
ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިފައިވީނަމަވެސް އާންމުކޮށް، މާސްކް އަޅަން ޖެހޭ ޙާލަތަށް އަދި ނުދާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަހުގެ ޙާލަތާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންދިރާ ގާންދީ މެމޯރިއަލް (އައިޖީއެމްއެޗް) ގެ ޑޮކްޓަރ ޢަލީ ލަތީފް ވިދާޅުވީ މާސްކް ގަންނަން އާއްމުރައްޔިތުން ފާމަސީ ތަކުގައި ކިޔޫ ހަދައިގެން ތިބޭ މަންޒަރު ފެންނަމުންދާކަމަށެވެ. ނަމަވެސް އަދި މާސްކް އަޅަން ޖެހޭ ޙާލަތަށް ނުދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އައިޖީ އެޗްގައިވެސް މާސްކް އަޅައިގެނެ ތިބެނީ ގިނަ ބަލިމީހުން ޒިޔާރަތްކުރާ ތަންތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި އެހެން މުވައްޒަފުންކަން ފާހަގަކުރެއްވިއެވެ.
"އެއްވެސް ކަހަލަ ސިމްޓޮމެއް ނުހުންނަންޏާ އާންމު ޕަބްލިކް، މާސްކަ އަޅާކަށް ނުޖެހޭނެ. އަޅުގަނޑުމެން ހޮސްޕިޓަލު ތެރޭގައި ވެސް މާސްކް އަޅަން ނިންމައިފައި ހުރި ތަންތަނަކީ އީއާރު އާއި، ޚާއްޞަކޮށް ވަރަށް ގިނައިން ޕޭޝަންޓުން އަންނަ، ކޮންޓެކްޓްވާ ހިސާބުގައި މަސައްކަތްކުރާ ޑޮކްޓަރުން. އެހެންނަމަވެސް އާންމު އުޞޫލަކުން އެންމެން މާސްކް އަޅައިގެން އެއީ ޕްރޮޓެކްޝަނަށް ބަލައިގެން އުޅޭކަށް އަދި އަޅުގަނޑުމެން ރެކޮމެންޑެއް ނުކުރަން" ޢަލީ ލަޠިފް ވިދާޅުވިއެވެ.
އާންމު ރައްޔިތުންނަށް ބޭނުންވާ ވަރަށް މާސްކް ލިބެން ހުންނާނެކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. ނަމަވެސް މިހާރުވެސް މާސްކު ލިބެން ނެތްކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ދަނީ ނުރަމުންނެވެ. އަމިއްލަ ކުންފުޏެއްކަމަށްވާ ހެޕީ މާރކެޓުންވެސް މާސްކް ކޮންޓޭނާއެއް ގެންނަން މަސައް ކަތް ކުރަމުންދާކަމަށް އެކުންފުނިން ވެސް ވަނީ ހާމަކޮށްފައެވެ.