
ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ ޗައިނާގެ ފަސް ސިޓީއެއްގައި ތިބި ދިވެހީންނަށް ހިލޭ ރާއްޖެ އާދެވޭނެގޮތް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހަމަޖައްސަވައިފިއެވެ.
ރައީސް އެކަން އެގޮތަށް ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަ ކުރެއްވީ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދެވެ. މިނިސްޓަރ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ފަސްސިޓީއަކީ މޯލްޑިވިއަން އެގައުމަށް ދަތުރުކުރާ ފަސް ސިޓީ ކަމަށެވެ. އެ ފަސް ސިޓީގައި މިވަގުތު ތިބި ދިވެހީން ރާއްޖެއަށް އައުމުގެ ފުރުސަތު އެފަރާތްތަކަށް ރައީސް ވަނީ ހުޅުވާލައްވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އެ ފަސް ސިޓީއަކީ ޗޮންގކިންގ، ޗެންގްޑޫ، ހަންގްޒޫ، ނަންގްޖިންގް އަދި ޒިއާން އެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވެފައިވަނީ އެ ސިޓީތަކުގައި ތިބި ދިވެހީން ރާއްޖެއަށް އަންނަން ބޭނުން ކަމަށް ވާނަމަ ޗައިންނާގައި ހުންނަ ދިވެހި އެމްބަސީއަށް ހުށަހެޅުމުން ހަމަޖެހޭނެ ކަމަށެވެ.