މުގާބިލާ - 14

(10 ޖަނަވަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"އެކަހަލަ ޗާލާކު މަކަރުވެރި މީހުން ފިތުނައިގެ އަލިފާން ރޯކޮށްފައި ފިލައި ރައްކާވާނެ." ސުލައިމާން ބުންޏެވެ.

އެމީހުން ފުލުހުންނަށް ޚަބަރުދިނީ ވަކި މީހަކު ނޭނގޭ ގޮތަށް ފޯނުކޮށްގެންނެވެ. ފުލުހުން ވަގުތުން ފިޔަވަޅު އަޅައި އެ ކުދިން ހައްޔަރު ކޮށްފިއެވެ. އެ ކުދިންގެ ތެރެއިން އެއް ކުއްޖަކު އެކަހަލަ ރޭވުމެއްގައި ބައިވެރިވީ ކަމަށް އެއްބަސްވެއްޖެއެވެ. އެކަމަކު އެނޫން މައުލޫމާތެއް ނުލިބުނެވެ. އެ ކުދިން ބުނި ގޮތުގައި ހަމަލާގައި އެ ކުދިން ބައިވެރިއެއް ނުވެއެވެ. މިސްކިތަކަށް ހަމަލާ ދޭ ވާހަކަ ބުނީމާ އެކަމަކަށް އިންކާރު ކުރީއެވެ. އެމީހުންނަށް ނަސޭހަތާއި އިރުޝާދު ދިން މުސްކުޅި ޝޭޚުގެ ވާހަކަޔާއި ހަތިޔާރު ހޯދި މީހާގެ މައުލޫމާތުވެސް އެ ކުދިންގެ ފަރާތުން ފުލުހުންނަށް ލިބުނެވެ. އެކަމަކު އެމީހުން އަތުލައިގަނެވޭ ގޮތެއް ނުވިއެވެ.

ރިޟްވާން ހުރީ ވަރަށް ބިރުންނެވެ. އޭގެ ފަހުން އޭނާ ގެއަކަށްވެސް އަދި އޮފީހަކަށްވެސް ނުދެއެވެ. ސުލައިމާން މެދުވެރިކޮށް ސިޓީ ލައިގެން ޗުއްޓީއަށް އެދުނީއެވެ، ޢަދްނާންވެސް އެ ދުވަސްކޮޅު އުޅުނީ ސުލައިމާންގެ ފުލެޓުގައެވެ. ދެމީހުންގެ ވެގެން ރިޟްވާންގެ ހިތްހަަމަ ޖައްސައިދީ ބިރު ފިލުވައިދެވޭތޯ މަސައްކަތް ކުރަނީއެވެ.

"އަހަރެމެން ދެން ދަނީ." ސުލައިމާން ބުނެލިއެވެ.

"ބޭރުން ތަޅުލާފައި ދޭ." ރިޟްވާން ބުންޏެވެ.

ސުލައިމާން ހައިރާން ވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ބޭރުން ތަޅުލަނީ ކީއްކުރަން؟ އެތެރެއިން ތަޅުލާ. މީހަކު ޓަކި ޖެހިޔަސް ބޭރުބަލާ ލޯވަޅުން ބަލައިފައި ނޫނީ ނުހުޅުވާތި."

"ނޫނޭ. ބޭރުން ތަޅުލާފައި ދޭ."

"ކަލޭ ބޭރަށް ނުކުންނާން ވެއްޖެއްޔާ ހަދާނީ ކިހިނެއް؟" ޢަދްނާން އަހައިލިއެވެ.

"އަހަރެން ނުކުންނާކަށް ނުޖެހޭނެ."

"ކަލޭމެންގެ ކަންތައް ތިޔަ ހުންނަ ގޮތެއް އަހަންނަކަށް ނުވިސްނޭ. ކަލޭ ތިޔަ ހުންނަނީ އެމީހުން ދެކެ ބިރުން ރޫރުއަޅައަޅާ. އަނެއްކޮޅުން އެމީހުން އަގުލިއްޔަތަށް ވާއިރު އަދި މިސްކިތަށް ހަމަލާ ދީފާނެކަން އެނގޭ އިރުވެސް ޖަމާއަތުގައި ނަމާދުކުރުން ހުއްޓައެއް ނުލާ." ސުލައިމާން ބޯ ހޫރައިލިއެވެ. "ދެނަހުރިންތަ؟ މިހާރުވެސް މިސްކިތް އޮތީ ފުރި ބާރުވެފައި."

