އުރީދޫ މޯލްޑިވްސްއަށް 15 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ

މިއަހަރަކީ އުރީދޫ މޯލްޑިވްސްއަށް ވަރަށްވެސް ޙާއްސަ އަހަރެކެވެ. ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި 15 އަހަރު ފުރިގެންދާ އަހަރެވެ. މިކަމުގެ މުނާސަބަތުގައި އުރީދޫ އިން ވަނީ ހޮޓެލް ޖެންގައި ވަރަށް ހާއްސަ ހަފްލާ އެއް ރޭ ބާއްވާފައެވެ.

މި ހަފްލާ ބޭއްވިގެން ދިޔައީ އުރީދޫ މޯލްޑިވްސް ގެ ކާމިޔާބު 15 އަހަރުގެތެރޭގައި ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމްކޮށް، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމުގައި ކުރަމުން އައި ބުރަމަސައްކަތުގައި ބައިވެރިވެފައިވާ ޕާޓްނަރުން އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. އެގޮތުން މި ހަފްލާގައި އުރީދޫ މޯލްޑިވްސްއިން ވަނީ، ކުންފުނީގެ މަސައްކަތްތަކުގައި އެއްބާރުލުންދީ، ތަފާތު އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ، އެންމެ ގާތް ޕަރޓްނަރުން ފާހަގަކޮށް ހަނދާނީ ފިލައެއް އަރުވައިފައެވެ.

އުރީދޫ މޯލްޑިވްސް ދިވެހި ރާއްޖެއަށް ތަޢާރަފްވެގެންދިޔައީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއިން ދަނީ ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ކުރީ ސަފުގައި މަޑުޖެހުމެއްނެތި ހަރަކާތްތެރިވަމުންނެވެ. ދިވެހިރާއްޖޭގެ މުވާސަލާތީ ދާއިރާއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއްގެނެސް، ތަފާތު ބޮޑެތި އިންވެސްޓްތަކާއި އެކު އުރީދޫގެ ކަސްޓަމަރުންނަށް އައު އީޖާދީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ދިވެހިރާއްޖޭގެ މުވާސަލާތީ ސިނާޢަތަށް ބޮޑެތިބަދަލުތަކެއް ގެނެސް، އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްދީފައި ވެއެވެ. އެންމެ ބާރު ސްޕީޑުގެ 3ޖީ އަދި 4ޖީ ރާއްޖެއަށް ތަޢާރަފު ކުރީވެސް އުރީދޫ މޯލްޑިވްސްއިންނެވެ. މީގެ އިތުރުން 2018ވަނަ އަހަރު އުރީދޫ މޯލްޑިވްސް އިންވަނީ ދިވެހިރާއްޖޭގައި މިހާތަނަށް ތަޢާރަފުކުރެވިފައިވާ އެންމެ ހަލުވި ސްޕީޑުގައި 5ޖީގެ ޚިދުމަތުގެ ޑެމޯއެއް ދައްކާލާފައެވެ. ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމުގެ އަމާޒުގައި 2019 ވަނަ އަހަރުވެސް އުރީދޫ މޯލްޑިވްސްއިން ވަނީ އީސިމް، އެޗް.ޑީ ވޮއިސް އަދި ވައިފައި ކޯލިންގެ ޚިދުމަތްވެސް ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފު ކޮށް ފައެވެ. "ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި އުރީދޫ މޯލްޑިވްސްއިން ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދައިފައެވެ. ބައިނަލްއަޤްވާމީ އައިސީޓީ ދާއިރާއަށް ތައާރަފްކުރެވޭ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ދިވެހިރާއްޖެއަށް ގެނެސްދީ މިޚިދުމަތްތަކުގެ އެހީގައި ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ އުރީދޫ މޯލްޑިވްސްގެ މައި އެއް މަގްސަދެވެ. އުރީދޫ މޯލްޑިވްސްއާއިއެކު އެންމެ ގާތުން މަސައްކަތްކުރާ ޕާރޓްނަރުންގެ އެއްބާރުލުމާއިނުލާ އަޅުގަނޑުމެންގެ މި މަސައް ކަތް ކާމިޔާބުނުވާނެ ކަން ޔަގީން. ކުރިއަށްއޮތް އަހަރުތަކުގައިވެސް އުރީދޫ މޯލްޑިވްސްގެ ޕާޓްނަރުންނާއިއެކު ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮއްދިނުމުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން އަރުވަން". އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ. އުރީދޫގެ މައި ޕާޓްނަރުންގެ އަގު ވަޒަންކުރުމަށް ބޭއްވި މިހަފްލާގައި މި އަހަރުކުރުމަށް ހަމަޖެހިފައި ވާ ހަރަކާތްތައް ވަނީ އިއުލާނު ކުރެވިފައެވެ.

