ޢާންމު ޞިއްޙަތުގެ އަހަރުގެ ގޮތުގައި މިއަހަރު ކަނޑައަޅައި، ކޮމިއުނިޓީ ހެލްތް ވަރކަރުންގެ ވިއުގައެއް ޤާއިމުކުރަނީ

ރައީސުލް ޖުމްހޫރިއްޔާ މިއަހަރު އިއްވެވި ރިޔާސީ ބަޔާން ފަށްޓަވައިފައި ވަނީ ޞިއްޙީ ދާއިރާއިން ލިބިގެން ދިޔަ އުފާވެރި ޚަބަރަކާއެކު އެވެ. އެއީ މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނު އެއްވެސް މީހެގެ ގައިން އެބަލީގެ ވައިރަސް ފެނިފައިނުވާކަމުގެ އުފާވެރި ޚަބަރާއެކު އެވެ.

ކޮރޯނާވައިރަސް މުޅިދުނިޔޭގައި ފެތުރެމުންދާ މިދަނޑިވަޅަކީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ރިޔާސީ ބާޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. ވައިގެ މަގުން ކުރެވޭ ބައިނަލްއަޤްވާމީ ބައެއް ދަތުރުތައް ސަރުކާރުން މެދުކަނޑައިލެއްވީ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގިވަޑައިގެން ތިއްބެވުމާއެކު ވެސް ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތުކަމަށް ވާތީކަމަށް ރައީސް ވިދާޅުވިއެވެ. ކޮރޮނާ ވައިރަހާ ގުޅިގެން ޗައިނާއިން ރާއްޖެއަށް މީހުންއައުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ. ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން އަންނާނެ ކަމުގެ ޔަޤީންކަންވެސް ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.

"ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތް ކުރަމުން މިއަންނަނީ، މާތް ﷲގެ ހެޔޮ ރަޙްމަތްފުޅާއި އޯގާވަންތަކަމާއެކު، ދިވެހި ރައްޔިތުން އެ ބަލިން ރައްކާތެރި ކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަހަށް ރާއްޖެއިން ޝައްކު ކުރެވިގެން ކަރަންޓީން ކުރެވުނު އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.

ޖަމާޢަތުގެ ޞިއްޙީ އެހީތެރިންގެ ވިއުގައެއް ޤާއިމުކުރުން:-

މި އަހަރަކީ ޢާންމު ޞިއްޙަތުގެ އަހަރެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އެގޮތުން ގައިން ގަޔަށް ނާރާ ބަލިތަކުން ޢާންމު ރައްޔިތުން ސަލާމަތްކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަކީ ވެސް ސަރުކާރުން މިއަހަރަށް ކަނޑައަޅުއްވައިފައިވާ މުހިންމު ސިޔާސަތެކެވެ. މިކަން ކުރުމަށް އެންމެ މުހިންމު ބަޔަކީ ޖަމާޢަތުގެ ޞިއްޙީ އެހީތެރިން، ނުވަތަ ކޮމިއުނިޓީ ހެލްތް ވަރކަރުންކަމަށްވާތީ ކޮމިއުނިޓީ ހެލްތް ވަރކަރުންގެ ވިއުގައެއް ޤާއިމުކުރުމަށް ކަނޑައަޅައިފައިވާކަމަށް ވެސް ރިޔާސީ ބަޔާނުގައި ރައީސް ހާމަކުރެއްވިއެވެ. މި ޚިދުމަތްތައް ފުރިހަމައަށް ހިންގަން ފެށުމަކީ، މި އަހަރު ކުރެވޭނެ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކޮމިޔުނިޓީ ހެލްތް ވާރކަރުންނަކީ ދިވެހިންގެ އާންމު ޞިއްޙަތު ސަލާމާތް ކުރުމަށް ކުރިން ރަށްރަށުގައި އަގު ނުކުރެވޭފަދަ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ބައެކެވެ. ރަށްރަށުގެ ޞިއްޙީ ނިޒާމުގެ ޙާލަތު ނުހަނު ދަށު ދަރަޖައިގައި ވަނިކޮށް ވެސް އެމީހުން ވަނީ ގައިން ގަޔަށް އަރާ ބަލިތައް ނައްތާލުމަށް ރަށްރަށުގައި ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ މީހުން ހޭލުންތެރި ކުރުމަށް ހިންގައިފައިވާ މަސައްކަތްތަކެވެ. މިއަދު ރާއްޖެއިން ނައްތާ ލެވިފައިވާ ޕޯލިއޯ އަދި މެލޭރިއާފަދަ ބަލިތައް މަދުކޮށް ނައްތާލުމުގައި ވެސް އެންމެ ބުރަ މަސައްކަތެއް ކުރި އެއް ބަޔަކީ ކޮމިޔުނިޓީ ހެލްތް ވާރކަރުންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ރާއްޖެއަށް ނަރުހުން ތަޢާރަފުވުމުގެ ކުރިން ނަރުހުން ދެމުން ގެންދާ ފަދަ ޚިދުމަތްތައް ދެމުން ގޮސްފައިވަނީ ކޮމިޔުނިޓީ ހެލްތް ވާރކަރުންނާއި ފޫޅުމައިންނެވެ.

