(8 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެންގެ ބައްޕައަކީ އަހަރެމެންގެ ގަބީލާގެ ސަރުދާރެއް. ހުޅަނގުން ތައުލީމު ހާސިލުކޮށްގެން، އަދި ބޮޑެތި ސިޓީތަކުގައި އުޅުނު ނަމަވެސް އަހަރެމެން އުޅެނީ ގަބީލާތަކުގެ އުސޫލަށް. ގަބީލާއެއްގެ އިސްމީހެއްގެ ދަރިއަކު ހުޅަނގަށް ނިސްބަތްވާ އަންހެނަކާ ކާވެނިކުރުމަކީ ކުޑަ ކަމެއް ނޫން. އެކަމަކު އަހަރެން ހުރީ ކެތަރިންއާ ކާވެނިކުރަން ހުރިހާ ކަމެއް ނިންމައިގެން. ކެތަރިންއާ ކާވެނިކުރަންް އާއިލާގެ ރުހުމެއް ނުލިބުނު. މިއައީ އާއިލާ ދޫކޮށްލާފައި. އަހަންނަށް އެނގޭ އާއިލާއިން ދުވަހަކުވެސް އަހަރެމެން ބަލައިނުގަންނާނޭ ކަން. އަހަރެމެން އެކަންޏެއް ނޫން. އަހަރެމެންގެ ދަރީންވެސް. އަހަންނަށް އިހުސާސްކުރެވުނު ގޮތުގައި އެއީ މައްސަލައެއް ނޫން. އަހަރެން މިހާރު ގްރެޖުއޭޓު ވެއްޖެ. ރަނގަޅު ވަޒީފާއެއް ލިބޭވަރުގެ ސެޓުފިކެޓެއް އެބައޮތް. އެހެންވީމާ އަހަރެމެންނަށް ހަމަޖެހިލައިގެން އުޅެވޭނެ."
'އެކަމަކު އެހުރިހާ ކަމެއް ދޫކޮށްލާފައި އައި އިރު ވީނުވީ އެއް ނޭނގި ކެތަރިން ގެއްލިއްޖެ. އަހަންނަށް ދެ ކޮޅުވެސް ގެއްލުނު. އެއް ތަނެއްގައިވެސް ލައްވައިނުލި. އެއީ ކިހައި ވޭންހުރި ކަމެއްކަން އެނގޭތަ؟ ޚިޔާލަށް ގެނެވޭތަ؟"
'އަހަރެން މީ ދޮގު ހަދާ މީހެއްހެން ހީވޭތަ، ބަލާބަލަ، އަހަރެންގެ މޫނަށް." މަޒްހަރު ބުންޏެވެ. މަޒްހަރް ޚަދީޖާގެ ކޮނޑުގައި އަތް ބާއްވައިލުމަށްފަހު އޭނާއާ ދިމާއަށް މޫނު އަނބުރައިލިއެވެ. "ދޮގު ހަދާ މީހެއްހެން ހީވޭތަ؟ ބުނެބަލަ، ހީވޭތަ؟"
ނޫނެކޭ ބުނުމުގެ ގޮތުން ޚަދީޖާ ބޯ ހޫރައިލިއެވެ.
"ދެން ކީއްވެ އަންގައިވެސް ނުލާ ދިޔައީ؟"
"އަހަރެމެން ބައްދަލުވެގެން ހިނގި އަށް މަސްދުވަހުގެ ތެރޭގައި މަޒްހަރް ދުވަހަކުވެސް ކާވެނީގެ ވާހަކައެއް ނުދައްކަމެއްނެ."
"އެކަމަކު ފުރައިގެން ދިއުމުގެ ކުރިން އަހަރެން އިންނާން އެހީން."
"އާނ، އެހި. އެކަމަކު އޭގެ ކުރިން ދުވަހަކުވެސް އަހަންނާ ކާވެނިކުރާނެ ވާހަކައެއް ނުބުނޭ... ލޯބިވާ ވާހަކައެއް ނުބުނޭ... އަހަރެން ހީކުރީ އެދުވަހު ދެން އިންނާން އަހާފައި..."