"ކަލޭ ތިޔަ ކުރަނީ ކޮން މަލާމާތެއް؟" ރިޟްވާން ނުރުހުންވިއެވެ. "ކަލޭ އޮފީހަށް ދަނީ ރޯދަމަހު ހެނދުނު ސައި ބޮއިގެން. އެންމެ ރޯދައެއްވެސް ނުހިފާ. ނަމާދެއް ނުކުރޭ. އެކަމަކު ދީންވެރިން ދައްކާ ކަހަލަ ވާހަކަ އެބަ ދައްކަމު."

ސުލައިމާން ލަދުގެންފިއެވެ. "ތިޔައީ ތެދެއް. މަލާމާތް ކުރުމުގެ ހައްގެއް އަހަންނަކަށް ނެތް. މާފުކުރޭ. އަހަރެން މި ވާހަކަ ދައްކަނީ ކަލެޔާ މެދު ފިކުރު ކުރެވޭތީ. ކަލެއަކީ ފަސްވަގުތު ނާޅާ ނަމާދުކުރާ މީހެއް. ގޭގައި ނަމާދު ކުރުމަކީ ކަލެއަކަށް ފަސޭހަ ކަމަކަށް ނުވާނެ."

"އެކަމަކު ބުނަންތަ؟ މީހުންގެ ހިތްވަރަށްވެސް ސާބަސް ދޭން ޖެހޭ. މިކަހަލަަ ކަމަކާ ދިމާވީމާވެސް މިސްކިތަށް ނުގޮސް ހުއްޓައިލާ މީހުން ވަރަށް މަދު." ޢަދްނާން ބުނެލިއެވެ.

"ދެން ތިޔަ ވާހަކަ ހުއްޓައިލާ." ރިޟްވާން ނުރުހުމާއެކު ބުނެލިއެވެ.

ސުލައިމާނާއި ޢަދްނާނާ ދެމީހުން ބޭރުން ފުލެޓު ތަޅުލާފައި ބޭރަށް ހިނގައްޖެއެވެ. ރިޟްވާން ތެދުވެގެން ގޮސް ކުޑަ ދޮރުގެ ބިއްލޫރިގަނޑުން ބޭރު ބަލާން ފަށައިފިއެވެ. އިރުކޮޅަކު ބަލަަހައްޓައިގެން ހުރުމަށް ފަހު އެނބުރި އައިސް ވުޟޫ ކޮށްގެން ޤުރްއާން ކިޔަވާން އިށީނދެއްޖެއެވެ. އޭނާ ވަނީ އާދަޔާ ޚިލާފު ހާލަތަކަށް ވެއްޓިފައެވެ. ނަމާދު ކުރަނީ ގަދަކަމުން ކަހަަލަ ގޮތަކަށެވެ. ޤުރްއާން ކިޔަވާ ހިތެއްވެސް ނުވެއެވެ.

ހިތާ ދެކޮޅަށް ނަމަވެސް މަގުރައެއްވަރު ކިޔަވައިފައި ވިސްނާން ފަށައިފިއެވެ. އޭނާ ގެންފައި ހުރި ބިރު އެއްވެސް މީހަކަށް ރަނގަޅަށް އިހުސާސް ނުކުރެވޭތީ ހައިރާންވިއެވެ. އެ ޖަމާއަތުގެ އެންމެން ހައްޔަރު ނުކުރާކަން އޭނާއަށް ޔަގީނެވެ. ފުލުހުން ފުރަތަމަ ވަން ގެއަށް ވަނުމާއެކީ ދެން ތިބި އެންމެން ފިލައި ރައްކާވާނެއެވެ. ފުލުހުންނަށް އެންގީ އޭނާކަން އެމީހުން ދަންނަނާނެއެވެ. އެހެންވީމާ މިހާރު އޭނާ ނުފެނިގެން ހޯދާނެކަން ގައިމެވެ.

