"ރީތީ ނަލަނަލަ ހަނދެއްކުރި އަލީގާ..." ވިދާޅުވި ވާހަކަ އަކުން އުފަންވި ލޯތްބެއް!

ޅެންވެރިން ނުވަތަ ޝާޢިރުންނަކީ އެބައިމީހުންނަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި ހިނގާ ޙާދިސާތަކުންނާއި މީހަކު ބުނާ ވާހަކަ އަކުން ވިޔަސް މުއްސަދި ޝާޢިރީ ޚިޔާލުތައް ތަރުތީބުކޮށް އަމުނާ ގަތާލައި، އެހެން މީހުންގެ އިޙްސާސްތަކާ ކުޅެލާ ބައެކެވެ. ޅެންވެރިޔާގެ މުއްސަދި ޚިޔާލުތަކުން އަޅުގަނޑުމެން ގޮވައިގެން ބައެއްފަހަރު ހަނދަށް ނުވަތަ ޖައްވަށް ހިނގައިދާނެއެވެ. ހަމަ އެހެންމެ ކަނޑުގެ އެންމެ ފުނަށްވެސް އެ މުއަސަނދި ޚިޔާލުތަކާއިގެން ފީނައިފާނެވެ. ޅެންވެރިޔާ ފާޅުކުރާ ލޯބީގެ ޝުޢޫރުތަކުން ނޭގި ހުއްޓާ ލޯބީގެ މަސްތެއްގައިވެސް ޖެހިދާނެއެވެ. މާޔޫސްކަމާއި ހިތްދަތިކަމުގައި ގިސްލާ ރޮއްވާލުމަށްފަހު ބައެއް ފަހަރު އުފަލާއި މަޖަލުގެ އަޖަލުގައިވެސް ޖައްސަފާނެއެވެ.

"ރީތީ ނަލަނަލަ ހަނދެއްކުރި އަލީގާ..." މިއީ މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރެވެ. މިއީ ޅެންވެރިންގެ ދުވަސް އެޅެންވެރިއަކަށް ޚާއްޞަ ކުރެއްވި ރާއްޖޭގެ ފުންނާބު އުސް ޅެންވެރިޔާ ޢަބްދުއްރަޝީދު ޙުސައިންގެ ޅެންވެރިކަމުގެ ޖޯޝު އުތުރި އަރަމުން ދިޔަ އެންމެ ޒުވާން ދުވަސްވަރު ހެއްދެވި ލޯބީގެ ޅެމެކެވެ.

މިޅެން އަޑު އަހާލުމުން ނުވަތަ ކިޔައިވުމުން ލޯބީގެ ހާދިސާއެއްގެ މައްޗަށް ހައްދަވައިފައިވާ ޅެމެއްކަން އެނގެއެވެ. ނަމަވެސް މިއީ ޅެންވެރިޔާ އަންހެންކުއްޖެއްދެކެ ވެވަޑައިގެންނެވި ލޯތްބެއް ނޫނެވެ. ވިދާޅުވި ވާހަކަ އަކުން އުފަންވި ލޯތްބެކެވެ. ނުހަނު ގިނަ ރީތި ޤައުމީ ޅެންތައް ހައްދަވައިފައިވާ ޢަބްދުއްރަޝީދު ޙުސައިންގެ މިޅެން، ޅެންވެރިންގެ ދުވަހުގެ ޝިޢާރަކަށް ވެގެން ދިއުމުން އޭނާ ހުންނެވީ ކުޑަކޮށް ލަދުފުޅުގެންފައެވެ.

"އަޅުގަނޑުގެ ނިންމުމެއް ނޫން. އަޝްރަފް ނިންމެވީ އެޅެމުން ޝިޢާރު ނަންގަވަން. އެއީ ގިނަބަޔަކަށް ކަމުދާ ވަރަށް ރީތި ޅެމެއްކަމަށްވާތީކަމަށް، ވިދާޅުވީ." ލަދުފުޅުން ހުންނަވައިގެން ޢަބްދުއްރަޝީދު ވިދާޅުވިއެވެ.