އޭނާއަށް ޖުމުލަ ފުރިހަމަ ކުރެވުމުގެ ކުރިން މަޒްހަރް ވާހަކަ ދައްކަން ފެށިއެވެ. "ކީކޭތަ ބުނަން ތިއުޅެނީ؟ އަށް މަސްވަންދެން އަހަރެމެން ކޮންމެ ދުވަހަކު ބޭރަށް ދިޔައީ އެކުގައި، ހިނގާލަން ދަމު. އަހަރެންގެ ގައުމުގެ ވަރަށް ގިނަ ވާހަކަތައް ކިޔައިދިނިން... އަހަރެމެންގެ އާދަކާދަ އޮންނަ ގޮތް ވެސް ކިޔަިއދިނިން. ދީނުގެ ވާހަކަ... އަދިވެސް ކިތަންމެ ވާހަކައެއް. ކެތަރިން އަށް އިސްލާމްދީނަށް މަގު ދައްކައިދިނިން. އަހަންނާ ބެހޭ ހުރިހާ ވާހަކައެއް ހިއްސާކުރިން. އަހަރެގެން ރަނގަޅު ސިފަތަކާއި ގޯސް ސިފަތަކުގެ ވާހަކަ ކިޔައިދިނިން. ކުރިއަށް ރާވާފައި ހުރި ހުރިހާ ކަމެއްގެ ވާހަކަ ބުނިން. ލަންޑަންގައި ދިރިއުޅޭ އަހަރެންގެ ހުރިހާ ރައްޓެހިންނަށް ކެތަރިން ތައާރަފް ކޮށްދިނިން. ކޮންމެ ދުވަހަކު ހަވީރުން ފެށިގެން ކެތަރިން އާއެކު ވަގުތު ހޭދަކުރިން. އަހަންނަށް ފޯނުކުރިނަމަ ހުރިހާ ކަމެއް ދޫކޮށްލާފައި ދީވާނާއެއް ހެން އެނބުރި އައިމުސް. މީ ކޮންހައި ކަންތައްތަކެއް؟ އެއީ އަހަރެން ޚައިރާތު މަސައްކަތެއް ކަމަށްތަ ހީކުރީ؟ ނުވަތަ އަހަންނަކީ މީހުންނަށް ލަންޑަން ދައްކާ އާރުކާޓީއެއް ކަމަށްތަ ހީކުރީ؟"
"އަންހެނުންގެ ހަވަނަ ހިއްސު ވަރަށް ރަނގަޅަށް މަސައްކަތްކުރާނެ. މީހަކު އެމީހުން ދެކެ ޝައުގުވެރިވަންޏާ ވެސް ނުވަތަ ނުވަތަ ޝައުގު ގެއްލުނަސް އެމީހުން ދެނެގަންނާނެ. ޝައުގެވެރިވަންޏާ އޭގެ ސަބަބުވެސް އެނގޭނެ. އެއީ އަންހެނުންނަށް ލިބިފައިވާ ބާރެއް. އެކަމަކު ތިބުނަނީ އަށް މަސް ދުވަހު އެކުގައި އުޅުނުއިރު ކާވެނީގެ ވާހަކައެއް ނުދައްކައޭ. ތި ވާހަކަ ގަބޫލުކުރަންވީތަ؟" މަޒްހަރް ހިތް ހަމަނުޖެހުނެވެ. އޭނާ ފުންކޮށް ނޭވާ ލަމުން ދިޔައެވެ. އަޑުވެސް ބާރުވާން ފެށިއެވެ.
ކާރުތެރެއަށް ހިމޭންކަން ވެރިވިއެވެ. އެ ހިމޭންކަން ނަގައިލީ ޚަދީޖާއެވެ. "އަހަންނަށް މާފު ކުރޭ."
މަޒްހަރް ކާރު ދުއްވައިލިއެވެ. "ކޮންތާކު އުޅެނީ؟"
ޚަދީޖާ އޭނާ އުޅޭތަން މަޒްހަރަށް ކިޔައިދިނެވެ. އަނގައިން ނުބުނެ އިނދެ އޭނާ ކެތަރިން އުޅޭ ގޭ ދޮށަށް ގޮސް ދޮރުމަތީގައި ކާރު ޕާކުކުރިއެވެ. ޚަދީޖާ ހިމޭނުން އިނީއެވެ. މަޒްހަރް ވާހަކަ ދައްކަން ފެށިއެވެ.
