ހިޔާ މަޝްރޫޢުގެ 7000 ފްލެޓް، މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ- ރައީސް

ހިޔާ މަޝްރޫޢުގެ 7000 ފްލެޓް، މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައިސުލް ޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ. ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މަޢުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ ޢާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައިވެސް އެބަތިބިކަން ފާހަގަ ކުރެއްވިއެވެ.  

"ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީން ކުރެވި، ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުން. މިހާތަނަށް މުޅި ޖުމްލަ، ފަސް ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓްތައް ޢިއުލާނުކުރުމަށް ވަނީ ތައްޔާރުވެފައި. ހިޔާ މަޝްރޫޢުގެ 7000 ފްލެޓް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ޙައްޤުވެރިންނާ ޙަވާލުކުރެވޭނެ" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މާލޭ ރަށްވެހިންނަށް ހުޅުމާލޭގައި ހެދުމަށް ނިންމި ފުރަތަމަ 4000 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، ވެސް މި އަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށް ވެސް، މި އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެންދާނެކަމުގެ ޔަޤީންކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިކަން ހަމަޖެހިގެންދާނީ އެމީހުންނާއި ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތްގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހދ. މާވައިދޫއާއި ފަރިދޫ އަދި ކުނބުރުދޫން، 2011 ވަނަ އަހަރު އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުކުރި ޢާއިލާތަކުގެ ތެރެއިން، މިހާތަނަށް ވެސް ދާއިމީ ބޯހިޔާވަހިކަން ނުލިބޭ އެތައް ޢާއިލާއެއް އެބަތިބިކަން ރައީސުލްޖުމްހޫރިއްޔާ  ވަނީ ފާހަގަކުރައްވައިފައެވެ. އެ ޢާއިލާތަކަށް ބޭނުންވާ، 60 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ނިންމައި، މި އަހަރުގެ ތެރޭގައި އެތަންތާނގައި ދިރިއުޅެން ފެށޭނެކަމުގެ ޔަޤީން އެއާއިލާތަކަށް ވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.