ކުއްލިއަކަށް އޭނާގެ ހިތަށް އެރިއެވެ. "އަހަރެން ފިލީމާ ފުލުހުންނަށް އެންގީ އަހަރެންކަން އެމީހުންނަށް މިހާރު ޔަގީން ވާނެއެވެ. އަހަރެމެން މަޅީގައި ޖައްސައިފައި ވަގުކަލޭގެ ފިލީއޭ އެމީހުން ކިޔާނެއެވެ. ފިލައިގެން އުޅެވޭނީވެސް ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ މުޅި ދިރިއުޅުން އެހެން ހޭދައެއް ނުކުރެވޭނެއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟"

އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ސުލައިމާން ދެކެ ރުޅި އަންނާން ފަށައިފިއެވެ. ނަފުރަތު އިތުރުވާން ފަށައިފިއެވެ. އޭނާ މިހާރު އެހެރީ ބޮޑު މުސީބާތެއްގެ ތެރެއަށް ވެއްޓިފައެވެ. އެ ޒުވާނުން މިނިވަންކޮށް ތިބިއިރު އޭނާއަކަށް އެހައި ބޮޑު ނުރައްކަލެއް  ނެތެވެ. އޭނާ މަރުގެ ތުންފަތްމައްޗަށް ގެނައީ ސުލައިމާނެވެ. އޭނާ ކަންތައް ކުރީ އެންމެ ބޮޑެތި ހަތުރުންވެސް ނުކުރާ ކަހަލަ ގޮތަކަށެވެ.

* * *

ތަޅުދަނޑި ޖެހި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. މަޑުމަޑުން ދޮރު ކައރިއަށް ގޮސް، ބޭރުބަލާ ލޯވަޅުން ބަލައިލިއެވެ. އޭނާގެ ހިތް ތެޅޭ ވަރުން އިސާހިތަކު ފުންމައިގެން ބޭރަށް އަތުވެދާނޭހެން ހީވިއެވެ. ބޭރުގައި ސުލައިމާނާއި ޢަދްނާނާ ދެމީހުން ތިއްބާ ފެނުނީމާ ހިތްހަމަ ޖެހިއްޖެއެވެ.

އެމީހުން އައީ ރޯދަ ވިއްލާން ކައްކާނޭ އެއްޗެހި ހިފައިގެންނެވެ. ގެއަށް ވަނުމާއެކު ސުލައިމާން ވަނީ ބަދިގެއަށެވެ. ރޯދަ ވީއްލާނޭ އެއްޗެއް ތައްޔާރުކުރުމަށް ފަހު ހާރުކާނޭ އެއްޗެހިވެސް ކައްކާން ވާނެއެވެ. ހުރިހައި ކަމެއް ކުރަނީ ސުލައިމާނެވެ. ޢަދްނާނަކީ ކައްކާން ދަންނަ މީހެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި ކައްކާން ވަގުތު ހޭދަކުރުމުގެ ބަދަލުގައި ހޮޓަލަކުން ކާއެއްޗެހި ގަނެގެން ގެނެސް ކެއުން މާ ރަނގަޅެވެ. ވަގުތު ބޭކާރު ނުވާނީ އޭރުންނެވެ.

ސުލައިމާން ކައްކާން ހުއްޓައި ޢަދްނާން ބަދިގެއަށް ވަދެ ކިޔައިފިއެވެ. "ކަލޭ މީހަކާ އިންނާނޭ ކަމެއް ނެތް. ކުރާން ނޭނގޭ ކަމެއް ނެތް."

"މިކަހަލަ ކަންތައްތައް އަމިއްލައަށް ކުރާން ކޮންމެ މީހަކަށްވެސް އެނގޭން ވާނެ." ސުލައިމާން ހިނިތުންވެލިއެވެ.

"ތިޔައީ ބޭކާރު މަސައްކަތެއް. ބާޒާރުން ތައްޔާރީ ހާލަތުގައި ނުލިބޭ އެކައްޗެއްވެސް މިހާރަކު ނެތް."

"ގޭގައި ކައްކާ އެއްޗެހީގައި ލާ ކަހަލަ ރަހައެއް ހޮޓަލުން ގެންނަ އެއްޗަކު ނުލާނެ. ކައްކައިފައި ހުންނާނީ ރަނގަޅަކަށް ނޫން."

"އާނ. ތިޔައީވެސް ދޮގެއް ނޫން." ޢަދްނާން އެއްބަސްވިއެވެ.

"އަހަރެންވެސް އަބަދަކު ނުކައްކަން. އެކަމަކު ބައެއް ފަހަރަށް އަމިއްލައަށް ައްކައިގެން ކަން." ސުލައިމާން ބުންޏެވެ. "މިދުވަސްކޮޅު މި ބުރަ އުފުލަނީ ކަލޭމެން ދެ ރޯދަވެރިންނަށްޓަކައި. އަހަރެން ރޯދަ ނުހިފިޔަސް ކަލޭމެން ރޯދަ ވިއްލާނޭ ގޮތެއް ހަދައިދޭން ވާނެއެއްނު؟"

"ކަލެއަކީ ވަރަށް ފައްކާ އެކުވެރިއެއް. އަމިއްލައަކަށް ހެޔޮ ކަމެއް ނުކުރޭ. އެކަމަކު ހެޔޮކަންތައް ކުރާ މީހުންނަށް ޚިދުމަތް އެބަކުރަމު. ރޯދައެއް ނުހިފާ. ރޯދަވެރިންނަށް ކައްކައި ކާންއެބަދެމު. ނަމާދެއް ނުކުރޭ. ނަމާދުވެރީންގެ ސަލާމަތަށްޓަކައި އަމިއްލަ ޖާނަކަށް ނުބަލައި މަސައްކަތް އެބަކުރަމު." ޢަދްނާން ބުންޏެވެ. "ކަލެއަށް އެކަމުން ވަނީ ކޮން ފައިދާއެއް؟"

"ކަލޯ. އަހަރެން މިކަހަލަ ކަންތައްތަކުގައި ފައިދާއާއި ގެއްލުމަކަށް ނުބަލަން."

ޢަދްނާން ބަދިގެން ނުކުމެގެން އަތުވެއްޖެއެވެ. "ރިޟްވާން. ކިހިނެއް ހާލު؟"

"ހާލު އޮންނާނީ ކިހިނެއް؟ މި ހުންނަނީ ގޭގައި ހައްޔަރު ވެފައެއްނު؟ އޮފީހުގެ ކަންތައް ކިހިނެއް؟"

"ވަކި ތަފާތެއް ނެތް."

"ސުލައިމާން އާ ކަމަކާ ހަރާދެއް ނުކިޔާތަ؟"

"ރޯދަމަހަކު އޭނާ އެކަމެއް ނުކުރެއެއްނު؟"

"އެއްކަލަ އަންހެން ކުއްޖާގެ ކަންތައް އޮތީ ކިހައި ހިސާބެއްގައި؟ ފަރްޒާނާ..."

"އެ ކުއްޖާގެ ކަންތަކުގައި ސުލައިމާން ދެއްކި ވާހަކަ މުޅީން ތެދު. އެއީ ވިޔާނުދާ ކުއްޖެއް ނޫން. ސުލައިމާން އެގެއަށް އެއް ރެޔަކު ދިޔަ... އެކަނި... އެކުއްޖާވެސް ގޭގައި އިނީ ހަމަ އެކަނިމާއެކަނި... އެކަމަކު އިނގިލިކުރިވެސް ޖައްސައިލިޔަ ނުދިން. ތިމަން ލޯބި ވެޔޭ، ބޭނުން ވަނީ އިންނާށޭ ކިޔައިގެން ސުލައިމާންގެ ސިކުނޑި ސުމަކަށް ދުއްވައިލައިފި."

"އެހެންތަ؟" ރިޟްވާން ހައިރާންވިއެވެ. "އެކަމަކު އޭނާގެ ހަރަކާތަކުން ރަނގަޅު ކުއްޖެއް ކަމުގެ އަސަރެއް ނުފެނޭ."

"ސުލައިމާނަށް ފުރަތަމަ ދުވަހުވެސް އެކުއްޖާ ރަނގަޅުކަން އެނގުނީތާ."

"ސުލައިމާން ދެން ހެދީ ކިހިނެއް؟"

"އޭނާގެ ކަންތައް ހުންނަ ގޮތް ކަލެއަށް އެނގޭނެ. އަންހެން ކުއްޖަކު ރަނގަޅިއްޔާ އޭނާ ދުވާނީ ދުރަށް."

"އާނ. ވިޔާނުދާ ކަސްބީ އަންހެނުން ހޯދާ މީހަކަށް ރަނގަޅު އަންހެން ކުއްޖަކާ ގާތެއް ނުވެވޭނެ. އެކަހަލަ ކުއްޖަކަށް ގަދަރެއް ނުކުރެވޭނެ." ރިޟްވާން ވިހަ ރާގަކަށް ބުނެލިއެވެ. "ވިޔާނުދާ މީހުން އަބަދުވެސް ހެޔޮ ކަމަށް ބިރުން ފިލަން ދުވާނެ. ޝައިތާނާއަކީ ކާވެންޏަށް ނަފުރަތު ކުރާ ޅައިއެއް."