"އަންހެނުން ދެކެ ދުވަހަކުވެސް ލޯބިވާނެ ކަމެއް ނެތް." އޭނާ އިނީ ދެރަވެފައެވެ. އަނެއްކާވެސް ދެއަތަށް ބޯހޫރައިލަމުން އޭނަ ވާހަކަ ކުރިއަށް ގެންދިޔައެވެ. "... ދުވަހަކުވެސް އަންހެނަކު ދެކެ ލޯބިނުވާތި. އެއީ ވަރަށް ވޭން ހުރި ކަމެއް. މީހާ ބޮޑާ ކުރުވާ ކަމެއް. ކުރިން އުޅުނު ދިރިއުޅުން މާ ރަނގަޅު. ދެވަނަ ފަހަރަށް އުފަންވެއްޖެނަމަ ދުވަހަކުވެސް އަންހެނަކު ދެކެ ލޯބި ނުވާނަން. ޚާއްސަކޮށް މޮޔަ އަންހެނެއް ދެކެ ލޯބިނުވާނަން. މައިންބަފައިން ދައްކާ މީހަކާ އިނދެގެން ރީތި ދިރިއުޅުމެއް އުޅުނިއްޔާ މާ ރަނގަޅު. އޭރުން އަހަރެންގެ އަނބިމީހާ އަހަރެންގެ ހިތުގެ ހުރިހާ އުދާހެއް އަޑުއަހާނެ. އޭނަޔަށްޓަކާ އަހަރެން އެއްވެސް ކަމެއް ކޮށްދޭކަށް ނުޖެހޭނެ. އަހަރެންގެ ކަންބޮޑުވުންތަކުގެ އަސްލަކަށް އޭނައެއް ނުވާނެ. އޭނައަކީ އަހަރެން ބޭނުން ގޮތަކަށް ބައްޓަން ކުރެވޭ ކުލޭ ގަނޑަކާ އެއްފަދަ ވާނެ. އޭނާ ދުވަހަކުވެސް އަހަންނަށް ޖަޒުބާތީ ބިރެއް ނުދައްކާނެ. އެކަހަލަ އަންހެނުން ދުވަހަކުވެސް ކަންކަމަކު ނުކިޔާނެ. އޭނާ ކަމަކު ކިޔަސް އެކަމާ އަހަރެން ވިސްނާކަށް ނުޖެހޭނެ. އަހަރެންގެ މޫޑާ އެއްގޮތަށް އޭނާ ހަމަޖެހޭނެ." މަޒްހަރް ފަތިވަރެއް އަމުނައިލިއެވެ. ބައެއް އެއްޗެހި ކީ ކެތަރިން އާ ދިމާއަށެވެ. އަނެއްބައި ވާހަކަތައް އަމިއްލަ ނަފްސަށެވެ. ޚަދީޖާ ކާރުގެ ދޮރުގައި ހިފިއެވެ.
"އެކަމަކު މިހާރު އަހަންނަށް ކެތަރިން ދެކެ ލޯބިވެވިއްޖެ. އެހެންވީމާ އެހެން އަންހެނަކާ ނީނދެވޭނެ." އޭނާގެ އަޑުން ހިތާމައިގެ އަސަރު ރީތިކޮށް ފާޅުވެއެވެ.
މަޒްހަރާ ދިމާއަށް ބަލައިނުލާ ޚަދީޖާ ކާރުގެ ދޮރު ހުޅުވިއެވެ.
"ކެތަރިން. އަހަރެން މިކިޔާ އެއްޗެއް އެނގޭތަ؟ އަހަންނާ އިންނާންވީނުން."
ވިދުވަރެއްހައި ހަލުވިކޮށް އެނބުރިފައި ޚަދީޖާ މަޒްހަރަށް ބަލައިލިއެވެ. އޭނާ ބުނަން ބޭނުންވީ މަޒްހަރާ ކާވެނިކުރަން ބޭނުން ނޫވާ ވާހަކައެވެ. އެއީ މަޒްހަރް އިންނަވަރު މީހެއް ނޫންކަމަށް ބުނާށެވެ. ޚާއްސަކޮށް އެ ކަޅު ހަތަރު އަހަރަށްފަހު އެވެ. އެކަމަކު އެހެނެއް ނުބުނެވުނެވެ.