"ރީތީ ނަލަނަލަ ހަނދެއްކުރި އަލީގާ..." އަކީ އަލްމަރްޙޫމް ސައިކުރާ އިބްރާޙީމް ނަޢީމްގެ މަޝްހޫރު ރީތި ވާހަކައެއް ކަމަށްވާ "އެޤަތުލުގެ ސިއްރުން" އުފަންވި ލޯބީގެ ރީތީ ޅެމެކެވެ. ނަމަވެސް އެޚިޔާލުފުޅުތައް ފަށުވި ޢިބާރާތްތަކަކުން ޅެންވެރިޔާ އަމުނާ ގަތާލެއްވީ ޅެން ފަށްޓަވަމުން ސިފަ ކޮށްދެއްވައިފައިވާ "ރީތީ ނަލަނަލަ ހަނދެއްކުރި އަލީގާ..." ހުންނަވައިގެންނެވެ. ޢަބްދުއް ރަޝީދު ޙުޞައިން ވިދާޅުވީ އެރެޔަކީ ހަނދުމަހެއްގެ 14 ނުވަތަ 15 ވިލޭރެއެއް ކަމުގައެވެ. މާލޭގައި އަތިރީގެއާ ދިމާ ގޮނޑުދޮށުގައި (މިހާރު ބޭންކް އޮފް މޯލްޑިވްސް ގެ މައި އިމާރާތާ ދިމާއަށް) އޮންނަ އަތިރީގޭ ފާލަމަށް އިރާކޮޅުގެ ވަގުތެއްގައި ވަޑައިގެންނެވިއިރު، ފެނިވަޑައިގެންނެވީ އެވިދާޅުވާ ވާހަކައިގައި ސިފަކޮށްދެއްވައިފައިވާ ފަދަ ރީތި މަންޒަރެކެވެ. ހަނދު ހުރީ މެދު އުޑުގައެވެ. "ލަވް" ޖަހައިފައި ނެތްކަމުގައި ވިއަސް ކުރިމަތިން އެވާހަކައިގައި ބުނެފައިވާ ފަދަ ބައްތެއްޔެއް ފެންނަށް އޮތެވެ. އެވަގުތުގެ ހަޤީޤީ މަންޒަރާއިއެކު ޢަބްދުއްރަޝީދުގެ ހިތްޕުޅުގައި، އެވާހަކައިގައި ގެނެސްފައިވާ، ވާހަތައް އެމުނި ގެތިގެން ޅެމެއްގެ ސިފައިގައި ކުލަޖެހިގެން ދިޔައީއެވެ. އެއީ އޭނާ މަޖިދިއްޔާ ސްކޫލުގައި އޯލެވެލް އިމްތިޙާނަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދެވި އަހަރެވެ. އެރީތީ ޅެން ވަނީ "އެކުވެރިޔާ" ގެ 9 ވަނަ ޢަދަދުގައި "ސަދަވިރޭރޭގެ މެންދަމުގެ ހުވަފެން.." ނަމުގައި ޝާއިޢުކޮށްފައެވެ. އެކުވެރިޔާގެ މިޢަދަދުގައި ޝާއިޢުކުރައްވައިފައިވާ، ޢަބްދުއްރަޝީދުގެ އަނެއް ޅެމަކީ އެތައް ބައެއް ރޮއްވާލި އަސަރުން ފުރިފައިވާ ޅެމެކެވެ. އެއީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން އަވަހާރަ ވުމުގެ ހިތާމައިގައި ހެއްދެވި "އާކޮށްމިދޭ ހަނދާނެއް ކަރުނުން ދެލޯ ފުރާނޭ... " މިޅެމެވެ.