އުރީދޫގެ ބްރޭންޑް އެމްބެސަޑަރަކަށް މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް

މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ 1996 ވަނަ އަހަރު ދިވެހި ފުޓުބޯޅައިގެ މައިދާނަށް އުފަންވެ، މިއަދާއިހަމައަށް އައި އިރު ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކާއި ކުރިއެރުން ހޯދާފައިވާ ކްލަބެކެވެ. 2015 ވަނަ އަހަރު މާޒިޔާ ސްޕޯޓްސް ރިކްރިއޭޝަން ކްލަބުން ވަނީ މާޒިޔާ ސްޕޯޓްސް ފުޓްބޯލް އެކެޑަމީއެއް ގާއިމްކޮށް، ފުޓްބޯޅައިގެ ދާއިރާއިން މީހުން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އެކި އުމުރުފުރާއިން ފުޓުބޯޅަ ކުޅެން ޝައުގުވެރިވާ ކުދިންނަށް ތަޖުރިބާކާރު ޓްރޭނަރުންނާއެކު ފުޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ ތަމްރީންކޮށް މިދާއިރާއަށް ފުރުސަތު ހުޅުވާލަ ދީފައިވެއެވެ. މިރޭގެ މި ހަފްލާގައި އުރީދޫ ގެ ބްރޭންޑް އެމްބެސެޑަރަކަށް މާޒިޔާ ސްޕޯޓްސް ކްލަބް ހަމަޖެހިގެން ދިއުމަކީ ދިވެހިރާއްޖޭގެ ފުޓްބޯޅައަށް މާޒިޔާ ސްޕޯޓްސް ކްލަބް އާއި އުރީދޫ ގުޅި ގެން ފުޓްބޯޅައިގެ ދާއިރާ އަށް ފައިދާ ކުރާނެ މަސައްކަތްތަކެއް ކުރުމުގެ ދޮރެއް ހުޅުވުން ކަމުގައި ދެކެމެވެ.

މިހާރުވެސް އުރީދޫގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހަބޭސް ބޮޑުބެރު ކުރިޔަށް އޮތް އަހަރަށް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެހިގެން ދާކަންވެސް އިއުލާން ކޮށް ހަބޭސް ބޮޑުބެރު އަށް މަރުހަބާ ދަންނަވަމެވެ. ފާއިތުވި 4 އަހަރު ހަބޭސް ބޮޑުބެރު ވަނީ އުރީދޫގެ އެކިއެކި ހަފްލާތަކުގެ ފޯރި ގަދަކޮށް ފުރިހަމަ ކަމެއް ގެނެސްދީފައެވެ.

ނިރު އެކްސެލެރެޓަރގެ 0.2 އިއުލާނުކުރުން.

އުރީދޫއިން 2018 ވަނަ އަހަރު ފަށައިފައިވާ ނިރު އެކްސެލެރެޓަރ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި މިއަހަރު ފެށިގެންދާނެއެވެ. ނިރު އެކްސެލެރޭޓަރ އަކީ ދިވެހި މުޖުތަމަޢަށް މަންފާކުރުވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާ، ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި، ކުރިއަރަމުން އަންނަ މިފަދަ ވިޔަފާރިތަކަށް ހޯދައި ދިނުމުގެ ގޮތުން އުރީދޫން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި އެކްސެލެރޭޓާރ ޕްރޮގްރާމުގައި ބައިވެރިވެވެނީ، ނިރު ހެކަތަންގައި ވާދަކޮށް ހޮވޭ ޓީމްތަކަށެވެ. އެކްސެލެރޭޓަރއަށް ހޮވޭ ޓީމްތަކަށް ސީޑް ފަންޑިންގް، މަސައްކަތް ކުރާނެ ކޯ- ވޯކިން ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕާޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެއެވެ. ނިރު ހެކަތަން ބާއްވަން ހަމަޖެހިފައިވަނީ އޭޕްރިލް 17 އަދި 18 ގައެވެ. ބައިވެރިވާންބޭނުންވާ ޓީމްތަކަށް ރެޖިސްޓަރވުމުގެ ފުރުސަތު ފެބްރުއަރީ މަހު ހުޅުވިގެންދާނެ އެވެ.