"ތިކަމާ ވިސްނާލަން ވަގުތުކޮޅެއް ބޭނުން." އޭނާ ބުނިހައިވެސް އެއްޗަކީ އެއީއެވެ.
" އަދިވެސްއިތުރަށް ވަގުތު ބޭނުންވޭތަ؟ ކީއްކުރަން؟ ކީއްކުރަން އިތުރު ވަގުތު ނަގަނީ؟ އަދިވެސް އަހަންނަށް ޝައްކުކުރަނީތަ؟ ބުނެބަލަ ކެތަރިން؟"
"މަޒްހަރް. ތި ކަމާމެދު ވިސްނާލަން އަހަންނަށް ވަގުތު ބޭނުން. މަދު ވެގެން އެއް ދުވަސް ބޭނުން."
"މިހާރު ގަޑިން ދިހަގަޑި ފަނަރަ." ގަޑިއަށް ބަލާލާފައި މަޒްހަރް ބުންޏެވެ. "މާދަމާ މިހާއިރު އަންނަންވީތަ، ޖަވާބެއް ހޯދަން؟"
ހީނވެސް ނުލައި ޚަދީޖާ ކާރުން ފޭބިއެވެ.
(ފަނަރަވަނަ ބާބު)
އޭނާގެ ކޯތާފަތް މައްޗަށް ފެންތިކި ބީހޭހެން ހީވިއެވެ. ވާރޭ ވެހެން ފެށީއެވެ. ކެތަރިން އުޑު މައްޗަށް ބަލައިލިއެވެ. މިލަ ހަނދުވަރުގެ ތެރެއިން ހިމަފޮދުވާރޭ ވެހޭތަން އޭނާއަށް ފެނުނެވެ. އެކަމަކު އުޑު މައްޗަކު ވިއްސާރަވިލާއެއް ނެތެވެ. އުޑުމަތި ވަރަށް ސާފެވެ. އުޑުމަތީގައި އޮތީ ތަރިތަކުގެ ސާލެއް ފެތުރިފައެވެ. އެކަމަކުވެސް ހިމަފޮދު ވާރޭ ވެހެނީއެވެ. އެއާކު ބިންގަޑު ތެމެން ފެށުމުން ޖައްވުގައި ބިންގަނޑުގެ މަޑުމަޑު ވަސް ހިއްޕައިލިއެވެ. ވާރޭ ވަހެވެ.
އޭނާގެ މޫނާއި އިސްތަށިގަނޑާއި ހަށިގަނޑު ވާރެއިން ތެމެމުން ދިޔަވަރަކަށް ހުރިހާ ހާސްކަމަކާއި ކަންބޮޑުވުމެއް ފިލައިގެން ދާން ފެށިއެވެ. އޭނާ ލޯ މަރާލާފައި ވައިގެ ތެރެއަށް ދެ އަތް ދަމައިލިއެވެ. ހިމަފޮދުވާރޭގެ ތިކިތައް އޭނާގެ ތުނިތުނި އަތްތިލައިގައި ކޮށްޓަމުން ދިޔައެވެ. އެ ވާރެޔާއެކު ބިންގަނޑު ތެމުނެވެ. ފައިތިލަ ދަށުގައި ހީވަނީ މަޚްމަލް ފޮތީގެ މަޑުމަޑު ސާލެއް ފެތުރިފައި އޮތް ހެންނެވެ. ލޯ މަރާލައިގެން ހުރެ އުޑާ ދިމާއަށް މޫނުވާގޮތަށް އޭނާ ކަރު ހިއްލައިލިއެވެ. ބޯ މައްޗަށް ދެއަތް ތިލަ ނަގައިގެން ފައިގެ ބޮޑުވާ އިނގިލި ބިންމަތީގައި ވިއްދައިގެން ހުރެ އެނބުރެން ފެށިއެވެ. ބެލޭ ނަށާ މީހެއް ފަދައިންނެވެ. ކޮންމެ ސިކުންތަކާއެކު އުފާވެރިކަމާއި ހިތްހަމަޖެހުން އިތުރުވަމުން ދިޔައެވެ.
