(3 ޖަނަވަރީ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފޮތުގެ ބާޒާރު
އިސްލާމީ މުޖްތަމަޢުގައި ފޮތުގެ ބާޒާރަކީ ވަރަށް ބޮޑު ބާޒާރެކެވެ. އެއީ މީހުން ގިނައިން ގޮސްއުޅުނު ބާޒާރެކެވެ.ނާދިރު ފޮތްތައް ގަތުމާއި މިލްކުކުރުމުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ފޮތް ޝިކާރަކުރާ މީހުން އިތުރުވެގެން ދިޔައެވެ.މިކަމުގެ ސަބަބުން ޢިލްމު ވަންހަނާކުރުމާ ފޮތްތައް ރައްކައުކޮށްފައި ބެހެއްޓުމުގެ މަސްއަލައިގައި ޢިލްމުވެރީންގެ ފަތުވާތައް ގިނަވެގެން ދިޔައެވެ.
އިސްލާމީ މުޖްތަމަޢުގައި ފޮތަކީ އޭގެ ވެރިމީހާގެ އިޖްތިމާޢީ މަރްކަޒު މަތިވެރިކޮށްދޭ ކަމެކެވެ.އަދި އެއީ ތަޢުލީމުޔާފުތާ މީހުންގެ ސަފުގައި މީހަކު ހިމެނޭކަން ދޭހަކޮށްދޭ ރަމްޒެއް ވެސް މެއެވެ.
ދަރިވަރުންގެ މެދުގައި ފޮތް ބަދަލުކުރުމާއި ކިޔާލައިފައި އަނބުރާ ގެނެއުމަށް ދިނުމަކީ ރަނގަޅު އާދައެކެވެ. މިހެންވެ ޢިލްމުވެރިންގެ ނަސޭޙަތްތަކުގައި ފޮތް ފޮރުވައިފައި ނުބެހެއްޓުމުގެ ވާހަކަ ވަރަށް ގިނައިން އައިސްފައި ވެއެވެ. އައްޒުހްރީގެ އަރިހުން ރިވާވެގެން ވެއެވެ. " إيَّاكُمْ وَغُلُوْلَ الْحَدِيْثِ، قِيْلَ: وَمَا غُلُوْلُ الَحَدِيْثِ؟ قَالَ: حَبْسُ الكُتُبِ – މާނައީ : ތިޔަބައިމީހުން ޙަދީޘް ޣުލޫލު ކުރުމާ ދުރުހެލިވާށެވެ!ދެންނެވުނެވެ. ޙަދީޘް ޣުލޫލު ކުރުމަކީ ކޮބައިތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އެއީ ފޮތްތައް ބަންދުކޮށް ހިފެހެއްޓުމެވެ. "
އަލްއިމާމުއްޝާފިޢީ رحمه الله މުޙައްމަދު ބުނުލް ޙަސަނަށް ލިޔުއްވިއެވެ. " ޢިލްމަކީ ޢިލްމު އުނގެނެން ބޭނުންވާ މީހުންނަށް ޢިލްމު ލިބޭނެ މަގުތައް ބަންދުކުރުން ނަހީކުރާ ކަމެކެވެ. އަނބުރާ ގެންނަގޮތަށް ފޮތް ނަގާ މީހާ އެ ފޮތް ދިން މީހާއަށް ޝުކްރުވެރިވުން ހުށްޓެވެ. ހެޔޮ ދުޢާއަކުން ވިޔަސްމެއެވެ. "
އެހެންކަމުގައި ވިޔަސް ލިޔުންތެރިޔާގެ ނުވަތަ މުޞައްނިފުގެ އަތްޕުޅުން ލިޔުއްވައިފައިވާ ފޮތްތަކާއި ނޯޓުކޮޅުތައް ގެއްލިދާނެކަމުގެ ނުވަތަ އަނބުރާ ނުގެނެސްފާނެކަމުގެ ބިރު އޮތުމުގެ ސަބަބުން ކިޔުންތެރީންނަށް މިފަދަ ފޮތްތަކާއި ނޯޓުތައް ނުދެއްވާ ހިފެހެއްޓެވި ބޭފުޅުން ވެސް އުޅުއްވިއެވެ. މިކަމާހެދި ޢިލްމުވެރީންގެ މެދުގައި މި މަސްއަލައާ ބެހޭގޮތުން ހޫނު ޖަދަލުތައް ހިނގައިފައިވެއެވެ.މި ޖަދަލުތަކުގެ ސަބަބުން ” آداب الإعارة " އޭ މި ކިޔާ މުޞްޠަލަޙު ވުޖޫދަށް އައެވެ.
