ރިޔާސީ ބަޔާނަށް ޖަވާބު ދެވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފުވުމުން- މަޖިލީހުގެ ރައީސް

ރިޔާސީ ބަޔާނަށް ޖަވާބު ދެއްވޭނީ އިދިކޮޅު ލީޑަރަކީ ކޮބައިކަން ސާފްވުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް 2020 ށް ހުޅުވައި ދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވަވައި ނިންމެވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލީހުގެ ޤަވާޢިދުގައި ބުނާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާންޖެހޭނީ މަޖިލީހުގެ އިދިކޮޅު ލީޑަރެވެ. އަދި އެކަމަށް ވަނީ 14 ދުވަހުގެ މުއްދަތެއް ކަނޑައެޅިފައެވެ. މަޖިލީހުގެ އިނދިކޮޅު ލީޑަރަކު އެނގި ވަޑައިގެނެންވިހާ އަވަހަކަށް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދުގެ ޖަލްސާ ނިންމާ ލެއްވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.
"ރިޔާސި ބަޔާނަށް ޖަވާބު ދިނުން އޮންނަނީ އޮޕޮސިޝަން ލީޑަރަށް. އެހެންވެ އެޔެއް އެބަ އޮޅުންފިލުވަންޖެހޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމެއް އޮޅުންފިލީމާ، މަޖިލީހުގެ ޤަވައިދުގައިވާ ގޮތުގެމަތިން ރިޔާސީ ބަޔާނަށް އަރުވާ ޖަވާބު މަނިކުފާނަށް، އަޅުގަނޑުމެން ފޮނުވާނަން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕާޓީތައް ނިސްބަތްވާ ގޮތްވެސް މިއަދުގެ ޖަލްސާ ނިންމާ ލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ސާފުކޮށް ދެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި ކޮންޓްރޯލުކުރަނީ ރައީސް ޞާލިޙާއި ރައީސް ނަޝީދު ވެސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީންނެވެ. އިދިކޮޅު ޕާޓީ ޕީޕީއެމް އާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ ފަސް ގޮޑިއެވެ. އިދިކޮޅި ޕީއެންސީއަށް ތިން ގޮނޑި ލިބިފައިވާ އިރު މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ލިބިފައިވަނީ ދެ ގޮނޑިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް ނިސްބަތްވާ ބައެއް މެމްބަރުން ގެންދެވީ އިހުތިޖާޖުކުރައްވަމުންނެވެ. އެ މެންބަރުން އިހްތިޖާޖު ކުރައްވަމުން ދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބޯޑުތަކެއް ހިއްޕަވައިގެން، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅިމަތީގައި ކޮޅަށް ތިއްބަވައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު މެމްބަރުން ކުރެއްވި އިޙްތިޖާޖަށް ނިސްބްތް ކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް 14 ދުވަސް ދެއްވައިފައި އޮތްނަމަވެސް ރިޔާސީބަޔާން އިއްވަމުން ދިޔައިރު އެކަން އިދޮޅުން ކުރައްވައިފައިވާކަމަށެވެ. ރިޔާސީ ބަޔާނުގެ ޖަވާބެއްގެ ގޮތުގައި ވާދަވެރި ފަރާތްތަކުން ދެތިން ވާހަކައެއް ވިދާޅުވިކަންވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެކަންކަމުގެ ތަފްޞީލެއް ނުދެއްވައެވެ.
ވާދަވެރިން އިޙްތިޖާޖު ކުރައްވަމުން ގެންދެވިއިރުވެސް އޮމާންކަމާއި އިތުބާރާއެކު ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރިޔާސީ ބަޔާން އިއްވަވައި ދެއްވިކަން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރު މަޖިލީހުން ރެކޯރޑް މިންވަރަށް މަސައްކަތް ކުރައްވައިފައިވާކަމަށް ވިދާޅުވިއެވެ. އެފަދަ ބިނާކުރަނިވި މަސައްކަތްތަކެއް މިއަހަރުވެސް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މަޖިލީހުން ބިނާކުރުވަނިވި މަސައްކަތްތަކެއް ކުރެވިފައިވާ އިދިކޮޅުމެންބަރުންވެސް ހިމެނޭގޮތަށް ހުރިހާމެމްބަރުންގެ އެއްބާރުލުމާއެކުގައިކަން ފާހަގަ ކުރެއްވިއެވެ. "އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުތަފާތުވާ ޙާލަތްތަކުގައިވެސް، ކެތްތެރިވެ ޑިމޮކްރަސީގެ ހަމަތަކާއި އުޞޫލުތައް އިސްކޮށް އަނެކާގެ ޚިޔާލު އަޑުއެހުމުގެ ފުރުޞަތު ދޭ ބަޔަކަށް އަޅުގަނޑުމެން ވާނެކަމަށް، އަޅުގަނޑު މިޔަޤީން ކުރަނީ" މިއަދުގެ ޖަލްސާ ނިންމާލެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.