އުރީދޫ ކަލަރ ރަން 2020

އުރީދޫ ގެ ފާހަގަ ކޮށްލެވޭ އެންމެ ކުލަގަދަ ހަރަކާތް، އުރީދޫ ކަލަރ ރަން ރާއްޖޭގެ އެކިހިސާބުތަކަށް ގެންގޮސް އެންމެހާ ދިވެހިންނާ އެކު ބޭއްވުމުގެ ގޮތުން، އުރީދޫ ކަލަރ ރަން 2020 މިއަހަރު ކުޅުދުއްފުށި ސިޓީ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ 29 ޖޫން ގައެވެ. އެހެން އަހަރުތަކެކޭވެސް އެއްފަދައިން ހުޅުމާލެގައިވެސް އުރީދޫ ކަލަރ ރަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަން ބޭއްވިގެންދާނީ ޑިސެމްބަރ މަހުގެ ތެރޭގައެވެ. ކުޅުދުއްފުށި ސިޓީ ގެ ކަލަރ ރަން އަށް ރެޖިސްޓަރ ވުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިޔާގައި އިއުލާންކުރެވިގެންދާނެއެވެ. ސައިބަރ ސޭފްޓީ ޕްރޮގްރާމް އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްޤީ ފަހިކޮށްދިނުމުގައި ދެވަނައެއް ނުވާ، އިންޓަނެޓްގެ ޚިދުމަތް މެދުވެރިކޮށް ގިނަ ފުރުސަތުތަކެއް ހުޅުވާލެވިގެންދެއެވެ. އާންމު ދިރިއުޅުމުގައި އިންޓަނެޓްގެ ދައުރު ދުވަހުން ދުވަހަ ކަށް ފުޅާވަމުންދާހިނދު، ކޮންމެ ދިވެހި ރައްޔިތަކަށްވެސް އިންޓަނެޓް އިން މަންފާހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މިގޮތުން މިއަދު އުރީދޫ އިންވަނީ، އަމާން މާހައުލެއްގައި، އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައުއަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ފަށާފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ސް ޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ގުޅިގެން، އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ސައިބަރ ސޭފްޓީ ޕްރޮގްރާމެއް ފަށާފައެވެ. މިގޮތުން، ކުޑަކުދިން، ޒުވާނުން، މައިންބަފައިން އަދި އިސްރައްވެހިންނަށް ހާއްސަ އިސްކަމެއްދީގެން، މި ޕްރޮގްރާމް މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަން، ހުޝިޔާރުވާން ޖެހޭ ކަން ކަމާއި، ސައިބަރ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ. ހަމައެހެންމެ، ޕްރޮގްރާމުގެ ޕާޓްނަރުންނާއި ގުޅިގެން، ދިވެހި މުޖުތަމައުގައި ދިމާ ވަމުންދާ ތަފާތު "ސައިބަރ ކްރައިމްސް" އަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެއެވެ. މައުލޫމާތު އިތުރު ކޮށްދީ، ތަމްރީންދިނުމާއި އެކު، މި ޕްރޮގްރާމްގެ އަމާޒަކީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކައުތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމެވެ. ރާއްޖޭގައި ކާމިޔާބު ފަނަރަ އަހަރު ފުރުމާއި ދިމާލަށް ދަތުރު ކުރަމުންދާހިނދު، ދިވެހިރައްޔިތުންނަށް ފައިދާކުރާނެ އިތުރު ފުރުސަތުތަކާއި ފަސޭހަތަށް ފޯރުކޮށްދިނުމަށް، އުރީދޫ އިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެއެވެ. އައު ޓެކްނޮލޮޖީތަކާއި، ޑިޖިޓަލް ޚިދުމަތްތަކުގެ އެހީގައި، އުރީދޫގެ އެންމެ މުހިއްމު އަމާޒަކީ ދިވެހި މުޖުތަމައުތަކަށާއި، ވިޔަފާރިތަކަށް އިތުރު ތަރައްޤީ އާއި ފާގަތިކަމާއި ގުޅުވާލަދިނުމެވެ.

-ޚަބަރާއި ފޯޓޯ އުރީދޫ މޯލްޑިވްސް

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.