ޢަދްނާން ޝައްކުގެ ނަޒަރަކުން ރިޟްވާނާ ދިމާއަށް ބަލައިލިއެވެ. "ރިޟްވާން. ސުލައިމާނަކީ އަހަރެމެންގެ ނުލާހިކު ގާތް އެކުވެރިއެއް. އޭނާޔާ ބެހޭ ގޮތުން ތިޔަ ކަހަލަ ވާހަކަ ދައްކާކަށް ނުވާނެ."

"އަހަންނަކީ ދޮގުވެރިއެއް ނޫން. އެކުވެރިކަން އޮތް ތާނކު ބާއްވާ. ނުބައި މީހަކު ނުބައޭ ބުނަން ވާނެ. ޝައިތާނާއާ ދިމާއަށް ޝައިތާނާއޭ ނޫން ގޮތަކަށް ނުކިޔޭނެ."

"އެކުވެރިއަކަށް ވާތީ ކަލޭ ޖެހޭނީ ﷲ އޭނާއަށް ތެދުމަގު ދައްކަވާތޯ ދުޢާ ކުރާކަށް ނޫންތަ؟"

"އޭނާއަކަށް ތެދުމަގެއް ނުފެންނާނެ."

"އެކަމަކުވެސް... އެއީ އިންސާނެއްގެ ގޮތުގައްޔާއި އެކުވެރިއެއްގެ ގޮތުގައި ވަރަށް ރަނގަޅު މީހެއް."

"ތިޔައީކީ ޖަހަންނަމައިން ސަލާމަތް ވާނޭ ކަމެއް ނޫން."

ޢަދްނާން ބޭނުންވީ އޭނާއަށް ވިސްނައިދޭށެވެ. އޭނާއަށް ނުލާހިކު ބޮޑު ނުރައްކަލެއް ކުރިމަތިވީ ވަގުތު ގެއިން ޖާގަދީ އެހީތެރިވެދިނީ ސުލައިމާނެވެ. މިހާރުވެސް އޭނާ ބަދިގޭގައި ހުރެގެން ރިޟްވާނަށް ކައްކައިދެނީއެވެ. ރިޟްވާނަށް ސުލައިމާން ކަމުނުދާ ކަމަށް ވަންޏާ އޭނާޔާ އޮތް ގުޅުން ކަނޑައިލީމާ ނިމުނީއެވެ. ގުޅުން ބާއްވާން ބޭނުމިއްޔާ އޭނާއަށްޓަކައި ހެޔޮ ދުޢާކޮށް އޭނާއަށް ތެދުމަގު ދައްކަވާތޯ މަސައްކަތް ކުރާން ވާނެއެވެ. ހިތުގައި މި ހުރިހައި ވާހަކައެއް ހިނގިނަމަވެސް ޢަދްނާން ވިސްނީ މި ވަގުތު އެ ވާހަކަ ކުރިއަށް ގެންދިއުން ރަނގަޅު ނޫން ކަމުގައެވެ. އެހެންވީމާ ވާހަކައިގެ މަވްޟޫއު ބަދަލު ކޮށްލިއެވެ.

ދެމީހުން ރޯދަ ވީއްލައިފިއެވެ. ތަރާވީސް ގަޑި ޖެހުނީމާ ދެމީހުން އަނެއްކާވެސް ރިޟްވާން އެތެރޭގައި ބަހައްޓައިފައި ބޭރުން ތަޅުލުމަށް ފަހު ބޭރަށް ހިނގައްޖެއެވެ. މިއީވެސް ހައިރާންވާ ކަހަލަ ކަމެކެވެ. އެކަކު ތަރާވީސް ކުރަނީއެވެ. އަނެކަކު ނަމާދުވެރިން ބަލަހައްޓާން ފާރަވެރިއަކަށް ވެގެން ހުންނަނީއެވެ. މިސްކިތާ ދިމާއަށް ދަމުން ސުލައިމާން ބުންޏެވެ. "އިންޑިއާ އަކީ ކާފަރު ގައުމެއް. އެކަމަކު އެ ގައުމަކުވެސް މިހެންނެއް ނުވޭ. ކިހައި ލަދުވެތިކަމެއް."

"ތިޔައީ ތެދެއް. އެކަމަކު އަހަރެމެންނަކީ ލަދުހަޔާތް އަރުއްވައިގެންފައި ތިބި ބަޔަކީމު."

ނަމާދުކޮށް ނިމުނީމާ އެނބުރި ގެއަށް އަންނަމުން ޢަދްނާން ސުލައިމާނާ ސުވާލު ކުރިއެވެ. "ރިޟްވާން ހުންނަނީ ކަލޭ ދެކެ ރުޅި އައިސްފައި."

"އާނ. އޭނާ ގަބޫލުކުރާ ގޮތުގައި އޭނާ ބޮޑު މުސީބާތެއްގެ ތެރެއަށް ވައްޓައިލީ އަހަރެން."

"ނޫނޭ. އެހެން ވެގެންނެއް ނޫން. އޭނާ ދެކޭ ގޮތުގައި ކަލެއަކީ ވަރަށް ނުބައި ވިޔާނުދާ މީހެއް. ބައެއް ފަހަރަށް ކަލެއަށް ވަރަށް ބޮޑަށް ނަފްރަތުކުރާހެންވެސް ހީވޭ."

"އެއީ ހައިރާންވާ ވަރުގެ ކަމެއް ނޫނެއްނު؟ އަހަރެންގެ ކަންތައް ހުންނަނީ އެކަހަލަ ގޮތަކަށްނު؟"

"އެކަމަކުވެސް އެއްވެސް މީހަކު..."

"އަޅާނުލާ. އޭނާ ގޮވާ އަވަގުރާނަވެސް އަހަންނަށް އަސަރުގަދަ ލަވައެއްހައި ރީތި." ސުލައިމާން ހިތްހެޔޮކަމާއެކު ބުނެލިއެވެ. "އޭނާއަށް ވިސްނައިދީގެން ހަމަޔަކަށް އަޅުވާ. ކަންބޮޑުވުން ފިލުވައިދެވޭތޯ ބަލާ. އީދަށް ދެތިން ދުވަހަށް ވެއްޖެ."

އެރޭ ޢަދްނާން ވަރަށް ގިނަ އިރު ވާންދެން ރިޟްވާނާ ވާހަކަ ދެއްކިއެވެ. މިހާރު ނުރައްކަލެއް ނެތް ކަމަށް ވިސްނައިދީ ހިތްހަމަ ޖައްސައި ދިނެވެ. އީދުގެ ފަހުން ބޭރަށް ނުކުމެ އާދައިގެ ދިރިއުޅުމެއް ފަށާނޭ ކަމަށް ރިޟްވާން ބުންޏެވެ. އަދި އޮފީހަށް ނުކުންނާންވެސް އެއްބަސްވިއެވެ.

އަނެއް ދުވަހު ހެނދުނު އިވުނީ އިއުތިކާފަށް ތިބި މީހުންނަށް ނިރުބަވެރިން ހަމަލާ ދިން ޚަބަރެވެ.

* * *

ބާތިލާއި ސަގީލާއާ ދެ ޝައިތާނުން ވިސްނާން ތިއްބެވެ. ދެމީހުން އެކަކު އަނެކެއްގެ ފައިލު ވަރަށް ރަނގަޅަށް ބަލައި ދިރާސާ ކޮށްފިއެވެ. ދެމީހުން ގުޅިގެން އުޅެނީ ދެމީހުންގެ ޝިކާރައަކީ އެކަކު އަނެކަކާ ވަރަށް ގުޅުން ބޮޑު ދެމީހުންނަށް ވާތީއެވެ. ދެމީހުންނަކީ އުޑާ ބިމާހައި ތަފާތު ދެމީހުންނެވެ. ރޫހުގެ ވިޔަފާރި ކުރާކަށް ސަގީލާއަކަށް ނުޖެހެއެވެ.

"ނަން... ރިޟްވާން އަޙްމަދު... އުމުރު ތެއްތިރީސް އަހަރު... ފަސްވަގުތު ނާޅައި ނަމާދުކުރާ ރޯދަވެރިއެއް. އަހުލެއްވަހުލެއް ނެތް އެކަނިވެރިއެއް. އެކުވެރިން ފިޔަވައި ފެންފޮދެއް ދޭނޭ މީހަކުވެސް ނެތް. އަންހެންކުދިންގެ މަޅީގައި ޖެހޭ މީހެއް ނޫން. ރިޝްވަތަށް ނަފުރަތުކުރާ މީހެއް. ފެންނަ ފެނުމުގައި ކަލޭގެ ޝިކާރައަކީ އެއްވެސް ނުބައިކަމެއް ދިލައެއް މިލައެއް ނެތް ސާފު މީހެއް." ބާތިލް ބުންޏެވެ.

"އާނ... ސުލައިމާން ޔޫސުފް... އުމުރު ސައުރަތިރީސް އަހަރު... މީހަކާ ނީނދޭ... ހުސްހަށިބައި... ދީނާއި ނަމާދާއި ރޯދައަކީ މި ސޮރަށް ފަކުރެއް... އެކަނިމާއެކަނި އުޅޭ މީހެއް. އެކުވެރިން ފިޔަވައި އެހެން ގާތް މީހަކު ނެތް. އަންހެންކުދިން މަޅީގައި ޖެއްސުމުގެ މާހިރެއް. އަބުރުވެރި ރަނގަޅު އަންހެން ކުދިން ކަމަކު ނުދޭ. ޖުވާ ކުޅުމާއި ހަރާދު ކިޔުމުގެ ޝައުގުވެރިކަން ވަރަށް ބޮޑު. ނުކުރާކަ ނުބައިކަމެއް ނޯވޭ. މިއީ ކަލޭގެ ޝިކާރަ." ސަގީލާ ބުންޏެވެ.

"މި ދެމީހުންނަކީ ވަރަށް ގާތް ދެ އެކުވެރިން." ބާތިލް ބުންޏެވެ. "އިރުޝާދު ލިބިފައި އޮތީ ކަލޭގެ މަސައްކަތް ނިމުނީމާ އަހަރެންގެ މަސައްކަތް ފަށަން."

"ތިޔައީ އެހައި ރަނގަޅު ގޮތެއް ނޫން. އަހަރެންގެ މަސައްކަތް ވަރަށް އުނދަގޫ. ކަލޭގެ މަސައްކަތް ނުލާހިކު ފަސޭހަ. ކަލޭގެ ޝިކާރައަކީ ދޮންވެ ފައްކާވެފައި އޮތް މޭވާއެއް. ބިނދެލީމާ ނިމުނީ." ސަގީލާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

"ތިޔައީ ހީވާ ގޮތް." ބާތިލް ބުންޏެވެ. "މާތްވެގެންވާ ޗާންސެލަރުގެ ވާހަކަފުޅު އަހަރެން ހަނދާން އެބަހުރި. ކިބުރުވެރި އަޅުވެރިއަކަށް ގަންނަ ބިރަށްވުރެ، ހެޔޮ މަގަށް އެނބުރިގަތުމުގެ ފުރުސަތު އޮންނަ ފާފަވެރިއަކު ދެކެ ގަންނަ ބިރު ބޮޑު ވާންވާނެ. އަހަރެންގެ ޝިކާރައަކީ އެކަހަލަ މީހެއްހެން ވަރަށް ބޮޑަށް ހީވޭ. ސިއްރުސިއްރުން މަޑުމޮޅިކަމާއެކީ ހެޔޮ ކަމެއް ކޮށްލާ ފާޑުގެ މީހެއް ވައްތަރު ޖަހާ."

"ބަލަމާ ބަހީ."

"ކަލޭ ހަދަން ގަސްތު ކުރަނީ ކިހިނެއް؟"

(ނުނިމޭ)

3 ޚިޔާލު

  1. ރިޟްވާން އަޙްމަދު..ސުލައިމާން ޔޫސުފް..ދެމީހުންނަކީ
    އުޑާ ބިމާހައި ތަފާތު ދެމީހުން. އެކަމަކު ދެމީހުންގެ ރަހުމަތްތެރިކަން އެހާ ތަނަވަސް.ގިނަ މީހުންނަށް ވާވަރަކީ ޚިޔާލު އެއްގޮތްނޫންނަމަ އެކުގަ އުޅެވޭވަރެއް ނުވާނެ

  2. ރަޙްމަތްތެރިޔާ ދެކެ ރިޟްވާން ގެ ހިތްހަމަނުޖެހުން؟
    ތިއީ ވަރަށް ދެރަކަމެއް.އެކުވެރިކަމަށް ބުރޫއަރާފަދަ ކަމެއް ނުވާނެކަމަށް އުއްމީދުކުރަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.