"އެކުވެރިޔާ" އަކީ މަޖީދިއްޔާ ސްކޫލުގެ އަދަބީ ޖަމްޢިއްޔާ، އެކުވެރިންގެ ގުޅުމުން ނެރެމުން އައި މަޖައްލާއެކެވެ. އެޖަމްޢިއްޔާގެ އުފެއްދެވުމުގެ އެންމެ އިސް މޭސްތިރިއަކީ ވެސް ޢަބްދުއްރަޝީދު ޙުސައިނެވެ. ޖަމްޢިއްޔާގެ ތީމް ލަވަކަމުގައިވާ "މީނިދާއޭ މިޤައުމުން އިވޭ..." އަކީ ވެސް ޢަބްދުއްރަޝީދު ޙުސައިންގެ ޅެމެކެވެ. ޖަމްޢިއްޔާއިން ނެރެމުން އައި "އެކުވެރިޔާ" މަޖައްލާގެ މުޙައްރިރަކީ ވެސް ޢަބްދުއްރަޝީދެވެ. އެހެންކަމުން ޢަބްދުއްރަޝީދުގެ އަދަބިއްޔާތުގެ މުއްސަދި ޚިޔާލުފުޅުތަކާއި ޝުޢޫރުތައް ދައްކުވައިދޭ ރީތި އެތައް ޅެމަކާއި މޮޅު މަޒުމޫނުތައް ވަނީ އެކުވެރިޔާގެ ޢަދަދު ތަކުގައި ޝާޢިޢުކުރައްވައިފައެވެ. އަދަބީ މަސައްކަތުގައި އޭރު އުޅުއްވެވުނުވަރުންނާއި ޅެންވެރިކަމުގެ ޝުޢޫރުތައް އޭރު ލިބިވަޑައިގެން ހުންނެވިވަރުން، ކޮންމެ ދާއިރާއަކުންވިއަސް ލަވަޔާއި ޅެމުގެ ފަށުވި ބަސްތައް ތަރުތީބު ކުރައްވައި އަމުނާލެއްވުމަކީ މި ޅެންވެރިޔާއަށް މާ އުދަނގޫފުޅު ކަމަކަށް ނުވެއެވެ. މި ޅެންވެރިޔާގެ ޤައުމީ ޅެންތަކާއި ލަވަތަކަކީ އަޑުއަހާ މީހުންގެ ހިތުގެ އެންމެ ހިމަނާރާއި ކުޅެލާ ޖޯޝުން ފުރިފައިވާ ޅެންތަކެކެވެ.

