ކޮރޯނާވައިރަހާ ބެހޭގޮތުން ރާއްޖޭގެ ކަމާބެހޭ ޑޮކްޓަރުން އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެއްވައިފި އެވެ. ކޮރޯނާ ވައިރަހާ ބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމާބެހޭ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމަކުންނެވެ.
މަޢުލޫމާތު ފޯރުކޮށްދެއްވަމުން ޑޮކްޓަރުންގެ ޓީމުން ވިދާޅުވީ ކޮރޯނާ ވައިރަހަކީ ވައިގެތެރެއިން ފެތުރޭ ބައްޔެއްނޫންކަމަށެވެ. މިބަލި އެކަކުގެ ގައިން އަނެކެއްގެ ގަޔަށް އާރާނީ ބަލި ޖެހިފައިވާ މީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ބޭރުވާ ތެތްކަމުގެ ތެރެއިން ނުވަތަ ކުޅުގެ ތެރެއިންކަމަށެވެ. އެގޮތަށް ވެސް ވައިރަސް އަރާނީ ބަލިމީހާ އާއި ތިންފޫޓު ކައިރީގައި ހުރިނަމަ ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.
މީހުންނާ ކޮންޓެކްޓް ވާގޮތަކީ ކޮބައިކަންވެސް، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވަނީ ސާފުކޮށް ދެއްވައިފައެވެ. ކޮންޓެކްޓް ވާގޮތަކީ ނުވަތަ ބައްޔަށް ހުށަހެޅޭ ގޮތަކީ ބަލި ޖެހިފައިވާ މީހާއާ މޫނާމޫނު ދިމާވާގޮތަށް ނުވަތަ ފޭސްޓްފޭސް 15 މިނެޓް ހޭދަކުރުމެވެ. ނުވަތަ އެފަދަ ބަލި މީހަކާއެކު އެއްފްލައިޓެއްގެ އެއްރޯއެއް ނުވަތަ އެއް ކޮޓަރިއެއްގައި ދެ ގަޑިއެއްހާ އިރު ހޭދަކުރުންކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.
ކޮރޯނާ ވައިރަހަކީ އަދި ޚާއްޞަ ވަކި ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫންކަން ފާހަގަ ކުރައްވާ ޑޮކްޓަރުން ވިދާޅުވީ ރާއްޖޭގައިވެސް އެފަދަ ބަލީމީހަކު ފެނިއްޖެނަމަ ދެއްވާނެ ފަރުވާ އަކީ ޗައިނާގައި ވެސް އެބައްޔަށް ދެވޭ ފަރުވާކަމަށެވެ. އެބަލީގެ އަލާމަތްތަކަކީ ވެސް އާދައިގެ އަރިދަފުސް ރޯގާގެ އަލާމާތްތައްކަން ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. ކޮރޯނާ ވައިރަސް ޖެހުމުން ނުރައްކާ ޙާލަތަށް ނުވަތަ ސިވިއަރ ކޭސް އަކަށް ބަދަލުވުމަށް އޮންނަނީ އެންމެ 2 އިންސައްތަ ފުރުޞަތުކަމަށް ވެސް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. ނުރައްކާ ޙާލަތަށް ދާނީ ނިއުމޯނިއާއަށް ބަދަލުވެއްޖެ ޙާލަތެއްގައިކަން ވެސް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. އެފަދަ ޙާލަތަކަށް ދާމީހާއަށް ދޭންޖެހޭނީ އިންފުލުއެންޒާއަށް ދޭ ފަރުވާކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. އެފަދަ ޙާލަތެއްގައި ފަރުވާދެވޭނެ ވަރަށް ރާއްޖެއިން ފުރިހަމައަށް ތައްޔާރު ވެފައިވާކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. ފަރުވާ ދެމުންދާނަމަ އާދައިގެ އަރިދަފުސް ރޯގާ ފަދައިން ހަފަތާއެއް ނުވަތަ ދެހަފާތާއެއްގެ ތެރޭގައި ބަލިންރަނގަޅުވާކަން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުގައި ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅޫވީ ކޮރޯނާވައިރަސްގައި ވެސް ނުރައްކާ ޙާލަތުގައިވާ މީހުންގެ ގައިން ފަސޭހައިން ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެކަމަށެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި ކޮރޯނާ ވައިރަހަށް ކޮންފޯރމް މީހަކު ފެނިފައި ނުވާކަމަށެވެ. ހުރީ ހަމައެކަނި ޝައްކުރުރެވޭ މީހެއްކަމަށް ފާހަގަ ކުރެއްވިއެވެ.
