ރިޝީ ކަޕޫރުގެ ބަޔޮގްރަފީ "ކުހއްލަމް ކުހއްލާ: ރިޝީ ކަޕޫރު އަންސެންސަރޑް" ނެރެފިއެވެ. ދިއްލީގައި ބޭއްވި ފޮތް ނެރުމުގެ ޙަފްލާގައި ބައިވެރިވެފައިވަނީ ރިޝީ ކަޕޫރުގެ ޢާއިލާއެވެ. ރިޝީ ކަޕޫރުގެ އަންހެނުން ނީތޫ ކަޕޫރާއި، އަންހެން ދަރިފުޅު ރިއްދިމާ ސާނީއާއި ރިޝީގެ ދަނބިދަރިފުޅު ބާރަތް ސާނީ ބައިވެރިވިއެވެ.
މި ޙަފްލާގައި ރިޝީ ފޮތާށއި ބެހޭ ގޮތުންނާއި ފޮތް ލިޔުނު އިރު ތަޖްރިބާ ކުރެވުނު ކަންތައް ހިއްސާކޮށްފައެވެ. އަދި އޭނާގެ ބައްޕަ ރާޖް ކަޕޫރާއި ބެހޭގޮތުންވެސް ވާހަކަދެއްކިއެވެ. "ރާޖް ކަޕޫރަކީ ހަމަ އެކަނި އަހަރެންގެ ބައްޕައެއް ނޫން. އެއީ އަހަރެންގެ އެދުރުވެސްމެ. ދުވަހަކުވެސް ބައްޕަގެ ކުރިމަތީގައި އެއްވެސް އެއްޗެއް ނުބުނަން. ނަސީބު ކަންދިމާކުރިގޮތުން އަހަންނާއި އަހަރެންގެ ދަރިފުޅު ރަންބީރަށް ވާރުތަ މިވީ އެ ގުޅުން. މެއި ޗާހަތާހޫނ މޮހައްބަތުހޯ، ޕަރް އޭކް ދީވާރް ބީހޯ. (އަހަރެން ބޭނުން ވަނީ ލޯބި އޮތުމާއެކު ކޮންމެވެސް ވަރެއްގެ ހުރަހެއްވެސް (ދެމީހުންގެ މެދުގައި) އޮންނާން.) އަހަންނަކަށް އަހަރެންގެ ދަރިފުޅާއި އެކުވެރިކަމެއް ނުބޭއްވޭ. އެކަމާ ހިތާމަ ކުރަން."
އަންހެނުންނާ ބެހޭގޮތުން ރިޝީ ބުނީ، " އަހަންނާ އަހަރެންގެ އަންހެނުންނާ ދޭތެރޭ ދުވަހަކުވެސް އެއްވެސް ދެކޮޅުވެރިކަމެއް ނުއުފެދޭ. އަހަރެން ދުވަހަކުވެސް ނީތޫ އަށް މަކަރެއް ނުހަދަން. އޮޅުވައެއްވެސް ނުލަން."
ރިޝީގެ ޢާއިލާ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި 85 އަހަރުވެފައިވާ މުއްސަނދި އާއިލާއެކެވެ. 80 ގެ އަހަރުތަކުގެ ތެރޭގައި ރިޝީ މަޝްހޫރުވެފައިވަނީ ޗޮކްލެޓް ހީރޯ އާއި ލަވަރ ބޯއި ގެ ނަމުންނެވެ.
ރިޝީގެ ފޮތުގެ ދެވަނަ މުސައްނިފަކީ މީނާ އައްޔަރ އެވެ. މީޑިއާ އާއި ވާހަކަދައްކަމުން ރިޝީ ބުންޏެވެ. "ތަޢުލީމީ ޙަޔާތުގައި ފޭލިވުމަކީ ކަޕޫރު ޢާއިލާ އަށް ވާރުތަ ވަމުން އައި ކަމެއް. މުޅި ޚާންދާނުގައި ހުރި ހަމައެކަނި ތަޢުލީމީ މީހަކީ ރަންބީރު."
މިހާރުގެ ތަރިންނާއި އޭރުގެ ތަރިންނާ ބެހޭގޮތުން ރިޝީ ބުންޏެވެ. "މިހާރުގެ ތަރިން ވަރަށް ޕްރޮފެޝަނަލް. އަދި އެހާ އަޕްޑޭޓްވެފައި ކަންކަން އެނގޭ. އަހަރުމެންގެ ކާފަމެން އިރު ހުރިހާ ކަމެއްވެސް ދަސްކުރަނީ ތަޖްރިބާއިން. އަހަރުމެން އެހާ ޑިސިޕްލިންޑް އެއް ނޫން. ދުވަހަކުވެސް ގަޑިއަކަށް ނުދަން."
ރިޝީގެ ފޮތުގެ އިސްބަސް ލިޔެފައިވަނީ ރަންބީރު އެވެ.
ރިޝީ މަޝްހޫރުވެފައިވަނީ ބޮބީ، ކޭލް ކޭލް މޭ، ކަރްޒް، ދޯ ދޫނީ ޗާރު، އަދި ދާދި ފަހުން ކުޅުނު ފިލްމު ކަޕޫރު އެންޑް ސަންސް އިންނެވެ.