ދިވެހި ޤައުމީ ފުޓުބޯޅަ ޓީމް ފުރަތަމަ ފަހަރަށް ސާފްޗެމްޕިއަންޝިޕް ކާމިޔާމު ކުރުމާ ގުޅިގެން، ޢަބްދުއްރަޝީދު ހެއްދެވި މަރުޙަބާގެ ލަވަ، "ކުޅެފިސާރި ޖޯޝުގާ ..." އަކީ އެލަވައިގެ ސަބަބުން މުޅި ޤައުމަށް އައު ޖޯޝަކާއި ފޯރިއެއް ގެނެސްދިން، ދިވެހިން އެއްބައިވަންތަ ކުރުވި ލަވައެކެވެ. ހަމަ އެހެންމެ ޤައުމީ ލަވަތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ކަމުން އަޅުވެތިކަމަށް ދާނަނަންހޭ---" އާއި "މަގޭ ޤައުމާ ނުކުޅެއްޗޭ..." ފަދަ އެތައް ލަވަތަކަކީ ޢަބްދުއްރަޝީދުގެ ޅެންވެރި ކަމުން އަޑުއަހާ މީހުންގެ ލޭ ޤައުމީ ޖޯޝުން ކައްކުވާލާ ފަދަ މޮޅު، އަޑު އަހައި ފޫހި ވުމެއް ނެތް ލަވަތަކެކެވެ. ޢަބްދުއް ރަޝީދުގެ ޤައުމީ ޅެންތަކާއި ރާއްޖޭގެ ރީތިކަން ސިފަކޮށް ދީފައިވާ ލަވަތަކަކީ ވެސް ވަކި ޢުމުރެއް ނެތި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް އަދި ކޮންމެ ޒަމާނަކަށްވެސް އެކަށޭނަ އަޑުއަހާލުމުން ހިތަށް ހަމަޖެހުން ލިބިގެންދާ ރީތި ލަވަތަކެކެވެ. އެލަވަތަކުގެ ތެރޭގައި އަޑުއަހައި ފޫހިވުމެއް ނެތް އެތައް ލަވައެއް ހިމެނެއެވެ. "އިލާހީ މިބިން ކުރައްވާށި އަމާން، މިއަޅާގެ އުފަން ދިވެހިންގެ މި ބިން.... " އަކީ އަޅުގަނޑުމެން ދިވެހި ލޭ ހިނގާ ކޮންމެ ދިވެހި ދަރިއެއްގެ ގައިން "ހީބިހި" ނަގައިގެންދާ، ހިތުގެ އެންމެ ހިމަނާރާވެސް ކުޅެލާފަދަ އަސަރުގަދަ ރީތި ލަވައެކެވެ. ދުނިޔޭގެ އެހެން ހިސާބުތަކާ އަޅާ ބަލައި ރާއްޖެއާ ބެހޭގޮތުން ހައްދަވައިފައިވާ "ނަލަ ރީތި ދުނިޔޭގާ... " އަކީ އެފަދަ ދެވަނައެއް ނެތްފަދަ ގޮތަކަށް ރާއްޖޭގެ ރީތިކަމާއި އަމާންކަމާއި ހަމަޖެހުން ޅެންވެރިކަމުން ސިފަ ކޮށްދެއްވައިފައިވާ ފުރިހަމަ ލަވައެކެވެ. މިގޮތަށް ލިޔެވޭނެ ކިތަންމެ ޅެމަކާއި ލަވަތަކަކުން ޢަބުދުއްރަޝީދުގެ ޅެންވެރިކަމުގެ ބަގީޗާ ވަނީ ފުރިހަމަ ކޮށްދެއްވައިފައެވެ. ޢަބްދުއްރަޝީދުގެ ޅެންތަކުގެ މައްޗަށް އެކުލެވޭ ފޮތެއް ދިވެހިބަހުގެ އެކެޑަމީން 2012 ވަނަ އަހަރު ވަނީ ޝާޢިއުކުރައްވާފައިވެއެވެ. އަދި ޢަބްދުއްރަޝީދުގެ ޤައުމީ ލަވަތައް ހިމެނޭ އަލްބަމެއްވެސް ވަނީ ނެރެފައެވެ. މިއީ މި ޅެންވެރިޔާގެ އަދަބިއްޔާތާއި ޅެންވެރިކަމުގެ މަސައްކަތުގެ ކުޑަ މިންވަރެކެވެ. މިފަދަ ކިތަންމެ ލަވަތަކަކާއި ޅެންތަކާއި މަޒުމޫނުތައް ޢަބްދުއްރަޝީދު ޢަތްޕުޅުގައި ރައްކާކުރައްވައިފައިވެސް އެބަހުއްޓެވެ.

