ރައީސް ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަން ސާބިތު ވެއްޖެ: ޑރ. ޖަމީލް

ކުރިމިނަލް ކޯޓުގެ އިސްގާޒީ އަޙުމަދު ހައިލަމް ނެރުއްވި ބަޔާނުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒު ފޯވިކަން ސާބިތު ވެއްޖެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ސަސްޕެންޑު ކޮށްފައިވަނީ ސުލޫކީ މައްސަލައެއްގައި ނޫން ކަމަށެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ސަރުކާރުން ބޭނުފުޅުވި ގޮތަށް ރައީސް ޔާމީނާ މެދު ޙުކުމް ނުކޮށްގެން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

"ކްރިމިނަލް ކޯޓުގެ އިސް ގާޟީގެ ބަޔާނުން ރައީސް ޔާމީންގެ ޝަރީޢަތަށް ސަރުކާރުން ނުފޫޒް ފޯރުވިކަން ސާބިތުވެއްޖެ. ގާޟީ ސަސްޕެންޑްކުރީ ބޭނުންވީ ގޮތަށް ހުކުމް ނުދީގެން، ސުލޫކީ މައްސަލައެއްގައެއް ނޫން. ޖުޑިޝަރީ އިޞްލާޙްކުރަން އައި ފަރާތްތަކުން ހިފާފައި މިވަނީ އެތަން ތަޣައްޔަރު ކުރަން،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަޙުމަދު ހައިލަމް ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ ވަރަށް އިސްމަގާމުގައި ތިއްބެވި ބޭފުޅުން ވެސް ރައީސް ޔާމީނަށް އަންނަނީ ޖަލު ޙުކުމެއްތޯ ކަށަވަރު ކުރަން މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތް ސީދާކޮށްނާއި ނުސީދާ ކޮށްވެސް އެބޭފުޅުން ކުރެއްވި ކަމަށް ހައިލަމް ވިދާޅުވިއެވެ. އެންމެ ފަހުން އެޙުކުމް އެގޮތަށް އަންނާނެ ކަމުގެ ކަށަވަރު ކަމެއް ދެވެންނެތް ކަމަށް އެނގެވުމުން ފިވަޅުއަޅައި ސަސްޕެންޑު ކުރައްވާނެ ކަމުގެ އިންޒާރު ވެސް ސަރުކާރުން އިސްބޭފުޅުން ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޖަމީލް ވިދާޅުވީ މިއީ ޕޮލިހުން ވެސް ބަލައި ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށެވެ. އަދި ޖޭއެސްސީން ވެސް އެމައްސަލަ ބަލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.