މަސްވެރިންނަށް ވަގުތުން ފައިސާ ދިނުމަށް ރައީސް އިލްތިމާސް ކުރައްވައިފި

މަސްވެރިން ކިރުވާ މަހަށް ވަގުތުން ފައިސާ ދޭން ފެށުމަށް މަސްވެރި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ބޭންކް އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް ގުޅިގެން ތަޢާރަފްކުރި "މަސްދޯނި އެކައުންޓް" އިފްތިތާހު ކުރެއްވުމަށް ގއ.ކޫއްޑޫގައު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ދިވެހީންނަކީ އެންމެ އިހުއްސުރެ، މަސްވެރިކަން ކޮށްގެން ދިރިއުޅުން ކޮޅަށް ޖަހަމުން އައި ބައެއް ކަމަށެވެ.

ޒަމާނުއްސުރެން ދިވެހީން ކުރަމުން އައިސް މަސްވެރިކަން ކުރިއަރުވައި ތަރައްޤީ ކުރެއްވުމަކީ އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާކަމެއް ކަމަށެވެ. އެހެން ކަމުން މަސްވެރި ޢާއިލާތަކުގެ ލުއިފަސޭހައަށްޓަކައި، ސަރުކާރުން ތައާރަފު ކުރެއްވި "މަސްދޯނި އެކައުންޓް" ގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ކުރެއްވުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި، އިޤްތިޞާދާއި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު، މަސްވެރިކަން، އައު ޖީލަކަށް ގެންގޮސްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން، ޤައުމުގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ޙިއްސާ ބޮޑުކޮށް، މަސްވެރިކަމަކީ ފަޚުރުވެރި މަސައްކަތަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި، މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަސްއޫލިއްޔަތު، ސަރުކާރާއި، މަސްވެރީންނާއި، މަސްވެރީންނަށް ޚިދުމަތްދޭ ކުންފުނިތައް އެކުގައި އުފުލަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޙަޤީޤީ ތަރައްޤީ ފެންނަން ފަށާނީ ރައްޔިތު މީހާގެ ޖީބަށް ވަންނަ ފައިސާ އިތުރުކޮށްދީގެން ކަމަށެވެ. އެހެން ކަމުން އެކަން ޙާސިލް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޤައުމީ އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު އިތުރުކުރުން އެކަނި ނޫން ކަމަށާއި، އެއާއެކު ޤައުމީ އާމްދަނީން ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރުވެސް އިތުރުކޮށްދިނުން ކަމަށެވެ.

މަސްވެރިން ކިރާ މަހަށް ވަގުތުން ފައިސަ ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއިރު މިފްކޯއިން ވެސް މަސްވެރިންނަށް ވަގުތުން ފައިސާ ނެދެވޭ މައްސަލަ މަސްވެރިން މިހާރުވެސް ވަނީ ފާހަގަ ކުރައްވައިފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.