މުލަކަތޮޅު މުލަކުގައި ސަރުކާރުން ގާއިމު ކުރި ބޯފެނުގެ ނިޒާމު ނިންމައި އިފުތިތާހު ކޮށްފިއެވެ.
އެންމެނަށް ރައްކާތެރި ސާފުފެން ޔަޤީން ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ފެން ފޯރުކޮށްދެވޭނޭ ނިޒާމެއް މުލަކުގައި ޤާއިމްކުރުމަށް ހިންގުނު މަޝްރޫޢެކެވެ.
މުލަކުގެ ފެނުގެ ޚިދުމަތް ޤާއިމްކުރުމަށް ޖުމްލަ 37,995,579.03 (ތިރީސް ހަތް މިލިއަން ނުވަ ސަތޭކަ ނުވަދިހަ ފަސް ހާސް ފަށްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ތިން ލާރި) ރުފިޔާ ޚަރަދުކުރެވިފައިވެއެވެ. މި މަޝްރޫއު ހިންގިފައިވަނީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ.
މަޝްރޫޢުގެ ޢަމަލީ މަސައްކަތް ކުރެވިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އާއި ހަވާލުކުރައްވައިގެންނެވެ. މުލަކުގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 16 މަރޗް 2014 ގައެވެ. އަމަލީ މަސައްކަތް ނިމިފައިވަނީ 04 ޑިސެމްބަރު 2015 ގައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން 20 ޓަނުގެ 02 ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓިފައިވެއެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 40 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމްއަށް ވަނީ ލިބިފައެވެ. އަދި މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބަހައްޓައި، 11 ކިލޯމީޓަރ ދިގުމިނުގެ ފެންވިއެއް ޤާއިމްކުރެވިފައިވެއެވެ. މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މުލަކުގައި ޤާއިމްކޮށް 279 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައިދެވިފައެވެ.
މީގެ އިތުރުން ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، މުލަކުގައި ހުރި ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް އަމާޒުކޮށް ވާރޭފެން ރައްކާކުރުމަށް 700 ޓަނުގެ އެއްތާނގީއަށް ޖަމާކޮށް އެފެނުގެ ސާފުކަން ޔަޤީން ކުރުމަށްފަހު މިނިޒާމުގެ ތެރެއިން ބޭނުންކުރެވޭނެގޮތް ހެދިފައިވާކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓަރީން ހާމަ ކުރައްވައެވެ. މިގޮތުން މުލަކުގައި ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ.