މިއަދަކީ ޅެންވެރިންގެ ދުވަހެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަ ކުރައްވައިފައިވަނީ ދިވެހި އަދަބިއްޔާތުގައި ފުންނާބު އުސް، ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުޞައިންނަށެވެ. އެހެންކަމުން މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރަކީވެސް ޢަބްދުއްރަޝީދު ހައްދަވައިފައިވާ ޚާއްޞަ ޅެމެއްގައި ހިމެނޭ "ރީތީ ނަލަނަލަ ހަނދެއްކުރި އަލީގާ..." އެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ޢަބްދުއްރަޝީދު ޙުޞައިންނަށް މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަކުރެއްވީ، އެމަނިކުފާނަކީ މޮޅު ޝާޢިރަކަށްވެފައި ޤައުމީ ލަވަތަކާއި ޅެންތަކުން ދިވެހި އަދަބީ އުދަރެސް މުއްސަދި ކޮށްދެއްވާ ޅެންވެރިއަކަށް ވުމުން ކަމަށެވެ. އަދި އެޚިދުމަތުގައި ދެމި ހުންނެވި ޅެންވެރިއަކަށް ވާތީކަމަށެވެ.
މިދިޔަ ދެތިން އަހަރެއްގެ ޅެންވެރިންގެ ދުވަސް ދިވެހި ބަހުގެ އެކަޑަމީން ޚާއްޞަ ކުރެއްވީ ދުނިޔެ ދޫކޮށްގޮސްފައިވާ މަޝްހޫރު ޅެންވެރިންނަށެވެ. ޚިދުމަތުގައި ދެމިހުންނެވި ޅެންވެރިއަކަށް ޅެންވެރިންގެ ދުވަސް ޚާއްޞަ ކުރައްވާ މީ ފުރަތަމަ އަހަރެވެ.
ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ ވެސް ޢަބްދުއްރަޝީދު ޙުޞައިންގެ އުފަން ރަށް ކަމުގައިވާ މ. ދިއްގަރުގައެވެ. ޖަލްސާ ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ މިމަހު 24 ވަނަ ދުވަހުއެވެ. ރަސްމީ ޖަލްސާގެ އިތުރުން ދިއްގަރުގައި ވެސް ޅެންވެރިކަމުގެ ގުންޒަރަކާއި އެނޫންވެސް ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ.
ދިވެހިބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޙަރަކަކާތްތައް ފެށިގެންދާނީ މިއަދު ސްކޫލުތަކުގައި ބޭއްވޭ ޅެންވެރި ދުވަހަށް ޚާއްޞަ އެސެމްބްލީންނެވެ. ހުރިހާ ސްކޫލެއްގައި މިޙަރަކާތްކުރިއަށް ގެންދެވޭނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން އުއްމީދު ކުރައްވައެވެ.
ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޅެންވެރިންގެ ގުލްޒާރު މިރޭ އޮލިމްޕަހުގައި ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މި ގުލްޒާރު ކުރިއަށް ގެންދެވުމަށް ހަމަޖައްސަވައިފައި ވަނީ ޓީވީ ޝޯވ އެއް ގޮތުގައެވެ. އެގޮތުން ދިވެހި މިޔުޒިކާއިއެކު ދިވެހި ޅެންވެރިކަން އެކި ދުވަސްވަރު ކުރިއަށް ދިޔަ ގޮތް މިޝޯވ ގައި ދައްކުވައި ދެއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ.
ޅެން ވެރިންގެ ދުވަހާ ގުޅިގެން ބާއްވަން ހަމަޖެއްސެވި ފޯރަމް މިހާރު ވަނީ ފަސް ކުރައްވައި ފައެވެ. މި ފޯރަމް ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ މާލޭގައެވެ. ޅެންވެރިންގެ ދުވަހާ ގުޅިގެން މުޅި ރާއްޖޭގެ ސްކޫލުތަކަށް އަމާޒުކޮށް ޅެންވެރިކަން ދަސްކޮށްދިނުމުގެ ޙަރަކާތެއް ކުރިއަށް ގެންދެވުމަށް ވެސް ވަނީ ހަމަޖައްސަވައިފައެވެ. މާލޭގައި ބާއްވާ މިޙަރަކާތުގައި އަތޮޅުތަކުގެ ގިނަ ޢަދަދެއްގެ ދަރިވަރުންވެސް ބައިވެރި ވާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތު ދެއްވައެވެ.
ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ މަހުގެ 15 ވަނަ ދުވަހެވެ. ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ ދިވެހި އަދަބީ ޤުލްޝަންގެ ޝާއިރުއްޝަބާބު އަލްއުސްތާޒު އަލްމަރްޙޫމް އިބްރާޙިމް ޝިހާބު އަވަހާރަވި ދުވަހަށެވެ. އެއީ 1988 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހެވެ. އިބްރާޙީމް ޝިހާބަށް ނިސްބަތްކޮށް، އެމަނިކުފާނު އަވަހާރަވި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަން ފެށީ 1989 ވަނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެންނެވެ. އެހެން ކަމުން މިއަހަރު މިފާހަގަ ކުރަނީ 31 ވަނަ ޅެންވެރިންގެ ދުވަހެވެ.
އިބްރާހީމް ޝިހާބަކީ ދިވެހި އަދަބިއްޔާތުގައި އެފަދަ ދެވަނައެއް ނެތް ފުންނާބު އުސް ޞަޙްޞިއްޔަތެކެވެ. ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި އެފަދަ ދެވަނައެއް ނެތް މަޝްހޫރު ނަމުންނަމަ "ރިހި ދުލުގެ" ވެރިޔާއެވެ. ޅެންވެރިކަމުގެ ފަންނުގައި އަލްމަރުޙޫމް އިބްރާހީމް ޝިހާބަކީ "ޝާޢިރުއް ޝަބާބު" އެވެ.
ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވި ގޮތުގައި ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ޅެންވެރިކަމަކީ ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ފަންނުކަމަށް ވުމުން، އެފަންނު ދިރުވައި އާލާކުރެއްވުމެވެ. އަދި ދިވެހި ޅެންވެރިން ކުރައްވައިފައިވާ އަދި ޅެންވެރިކަން ކުރައްވަމުން ގެންދަވާ، މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، އެބޭފުޅުންގެ މަސައްކަތްތަކަށް އާއްމުން ހޭލުންތެރި ކުރުވުމެވެ.