***
ދުވަސްކޮޅެއް ފަހުން ޒަނީން މަރިޔަމްގެ ގެއަށް އައެވެ. މަރިޔަމް ގެއަކު ނޫޅެއެވެ. "މަންމާ، އަހަރެންގެ މަންމަ މާދަމާ މިގެއަށް އަންނާނެ، ކާވެނީގެ އިންތިޒާމު ހަމަޖައްސަން." ޒަނީން ހުރީ ވަރަށް އުފަލުންނެވެ.
މަންމަ ހީނލިއެވެ. "މަރިޔަމާ އިންނާން އާއިލާއިން އެއްބަސްވީތަ؟"
"އާނ، މަރިޔަމް ގާތު ބުނެދެއްޗޭ."
އޭގެ އަނެއް ދުވަހު ޒަނީނާއި ނުޒްހަތު މަރިޔަމްގެ ގެއަށް އައެވެ. ކާވެނީގެ އިންތިޒާމު ހަމަޖައްސާށެވެ. މަރިޔަމްގެ އެކި ވާހަކަތައް ސޯފިއާ ވަނީ ނުޒްހަތަށް ކިޔާދީފައެވެ. ޒަނީން ސޯފިއާ އާ ނީނީތީ ވެސް އޭނާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ބޭރުފުށުން އެކަހަލަ އެއްވެސް ކަމެއް ނުދައްކައެވެ. އެގެއަށް މަންމައަށް ދައުވަތު ދިނުމުން ވަރަށް އަދަބުވެރިކަމާއެކު މަންމަ ނޫނެކޭ ބުންޏެވެ. "ޒަނީނާ އެތައް ފަހަރަކު މިހާރު ބައްދަލުވެއްޖެ. އާދަކާދައިގައި ހިމެނޭ ބައެއްކަންކަން ދޫކޮށްލާފައި ކާވެނީގެ ތާރީޚު ކަނޑައެޅުން މާ މުހިއްމު ކަން ނޭނގޭ." އޭނާ ބުންޏެވެ.
ނުޒްހަތު އެގޮތަށް އެއްބަސްވިއެވެ. އެދުވަހުން ފެށިގެން އެއް މަސްވާ ދުވަހަކީ ކާވެނީގެ ތާރީޚުގެ ގޮތުގައި ހަމަޖެއްސިއެވެ.
***
މަރިޔަމް އުފަލުން ފޮޅުނެވެ. "ކޮބާ މަންމާ، މަންމަ ކަންބޮޑުވީ ބޭކާރު ގޮތުގައެއްނު. ޒަނީން އެ އޮތީ އަހަރެމެންގެ ކާވެންޏަށް އާއިލާގެ ރުހުން ހޯދާފައެއްނު. އެމީހުންގެ ނުގަބޫލުގައި ކާވެނި ކުރިޔަސް ކޮން ކަމެއް ވާނީ؟ އަބަދަކު ރުޅި އައިސްގެން ނުތިބެވޭނެ. ޒަނީން މަންމައަށް ވިސްނައިދޭން އުޅުނު އެއްޗަކީ އެއީ."
ނުޒްހަތާ ޒަނީން ގެއަށް ދާން ނުކުތީ އިރުކޮޅެއް ކުރީންނެވެ. މަންމަ ހުރީ ސައިތަބައް ނަގައި މޭޒުމަތި ސާފުކުރާށެވެ. މަރިޔަމް ވާހަކަ އަޑު އަހާފައި އޭނާ ހީނލިއެވެ.
