން އަންނަ ބައެއް ޤާނޫނުތައް އިޞްލާޙުކުރުމަށް ހުށަހަޅާ 32 ބިލެއްކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ފުރަތަމަ ދައުރަށް ސަރުކާރުން މަޖިލީހަށް ފޮނުއްވި ބިލްތަކުގެ ތެރެއިން ތިންބިލެއް މާދަމާ އޮންނަ ދައުރުގެ ދެވަނަ ޖަލްސާއަށް ތަޢާރަފް ކުރެއްވުމަށް ވަނީ އެޖެންޑާ ކުރައްވާފައެވެ. އެއީ މުޅިން އަލަށް އެކުލަވާލެއްވި ފުލުހުންގެ ޚިދުމަތުގެ ބިލާއި ނަފްސާނީ ޞިއްޙަތުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ. ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙަމޫދު ވެސް ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ފޮނުވައިފައެވެ. މާދަމާގެ އެޖެންޑާގައި އެންމެ ފުރަތަމަ ތަޢާރަފްކުރާނެ ބިލެއްގެ ގޮތުގައި ވަނީ ޖީހާން ފޮނުއްވި ބިލެވެ. އެހެންކަމުން މަޖިލީހުން އެދެބިލްގެ މަސައްކަތް ގެންދަވަނީ އެކުއެކީގައި ކަމަށް ބެލެވެއެވެ.

މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި 49 ބިލުގެ ތެރެއިން، 27 ބިލެއް ވަނީ ފާސްކޮށްފައެވެ. މިދިޔަ އަހަރު އެންމެ ފަހު ޖަލްސާއަށް ވެސް ސަރުކާރުން ފޮނުއްވި 10 ބިލެއް ވަނީ ތަޢާރަފްކުރައްވައިފައެވެ. އެބިލްތަކުގެ ބަހުސް ކުރިއަށް ގެންދަވާނީ މިއަހަރުގެ ފުރަތަމަ ދައުރުގައެވެ.

ރައްޔިތުން ދެއްކި މިޞްރާބަށް، ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރެއްވުމުގައި، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގެންނެވި އެންމެ މުހިންމު ބައިވެރިޔަކީ ރައްޔިތުންގެ މަޖިލީސްކަން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

"ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި، ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް، މި މަޖިލީހުގެ ތެރެއިން ގެނެވުމަކީ، އަޅުގަނޑުމެން މިއަދު މިދެކޭ އިޖުތިމާޢީ ޞުލްޙަވެރިކަމުގެ ޙަޤީޤީ ސިއްރު." ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަމަދު ޞާލިޙްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

މި އަހަރު ސަރުކާރުން ފޮނުވާ ބިލުތައް ފާސްކުރުމުގައި ވެސް، މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

" މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް ފެނިގެން މިދިޔައީ، ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް. ޑިމޮކްރެސީގެ މި އުޞޫލުތައް ނެގެހެއްޓުމުން، އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ ޢާންމު ރައްޔިތުންނަށް. ދައުލަތުގެ ކޮންމެ ބާރެއްވެސް، ދުސްތޫރީ އިމުގެ ތެރޭގައި، އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ، ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށްވުރެ އަދި މާ އިތުރުވާނެ." ކަމަށް ވެސް ރިޔާސީ ބަޔާން އިއްވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.