
ނޮވެލް ކޮރޯނާ ވައިރަސް ޖެހިފައިހުރި މީހަކު މިހާތަނަށް ރާއްޖެއަށް އައިސްފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެ ތަނުން އެހެން ވިދާޅުވީ އެބަލި ޖެހިފައިވާ ޗައިނާގެ މީހަކު ރާއްޖެއަށް އައި ކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން އެތަނަށް ގުޅާލުމުން މައުލޫމާތު ދެއްވަމުންނެވެ. އެޗުޕީއޭ އިން ވިދާޅުވީ ﷲ އިރާދަފުޅުން ރާއްޖެއަށް އެފަދަ މީހަކު އަދި އައިސްފައި ނުވާކަމަށެވެ.
އެޗުޕީއޭ އިން ވިދާޅުވީ ސައުދީއަރަބިޔާއިން ވެސް އޭގެ ދެ ކޭސް ފެނިފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ވެސް އަދި ޔަގީން ވެފައި ނުވާކަމެއް ކަމަށް އެތަނުން ވިދާޅުވިއެވެ.
މިއަދާ ހަމައަށް މުޅިދުނިޔެއިން ވަނީ މިބަލީގެ 845 މީހުން ފެނިފައިވާ ކަމަށެވެ. އޭގެ ތެރެއިން 830 މީހުން ފެނިފައިވަނީ ޗައިނާއިން ކަމަށް އެޗުޕީއޭ އިން ވިދާޅުވިއެވެ. އޭގެ ތެރެއިން ބަލިޖެހިގެން ބޮޑުވަރުވީ 177 މީހުންނަށެވެ. އަދި މަރުވެފައިވަނީ 25 މީހުން ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.
ޗައިނާގެ ބޭރުން މިހާތަނަށް ، ހޮންގް ކޮންގް، މަކާއޯ އަދި ސައުތު ކޮރިޔާ އިން 2 ކޭސް، ޓައިވާން، ޖަޕާން، ނޭޕާލް، ސިންގަޕޯއަދި ޔޫ އެސް އޭ މިއިން ކޮންމެ ޤައުމަކުން 1 ކޭސް އަދި ތައިލެންޑްއިން 4 ކޭސް ފެނިފައިވެއެވެ.
މި ބަލި ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިފައެވެ.