ކުޑަކުދިނަށް ޖިންސީ ގޯނާ ކުރުމަށްފަހު މުޖުތަމަށް ދޫވެފައި ތިބީ ކިހާ މީހުންނެއްކަން އެނގޭކަށް ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ، ތުއްތު ކުއްޖާއަށް ޖިންސީގޯނާކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ކަމާބެހޭ މުއައްސަސާތަކާއެކު ރޭ ބޭއްވި ބައްދަލުވުމުގައި އެކޮމެޓީން ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިމައްސަލައިގައި ފުލުހުން ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށްފަހު ތަޙްޤީޤް މަރުޙަލާ ނިމި ޙުކުމަކާ ހިސާބަށް ނުގޮސް މުޖުތަޢުގައި ދޫވެފައިވާ މީހުންގެ ޢަދަދު އެނގޭނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއިއެކު އެކަމާބެހޭ ދިރާސާ އެއް ކޮށްގެން ކަމަށެވެ. އަދި އެފަދަ ދިރާސާއަކަށްފަހު މަޖިލީހާ އެމަޢުލޫމާތު ޙިއްސާކުރައްވާނެކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށްފަހު ޝަރުޢީ މަރުޙަލާ ނުނިމި މުޖުތަމަޢަށް ދޫވެފައިވާ މީހުން ޢަމަލުތައް މޮނިޓަރ ކޮށް ބަލަހަށްޓަމުން ވެސް ނުގެންދަވާ ކަމަށް މިރޭގެ ބައްދަލުވުމުބައި ކޮމެޓީން ކުރިމަތި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވިއެވެ.
ޢުމުރުން 2 އަހަރުވެސް ނުފުރޭ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި އެކުއްޖާގެ މުނިކާފައަށް ތުޙުމަތު ކުރެވޭ ޖިންސީގޯނާގެ އެހެން މަސައްލަތަކެއް އޮއްވާ މުޖުތަމައަށް ދޫކޮށްފައި ވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒު ވެފައެވެ. ފުލުހުން ވިދާޅުވެފައި ވަނީ އެމީހާ ދޫކޮށްފައިވަނީ ޢުމުރަށް ބަލައިފައި ކަމަށެވެ.
ތުއްތު ކުއްޖާގެ މުނިކާފަ ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2018 ވަނަ އަހަރުގެ ފެބުރުއަރީ 17 ގައި ހައްޔަރު ކުރެވުނެވެ. އެމައްސަލަ ތަޙްޤީޤްކޮށް ދައުވާކުރުމަށް ވަނީ ފޮނުވިފައެވެ. ނަމަވެސް އެމައްސަލައިގައި އެންމެ އަޑު އެހުމަކަށްފަހު މައްސަލަ ވަނީ ހުއްޓިފައެވެ.
ޕިޖީ އިން ވިދާޅުވީ މިމަހު 21 ވަނަ ދުވަހަށް އެމައްސަލައިގެ އަޑު އެހުމެއް ތާވަލް ކޮށްފައިވާ ކަމަށެވެ. އެމައްސަލަ ލަސްވާން ދިމާވި ތަފާތު ސަބަބުތައް މިރޭގެ ބައްދަލުވުމުގައި ވަނީ ހާމަ ކޮށްދެއްވައިފައެވެ. ޕީޖީ އިން ވިދާޅުވީ ފުރަތަ އެމައްސަލަ ބައްލަވަން ޙަވާލުވި ފަނޑިޔާރު މައްސަލައިން ތަނާޒުލްވީ މައްސަލައިގައި ހިމެނޭ ފަރާތާއި ތިމާގެ މީހަކަށްވާތީ މަސްލަޙަތު ފުށުއަރާތީއެވެ. ދެން ޙަވާލުވި ފަނޑިޔާރަށް މައްސަލަ ކުރިއަށް ނުގެންދެވުނީ ސްލޫކީ މައްސަލައެއްގެ ސަބަބުންކަމަށް ވިދާޅުވިއެވެ.
ތުއްތު ކުއްޖާގެ މުނިކާފައަށް ތުޙުމަތު ކުރެވޭ އަނެއް މަސައްލައަކީ މިދިޔަ ޑިސެމްބަރމަހު 27 ގައި ޢުމުރުން 10 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެވެ. އެމައްސަލައިގައި އެމީހާ ހައްޔަރު ނުކުރެވި ވަނީ ތުޙުމަތުކުރެވޭ ވީޑިއޯގައި ވަނީ އެމީހާކަން ކަށަވަރު ނުކުރެވޭތީކަމަށް މިރޭގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށްފަހު މުޖުތަމައަށް ދޫވެފައި ތިބޭ މީހުންނާމެދު ފިޔަވަޅު އަޅައި ދިނުމަށް ކަމާ ބެހޭ މުއައްސާސާތަކުގައި މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ވަނީ އެދިވަޑައިގެންފައެވެ.
މިރޭގެ ބައްދަލުވުމުގައި ކޮމެޓީން ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ވިދާޅުވީ 15 ޖެނުއަރީގައި ލިބުނު ރިޕޯރޓްގެ ކުރިން ދެއަހަރުވެސް ނުފުރޭ ތުއްތު ކުއްޖާގެ މައްސަލަ އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ނުވާކަމަށެވެ.
ކުއްޖާގެ މަންމައާއި ބައްޕަ އަކީ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކަށް ވެފައި އަދި ބައްޕަ އަކީ މާރާމަރީގެ ކުށުގެ ރެކޯރޑް އޮތް މީހަކަށް ވެފައި އެދެ މީހުން ގާތުގައި ތުއްތު ކުއްޖާ ހުރުން އެއީ އެންމެ ރަނގަޅުގޮތްތޯ ކޮމެޓީން ސުވާލު ދެންނެވުމުން ފުލުހުން ވިދާޅުވީ އެފަދަ ޙާލަތުގައި ވަރަށް ގިނަ އާއިލާތައް އެބަތިބިކަމަށެވެ. ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެނޫން އެއްވެސް ގޮތެއް ނެތިއްޖެ ޙާލަތެއްގައެވެ. މި ސުވާލު ކޮމެޓީން ވަނީ ޖެންޑަރ މިނިސްޓްރީއަށް ވެސް ކުރިމަތި ކުރައްވައިފައެވެ.
މިނިސްޓަރ ޝިދާތާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް އެފަދަ ކުދިން ނުނަގައި އެންމެ ފުރަތަމަ މަސައްކަތް ކުރަނީ އާއިލާގެ ތެރެއިން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ. ކުއްޖެއްގެ މައިންބަފައިން މަސްތުވާތަކެތި ބޭނުން ކުރާ ކަން އެނގިއްޖެނަމަ، ފުލުހުންނާ ގުޅިގެން އެ ކުއްޖާގެ މާހައުލުގެ ރިސްކް އެސެސްމަންޓް ހަދަމުން ގެންދާ ކަމަށް މިނިސްޓަރ ސިދާތާ ފާހަގަކުރެއްވިއެވެ. ނަމަވެސް 2 އަހަރު ނުވާ މި ތުއްތު ކުއްޖާގެ މައްސަލައިގައި ރިސްކް އެސެސްމަންޓެއް ނުހެދި ވަނީ އެކުއްޖާގެ މައްސަލަ މިމަހު 15 ގައި ހުށަހެޅުމުގެ ކުރިން އެފަދަ އެއްވެސް މައުލޫމާތެއް މިނިސްޓްރީއަށް ލިބިފައި ނުވާތީ ކަމަށެވެ.