އާންމުން އަބަދު މާސްކު އަޅައިގެން އުޅޭ ޙާލަތަށް އަދި ނުދާކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވަނީ ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ރޯގާ ޖެހިފައިވާ މީހުންނާއި އެހެން ބައްޔެއްގެ ސަބަބުން ހައި ރިސްކު ނުވަތަ ނުރައްކާ ބޮޑުކަމަށް ބެލެވޭ މީހުންނާއި ބަލިމީހުންނަށް ފަރުވާ ދިނުމުގައި ޙަރަކާތްތެރިވާ މީހުން މާސްކް އެޅުން މުހިންމުކަން ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. މާސްކް އެޅިކަމުގައި ވިއަސް އެ މާސްކް އަޅަންޖެހޭ ގޮތަށް ނޭޅޭނަމަ އެއިން ކުރާނެ ފައިދާއެއް ނޯންނާނެކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. ޑޮކްޓަރުން ވިދާޅުވީ މާސްކް ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި މާސްކް ނައްތާލަން ޖެހޭނެކަމަށެވެ. އަދި ރަނގަޅަށް އަތްދެވޮ ހަދަން ޖެހޭނެކަމަށެވެ. ސައިބޯނިލައިގެން އަތްދޮވުމުން ކޮރޯނާ ވައިރަސްގެ ޖަރާސީމު މަރުވެގެންދާނެކަމަށް ޑޮކްޓަރުން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އަމިއްލަ ސާފްތާހިރު ކަމަށް އިސްކަން ދެއްވުމަށް ޑޮކްޓަރުން އިލްތިމާސްކުރެއްވިއެވެ.
ޑޮކްޓަރުން ވިދާޅުވީ ކޮރޯނާ ވައިރަސް އަށް ކޮންފޯރމް މީހަކު އަދި ރާއްޖެއިން ފެނިފައިވެސް ނުވާއިރު ސްކޫލުތައް ބަންދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. ނަމަވެސް ރޯގާޖެހިފައިވާ ކުދިން ސްކޫލަށް ނު ފޮނުވުމަށް ޑޮކްޓަރުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ރާއްޖޭގައި 2017 ގައި ފެތުރުނު އިންފުލެއެންޒާގައި މީހުން އެކަހެރިކޮށް ބަހަށްޓަން ޖެހުނީ ހަމައެކަނި އައިސީޔޫގައި ކަން ފާހަގަކުރައްވާ އެޙާލަތަށް ވުރެ ރަނގަޅަށް މިހާރު ކޮރޯނާ ވައިރަހަށް ތައްޔާރު ވެވިފައިވާކަން އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމުން ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގައި ބައްޔަށް ޝައްކު ކުރެވޭ މީހުން ދެނެގަތުމުގައި ބަލާ މިންގަނޑު ތަކަކީ ޑަބްލިޔޫ އެޗް އޯއިން ކަނޑައަޅައިފައިވާ މިންގަނޑުކަމަށް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރުން ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުގައި މަޢުލޫމާތު ދެއްވީ ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމާބެހޭ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުންކަމުގައިވާ ޑރ މުޙައްމަދު ޢަލީ އާއި ޑރ މޫސާ އާއި ޑރ އަފްޒަލްއެވެ.