ފުރަތަމަ ރައުޔުގެ ވެރީން ވިދާޅުވާގޮތުގައި ކިތަންމެ އަގުބޮޑު ފޮތަކަށް ވިޔަސް ދަރިވަރުންނަށާއި ޠާލިބުންނަށް އެ ފޮތް ދޭންވާނެއެވެ. އެއީ ﷲގެ ޙަޟްރަތުން ސަވާބު ލިބޭނެ ކަމެކެވެ. އެއީ ޢިލްމު ފެތުރުމަށް ޓަކައި ކުރަން ޖެހޭނެ ކަމެކެވެ. މި ބޭކަލުން ދަލީލު ދައްކަވަނީ ސުފްޔާނުއް ޘައުރީގެ މި އަންނަ ބަސްފުޅުތަކުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " އޭނާގެ ޢިލްމަށް ދަހިވެތިވި މީހާއަށް ތިން މުޞީބާތަކުންކުރެ މުޞީބާތެއް ކުރިމަތި ކުރައްވައިފާނެތެވެ. އޭނާގެ ޢިލްމު ހަނދުމަނެތިކުރެއްވުމާއި ހިތުދަސްކުރުމުގެ ބާރު ބަލިކުރެއްވުމެވެ. ނުވަތަ އެ ޢިލްމުން ފައިދާ ލިބިނުގަނިވި މަރުވެ ދިޔުމެވެ. ނުވަތަ އޭނާގެ ފޮތްތައް ގެންދެވުމެވެ. "
ދެވަނަ ރައުޔުގެ ވެރިން ވިދާޅުވާ ގޮތުގައި ފޮތް އަބުރާ ގެނައުމަށް ބާރު އެޅުމަށް ޓަކައި ޖާމިނުވުމެއް ( މިސާލަކަށް އެއްޗެއް ރަހްނުކުރުންފަދަ ކަމެއް) ކުރުވިދާނެއެވެ.ނުވަތަ އަޞްލު ފޮތުން ކޮޕީއެއް ހަދަން ބުނެވިދާނެއެވެ.
ތިންވަނަ ރައުޔުގެ ވެރިން ވިދާޅުވާގޮތުގައި ފޮތް ކިޔައިފައި އަނބުރާ ގެންނަގޮތަށް ފޮތް ދޭކަށް ނުޖެހޭނެއެވެ. މި ރައުޔުގެ ވެރީންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މަޝްހޫރު އެއްބޭކަލަކީ އިބްރާހީމު ބުނުލްފަރަސް އެވެ. އޭނާގެ އަތްޕުޅުގައި ވަރަށް ނާދިރު އެތައް ފޮތްތަކެއް ހުށްޓެވެ. އޭގެތެރޭގައި އިބްނު ޙަޖަރުލް ޢަސްޤަލާނީގެ ބައެއް ފޮތްތައް ހުށްޓެވެ.އޭނާ މިއިން އެއްވެސް ފޮތެއް މީހަކަށް ނުދެއްވައެވެ. އޭނާ ވިދާޅުވިއެވެ. " މަގޭ ގާތަށް މަރު އަތުވެއްޖެނަމަ އެ ފޮތްތައް ކަނޑަށް އެއްލައިލާނީއެވެ. "
ފޮތް އަގުހެޔޮކޮށް ހޯދުމަށް ޓަކައި މަކަރު ހެދުން
ބައެއް މީހުން ފޮތް އަގުހެޔޮކޮށް ގަތުމަށް ޓަކައި ނުވަތަ އަބުރާ ރައްދު ނުކުރުމަށް ޓަކައި މަކަރާއި ޙީލަތް ހަދައެވެ. މިސާލަކަށް މަޝްހޫރު ނަޙޫ ޢިލްމުވެރިއެއް ކަމުގައިވާ އިބްނުލް ޚައްޝާބަކީ ވިދާޅުވަން ގެންދަވާ ފޮތް އަބުރާ ރައްދުކުރެއްވި ބޭކަލެއް ނޫނެވެ. އޭނާ ފޮތް ބާޒާރަށް ވަޑައިގެން އަގު ބޮޑު ފޮތެއް ފެނިވަޑައިގެންފިނަމަ އެ ފިހާރައިގެ ވެރިޔާއަށް ނޭނގޭގޮތަށް އެ ފޮތުން ގަނޑެއް ކަނޑައިލައްވައެވެ. އެ ފޮތުން ގަނޑެއް މަދުވީމާ އެ ފޮތް އަގު ހެޔޮކޮށް ވިއްކައިލަން މަޖްބޫރުވެއެވެ. މި ފޮތް ހެޔޮ އަގުގައި ބައްލަވައިގަތުމަށްފަހު ގެއަށް ވަޑައިގެން ކަނޑައިލެއްވި ގަނޑު ފޮތުގެތެރެއަށް ލައްވައި ފޮތް ފުރިހަމަ ކުރައްވައެވެ. އޭނާ މި ބީދައިން ވަރަށް ގިނަ ފޮތް ޖަމާކުރެއްވިއެވެ. އޭނާ އަވަހާރަވުމުގެ ކުރިން މި ހުރިހާ ފޮތްތަކެއް ވަޤްފު ކުރެއްވިއެވެ.