ގިނަ ފަހަރަށް އަޅުގަނޑުމެނަށް މިފަދަ ޚިދުމަތްތެރިންގެ އަގު ވަޒަންކުރެވެނީ އެމީހަކު ދުނިޔެ ދޫކޮށް ދިއުމުންނެވެ. ނަމަވެސް މިފަހަރު އެއާ ޚިލާފަށް ފެނިގެން މިދަނީ ޅެންވެރިޔަކު ޚިދުމަތުގައި ދެމިހުންނަވަނިކޮށް އޭނާގެ އަގުވަޒަން ކުރެވިގެންދާތަނެވެ. މިއީ ޢަބްދުއްރަޝީދު އެއްގޮތަކަށް ވެސް، ވެދާނެ ކަމެއްކަމަށް ހީފުޅުވެސް ކުރެއްވި ކަމެއް ނޫނެވެ. ޢަބްދުއްރަޝީދު ވިދާޅުވީ އޭނާވެސް ގިނަ ޢަދަދެއްގެ ޅެން ހައްދަވައިފައިވާނެކަމަށެވެ. ޅެންވެރިންގެ ދުވަސް ޢަބްދުއްރަޝީދު ޙުސައިނަށް ޚާއްޞަ ކުރެއްވި ކަމުގައި ވިއަސް އޭނާއަށްވުރެ މާ ޤާބިލް ޅެންވެރިން އެބަ ތިއްބެވިކަމަށް އޭނާ ދެކެވަޑައި ގަންނަވައެވެ. އެފަދަ ބައެއް ބޭފުޅުންގެ ތެރޭގައި އުތީމު އާދަމްބެޔާއި، އަފީފުގެ ނަންފުޅު އޭނާ ފާހަގަ ކުރެއްވިއެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ޢަބްދުއްރަޝީދު ޙުސައިނަށް މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަކުރެއްވީ، އެމަނިކުފާނަކީ މޮޅު ޝާޢިރަކަށްވެފައި ޤައުމީ ލަވަތަކާއި ޅެންތަކުން ދިވެހި އަދަބީ އުދަރެސް މުއްސަދި ކޮށްދެއްވާ ޅެންވެރިއަކަށް ވުމުން ކަމަށެވެ. އަދި އެޚިދުމަތުގައި ދެމި ހުންނެވި ޅެންވެރިއަކަށް ވާތީކަމަށެވެ.

މިދިޔަ ދެތިން އަހަރެއްގެ ޅެންވެރިންގެ ދުވަސް ދިވެހި ބަހުގެ އެކަޑަމީން ޚާއްޞަ ކުރެއްވީ ދުނިޔެ ދޫކޮށް ގޮސްފައިވާ މަޝްހޫރު ޅެންވެރިންނަށެވެ. ޚިދުމަތުގައި ދެމިހުންނެވި ޅެންވެރިއަކަށް ޅެންވެރިންގެ ދުވަސް ޚާއްޞަ ކުރައްވާ މިއީ ފުރަތަމަ އަހަރެވެ.

އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން އާންމުޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމް 2006 ވަނަ އަހަރު ޢަބްދުއްރަޝީދު ޙުސައިނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި 2013 ވަނަ އަހަރު ވަނީ ނިޝާން ޢިއްޒުއްދީނުގެ ވެރިކަމުގެ ލަޤަބުވެސް ލިބިވަޑައިގެންފައެވެ. މިއީ ދިވެހި ދައުލަތުން އަރުވާ ދެވަނަ އަށް އެންމެ ޝަރަފުވެރި ލަޤަބުވެސް މެއެވެ.

އަދަބިއްޔާތަށް ޢަބްދުއްރަޝީދު ހުސައިން ކޮށްދެއްވި ޚިދުމަތަކުގެ ތެރެއިން އޭނާ އެންމެ ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ އެއް މަސައްކަތްޕުޅަކީ ރާއްޖޭގައި ނެރެވުނު ފުރަތަމަ ދިވެހި ބަހުގެ ރަދީފް ނުވަތަ ދިވެހި ބަސްފޮތުގެ މަސައްކަތެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2011 ވަނަ އަހަރު މި ރަދީފް ނެރުއްވިއިރު ބަސްކޮމިޓީގެ ރައީސަކަށް ހުންނެވީ އޭނާއެވެ.

