ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ޤާނޫނުއަސާސީއާ ޚިލާފަށް ފަނޑިޔާރުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކުރި މީހުންގެ މައްޗަށް ފުލހުން ތަޙުގީގެއް ހިންގަންޖެހޭނެ ކަމަށް ރާއްޖޭގެކުރީގެ ނާއިބު ރައީސް އަދި ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ހޯދުމަށް ސަރުކާރުގެ އިސް ބޭފުޅުން ކުރިމިނަލް ކޯޓުގެ އިސްގާޒީ އަޙުމަދު ހައިލަމްގެ މައްޗަށް ނުފޫޒު ފޯރުވާން މަސައްކަތް ކުރެއްވި ކަމަށް ގާޒީ ހައިލަމް މިރޭ ވިދާޅުވުމުންނެވެ.
"ސަރުކާރުގެ ވަރަށް އިސް މަގާމްތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާ ގޮތުން މެސެޖުކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށްގެން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމަށް ޙުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެއެވެ." ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އެ ކަށަވަރުކަން ނުދެވޭނެ ކަމަށް ވިދޅުވުމުން ސަސްޕެންޓު ކުރާނެ ކަމުގެ އިންޒާރާއި ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީއާކު އޭނާ ހިންގާފައިވާ ފައިސާގެ މުއާމަލާތް ތަހުގީގުކޮށް ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް ހައިލަމް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ ފައިސާގެ އެ މައްސަލައަކީ ފުލުހުން ކުރިން ސުވާލުކޮށް ނުބަލަން ނިންމާފައިވާ މައްސަލައެއް ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ އެ މައްސަލައަކީ ޖޭއެސްސީން ވެސް ބަލަންޖެހޭނެ މައްސަލައެއް ކަމަށެވެ. ނުބެއްޔަސް ބެލޭނެ ދުވަހެއްވެސް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
"ޖޭއެސްސީ އަދި ޤާނޫނުއަސާސީއާ ޚިލާފަށް ފަނޑިޔާރުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކުރި ބައެއްގެ މައްޗަށް ފުލުހުން ތަޙްޤީޤް ހިންގަންޖެހޭނެ. މިއީ ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް. މިއަދު ނުބެލުނަސް މާދަމާ މި ކަންކަން ބެލޭނެ ދުވަސް އަންނާނެ،" ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ވަރަށް ތަފުސީލު ކޮށް ބަލަންޖޭ މައްސަލައެއް. ވަރަށް އަވަހަށް ތަހުގީގުކޮށް އަދަބު ލިބެންޖެހޭ ބަޔަކަށް އަދަބު ދޭންޖެހޭ.