މި ވާހަކަތަކުން އެނގެނީ މުސްލިމުން ފޮތް ކިޔުމަށާއި ފޮތް ލިޔުމަށާއި ކުތުބުޚާނާތައް ޤާއިމުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދިންކަމެވެ. އެކަމަށް އެމީހުންގެ ހިތުގައި ޚާއްޞަ ލޯތްބެއް އޮތްކަމެވެ. މިކަމަށް އިޝާރަތްކުރައްވާ ވޯލް ޑިޔޯރެންޓް އޭނާގެ މަޝްހޫރު ފޮތް " ޙަޟާރަތުގެ ވާހަކަ" ގައި ލިޔުއްވައިފައި ވެއެވެ. " 8ވަނަ 9ވަނަ 10ވަނަ 11ވަނަ ސައްތައިގައި އިސްލާމީ ޤައުމުތަކުގައި މުސްލިމުން ފޮތްކިޔުމަށާއި ފޮތް އެއްކުރުމަށް އިސްކަންދިން މިންވަރަށް އެއްވެސް އެހެން ޤައުމެއްގެ ބަޔަކު ފޮތްކިޔުމަށާއި ފޮތް އެއްކުރުމަށް އިސްކަންދީފައެއް ނުވެއެވެ."
ކުތުބުޚާނާތައް
އިސްލާމީ ވަޤްފާބެހޭ ދިރާސާތައް ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އިސްލާމީ ރަށްތަކުގައި އެތައް ހާސް ކުތުބުޚާނާތަކަކާއި ކިޔަވާދޭ މަރްކަޒުތަކެއް ހުށްޓެވެ. މި ތަންތާނގައި އެތައް ލައްކަ ފޮތްތަކަކާއި ވޮލިޔުމްތަކަކާއި އަތުންލިޔެފައިވާ ބޮޑެތި ފޮތްތައް ( ނުވަތަ މަޚްޠޫޠާތުތައް) ހުށްޓެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ތަޢުލީމު ޙާޞިލުކުރުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ. މަރްޖިޢުތައް ( ރެފްރެންސް ފޮތްތައް ) ނުލިބިގެން ދިރާސާ ކުރުން ހުށްޓައިލާކަށް ނުޖެހެއެވެ.
ގިނަ ބަޔަކު ފޮތްތައް އެއްކޮށް ގޭގައިވެސް ކުތުބުޚާނާތައް ޤާއިމުކުރިއެވެ. އެމީހުންނަކީ ފޮތް ގަތުމުގައި މުށްބާރު ބައެއްނޫނެވެ. މި ގޮތަށް ފޮތްތައް ޖަމާކުރުމަށްފަހު އެންމެންނަށް ވަދެވޭ ސަޤާފީ ދޮރޯށިތަކަކަށް އެތަންތަން ހެދިއެވެ.މިކަމުގެ ސަބަބުން ހަސްފަތާލުތަކާއި މިސްކިތްތަކާއި ދަނާލުތަކުގައި ކުތުބުޚާނާތައް ޤާއިމުވެގެން ދިޔައެވެ. ނަތީޖާއަކަށްވީ ފޮތްގަތުމުގެ ބޭނުން ކުޑަވެގެން ދިޔުމެވެ.ނަޙޫ ޢިލްމުވެރިއެއް ކަމުގައިވާ އަބޫ ޙައްޔާނަށް މީހަކު ފޮތެއް ގަންނަން އުޅޭ ތަން ފެނިވަޑައިގެންފިނަމަ ވިދާޅުވެއެވެ. " މާތް ﷲ ތިބާއަށް ވަނީ ދިރިއުޅމަށް ޓަކައި ސިކުނޑިއެއް ދެއްވައިފައެވެ. ތިބާ ބޭނުންވާ ކޮންމެ ފޮތެއް އައުޤާފުގެ ކުތުބުޚާނާއިން އަބުރާ ރައްދު ކުރާގޮތަށް ނެގިދާނެއެވެ. "
ވަޤްފަށް އިސްކަންދެވުމުގެ ސަބަބުން ކުތުބުޚާނާތަކަށް ވަނީ ނުބައި އަސަރުތަކެއް ކޮށްފައެވެ.އެއީ ކުތުބުޚާނާތައް ބެލެހެއްޓުމުގައި އިހްމާލުވުމާއި ، އެތާނގައި ހުރި އަގުހުރި ފޮތްތައް ވަގަށްނެގުމާއި، އަމިއްލަ މަންފާއަށް ޓަކައި އެ ފޮތްތައް ބޭރުމީހުންނަށް ވިއްކުމުގެ ރޯގާޖެހުމުންނެވެ.
އަޅުގަނޑުމެންނަށް ބަލާއިރު ފޮތްކިޔުމުގެ އާދައަކީ އަށަގަންނުވަން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ތަފާތު ރަށްރަށުގައި ރަނގަޅު ފެންވަރުގެ ކުތުބުޚާނާތައް ވަނީ ޤާއިމުކުރަން ޖެހިފައެވެ. މިކަން ކުރެވޭނީ ފޮތުގެ ޢާޝިޤުން އިތުރުވެގެންނެވެ. ލިޔުންތެރިކަން ކުރިއެރުވިގެންނެވެ.މުޞައްނިފުންނަށް ހިތްވަރުދެވިގެންނެވެ. މިހާރަށްވުރެ ބޮޑަށެވެ.
( ނިމުނީ )
Lobuvethi Mudheeruge aguhuri ilmee masakkaithah agu nukurevey. Maruhabaa usthaaz.