ސަރުކާރުން ކަނޑައެޅުއްވި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ކޮމިޔުނިޓީ ހެލްތް ވާރކަރުންގެ ދައުރު ފުޅާ ކުރުމަށް ވަނީ ކަނޑައޅައިފައެވެ. ކޮންމެ ރަށެއްގައިވެސް، ގޭގެއަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ، ހޭލުންތެރިކުރުމުގެ މަސައްކަތް ކުރާނެ، ތަމްރީނު ލިބިފައިވާ ހެލްތް ވާރކަރުން ތިބޭނެކަކަށް ސަރުކާރުގެ ފަސް އަހަރުގެ ޕްލޭންގައިވެސް ވަނީ ކަނޑައަޅައިފައެވެ.

އައިޖީއެމްއެޗް ގައި ކިޑްނީ ބަދަލުކުރުމުގެ ޚިދުމަތް މިއަހަރު ފަށަނީ:-

ރައީސުލްޖުމްހޫރިޔާގެ ރިޔާސީ ބަޔާނުގައި ވަނީ ޚާއްޞަ ބަލިބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ތަރައްޤީކުރުމަށް، މިއަހަރުގެ ތެރޭގައި މުހިންމު މަޝްރޫޢުތަކެއް ރޭވިފައި ހުރިކަންވެސް ފާހަގަކުރައްވައިފައެވެ. އޭގެ ތެރެއިން އެއްކަމަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި މި އަހަރު އަޅަން ފަށާ، ކެންސަރ ހޮސްޕިޓަލެވެ. އަނެއްކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ސަރުކާރުގެ މައި ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި ކިޑްނީ ބަދަލުކުރުމުގެ ޚިދުމަތް، މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް އިޢުލާން ކުރެއްވުމެވެ. ރާއްޖޭގައި އެންމެ އާންމު ބަލިތަކުގެ ތެރޭގައި މިހާރު ހިމެނެނީ ގައިންގަޔަށް ނާރާ ބަލިތަކެވެ. އޭގެތެރެއިން ކިޑްނީގެ ބަލި މީހުން ނިސްބަތުން ގިނައެވެ. ސަރުކާރުގެ މައި ހޮސްޕިޓަލުގައި ކިޑްނީ ބަދަލުކުރުމުގެ ޚިދުމަތް ފެށިއްޖެނަމަ އެޚިދުމަތް ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދުމުގެ މަގު ފަހިވެގެން ދާނެއެވެ.

ސައިކޭޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށަނީ:-

ނަފްސާނީ ބައްޔަށް ފަރުވާކުރެވޭނެ ޚާއްޞަ ސެންޓަރެއް މިދިޔަ އަހަރުގެ މާރޗް މަސް ތެރޭގައި އައި.ޖީ.އެމް.އެޗް.ގައި ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ. ސެންޓަރ ފޮރ މެންޓަލް ހެލްތުން މިދިޔަ އަހަރުގެ ނިޔަލަށް، 6160 މީހަކު ނަފްސާނީ ބައްޔަށް ފަރުވާ ހޯދާފައިވާކަމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވައިފައެވެ. އޭގެ އިތުރުން އައި.ޖީ.އެމް.އެޗް.ގައި ސައިކެޓްރީ ވޯޑެއް މުޅިން އަލަށް ޤާއިމުކޮށް، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެކަން ވެސް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދިޔަ އަހަރުފެށްޓެވި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް:-

ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް، މިދިޔަ އަހަރު ސަރުކާރުން ވަނީ ފަށްޓަވައިފައެވެ. އެއީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުތައް ޤާއިމްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބޭސްފަރުވާއަށް މާލެ އަށް އަންނަން، ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމަށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުންކަން، ރިޔާސީ ބަޔާން އިއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ނަމަވެސް މި ހޮސްޕިޓަލުތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން މިއަހަރަށް ވަކި ޚާއްޞަ ޕްލޭންތަކެއް ނުވަތަ ސިޔާސަތުތަކެއް ހުރިކަމެއް ރައީސްގެ މިއަހަރުގެ ރިޔާސީ ބަޔާނުން އެނގިގެނެއް ނުދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.