ޢަބްދުއްރަޝީދުގެ ފާހަކޮށްލެވޭ އަނެއް ފަންނަކީ ތަމްސީލްކުޅުއްވުގެ ހުނަރެވެ. މަދަރުސީ ދައުރުން ފެށިގެން ތަމްޞީލްކުޅުއްވަމުން ގެންދެވި މި ހުނަރުވެރިޔާގެ ހުނަރު، މަޝްހޫރު އެތައް ތަމްސީލަކުން ވަނީ ފެނިގެން ގޮސްފައެވެ. އަލްމަރުޙޫމް ސައިކުރާ އިބްރާހީމް ނައީމްގެ ވަރަށް ގިނަ ތަމްސީލު ތަކުގައި ޢަބްދުއްރަޝީދު ޙުސައިން ވަނީ މުހިންމު ރޯލުތަކެއް ކުޅުއްވައިފައެވެ. ތަމްސީލު ކުޅުއްވުމުގެ ހުނަރުވެރިކަމުގެ ތެރެއިން "ބޮޑު ތަކުރުފާނު ވާހަކަ" ޓެލެޑްރާމާގައި ޢަބްދުއްރަޝީދު ކުޅުއްވި " ދަންޑެހެލު"ގެ ބައިގެ ސަބަބުން އޭނާއަށް ދަންޑެހެލޭވެސް ކިޔެން ފެށުނެވެ.

ޢަބަދުއްރަޝީދު ޙުސައިނަކީ ހަމައެކަނި އަދަބީ ފަންނުގައި ފާހަގަ ކޮށްލެވޭ ބޭފުޅެއް ނޫނެވެ. އޭނާއަކީ ހިންގުމުގެ ދާއިރާގައިވެސް ފާހަގަ ކޮށްލެވޭ ހިންގުންތެރިއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ސަރުކާރުގެ އިސް ސަފުގައި ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މިނިސްޓަރުކަންވެސް ވަނީ ކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރެއްވި މެމްބަރަކަށް 20 އަހަރު ދުވަހު ވަނީ އުޅުއްވައިފައެވެ. އޭގެ ފަހުން ލ. އަތޮޅުގެ ގޮނޑިއަށް އިންތިޚާބުވެވަޑައިގެން، 2000 ވަނަ އަހަރުން 2005 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރެއްވިއެވެ.

ޢަބްދުއްރަޝީދު ޙުޞައިންނަކީ ދިވެހިބަހުގެ އެކެޑަމީގެ ބޯޑު މެންބަރެކެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ފަތްތޫރަ މަޖައްލާގެ މުޙައްރިރަކީވެސް އޭނާއެވެ. ދިވެހި ބަހާ އަދަބިއްޔާތު ކުރިއެރުމަށް އުފެއްދި އަމިއްލަ ޖަމްޢިއްޔާ "ލިޔުންތެރިންގެ ގުޅުން" އުފެދުނީއްސުރެ އެޖަމްޢިއްޔާ ގެ ރައީސަކީވެސް ޢަބްދުއްރަޝީދު ޙުސައިނެވެ. އަދި އެ ޖަމްޢިއްޔާގެ މަޖައްލާ "ލިޔުންތެރިޔާ" ގެ މުޙައްރިރަކީ ވެސް އޭނާއެވެ. އިސްރަށްވެހީންގެ ޖަމިއްޔާގެ ރައީސްކަމުގެ އިތުރުން ޕާކިސްތާން މޯލްޑިވުސް ފުރެންޑް ޝިޕް ސޮސައިޓީގެ ޗެއަރމަނަކީވެސް ޢަބަދުއްރަޝީދު ޙުސައިނެވެ.

ޢަބްދުއްރަޝީދު ޙުސައިންނަށް ޚާއްޞަ ކޮށްގެން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރައްވާއިރު، ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖައްސަވައިފައި ވަނީ ވެސް އޭނާގެ އުފަން ރަށް ކަމުގައިވާ މ. ދިއްގަރުގައެވެ. ދިއްގަރު ރިހާކުރު ނޫނަސް ދިއްްގަރުގެ ޅެންވެރިކަމަކީ ވެސް މީރު ރަހަޔަކާއި ފޮނި އަސަރެއް އެކުލެވޭ އެއްޗެއް ކަން ކުޅަދާނަ ޅެންވެރިޔާ ޢަބަދުއްރަޝީދު ހުސައިން އެވަނީ އޭނާގެ ޅެންވެރިކަމުން ސާބިތުކޮށްދެއްވައިފައެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.