
މި ސަރުކާރުގައި ތިބީ ބާރުލިބުނަސް ނުކުޅޭ ބައެއް ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރު މިހިސާބަށް އައިއިރު ހާސިލް ވެފައިވަނީ ދެ ކަމެއް ކަމަށެވެ. އެއީ އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކާ މެދު ފިޔަވަޅުނޭޅުމާއި، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުންނަށް މާފު ދިނުމާއި ފިޔަވަޅު އަޅަން ނޭނގުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޑރ، ޖަމީލް މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކީ ޕީޕީއެމުން ދަންނަ އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައައްޑޫ ސިޓީގައި އިއްޔެ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަކީ ޕީޕީއެމާ ބެހޭ އެއްޗެއް ނޫން ކަމަށެވެ. އިންތިޚާބުގައި ޕީޕީއެމް ވާދަކުރިއަސް އެޕާޓީއަކީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން އުޅޭ ޕާޓީއެއް ނޫންކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ވަނީ ލާމަރުކަޒ ނިޒާމަން ހަލާކުކޮށްފައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.