"ޒަނީން އަހަރެން ދެކެ ލޯބިވާކަމަށް މިހާރު ގަބޫލުކޮށްފިންތަ؟ މަންމާ، އަހަރެމެންގެ ކާވެންޏަކީ ތާއަބަދު އުފަލުގައި ތިބެވޭނޭ ގުޅުމަކަށް ވާނެ." އިރުކޮޅަކު ވާހަކަ މެދުކަނޑާލާފައި އޭނާ ވާހަކަ ކުރިއަށް ގެންދިޔައެެވެ. "ދެން އޮތީ ސޯފިއާގެ ކަންތައް. އަހަރެން ބަލާނަން ދުވަހަކުވެސް އޭނާއަށް ޒަނީނާ ބައްދަލުނުކުރެވޭތޯ. ސޯފިއާއަކީ ޒަނީންގެ ދޮންމަންމަ އަށް ބޮޑު ދައިތަ ކިޔާ ކުއްޖެއް."
މަންމަ ކުރަން ހުރި މަސައްކަތް ހުއްޓައިލިއެވެ. "މަރިޔަމް! އެއީ ޒަނީންގެ މަންމަ." މަންމަ ދެރަވެފައި ބުނެލިއެވެ.
"އެއީ ޒަނީންގެ ދޮންމަންމަ!" މަރިޔަމް އަނެއްކާވެސް ބުންޏެވެ.
"އަސްލު މަންމައަށް ވިޔަސް ނުވިޔަސް، އެއީވެސް މަންމައެއް."
"މަންމާ، ޒަނީނާ އޭނާގެ ދޮންމަންމައާ އެއްވެސް ގުޅުމެއް ނޯވޭ. ފެނުނެއްނު އޭނާގެ ކަންތައް. އޭނާ އުޅުނީ ދޮންދަރީގެ ބޮލުގައި ސޯފިއާ އަޅުވަން. އެއީ އޭނާގެ ރޭވުމެއް." މަރިޔަމް ބޯހަރު ރާގަކަށް ބުނެލިއެވެ.
"ޒަނީން އެހެން ބުނިތަ؟" މަންމަވެސް ރުޅި އަތުވެއްޖެއެވެ.
"ނޫން. ދުވަހަކުވެސް ނުބުނޭ. އެކަމަކު އަހަންނަކީ މޮޔައެއް ނޫން. އަހަރެންގެ ބޮލުތެރޭގައި ވެސް ސިކުނޑިއެއް އެބައޮތް. ވަށައިގެން ހިނގާ ކަންތައްތައް އަހަންނަށް އެނގޭ. އިހުސާސްކުރެވޭ."
"އެހެންވެއްޖެއްޔާ ތި އިހުސާސްތައް ބަހައްޓާ. ޒަނީނާ އޭނާގެ މަންމައާ ދެމެދު އޮންނަ ގުޅުން ރަނގަޅުތޯ ނޫންތޯ އެއީ މަރިޔަމާ ބެހޭ ކަމެއް ނޫން. ޒަނީން އިހްތިރާމްކުރާ އެންމެންނަށް ދަރިފުުޅުވެސް އިހުތިރާމް ކުރަންވާނެ."
"ކީކޭ؟ އިހުތިރާމޭ؟ އޭނާގެ މައިންބަފައިން އަހަރެން ލަދުގަންނަވާން އުޅުނު ގޮތަށްތަ؟ އެމީހުން އުޅުނީ އަހަރެމެންގެ ކާވެނި ހުއްޓުވަން. އަހަރެމެންނާ ބެހޭ ގޮތުން އެމީހުން ދެއްކި ވާހަކަ މަންމައަށް އެނގޭތަ؟ އަހަރެން ދުވަހަކުވެސް އެކަހަލަ މީހުންނަކަށް އިހުތިރާމެއް ނުކުރާނަން."
"ޒަނީނަކީ އެމީހުންގެ ދަރިއެއް. އޭނާގެ ކަންކަމާ ގޮތް ކަނޑައެޅުމުގެ ހުރިހާ ހައްގެއް މައިންބަފައިންނަށް ލިބިގެންވޭ. ކާވެންޏަށް ދެކޮޅު ހެދިޔަސް އެމީހުންނާ ބެހޭގޮތުން ތި ފާޑަށް ވާހަކަ ދެއްކުމުގެ ހައްގު މަރިޔަމަކަށް ނޯންނާނެ." މަންމަ ވަރަށް ހަރުކަށި ކޮށް މަރިޔަމާ ވާހަކަ ދެއްކިއެވެ.
މަރިޔަމް ހައިރާންވިއެވެ. މިހައި އަޑުގަދަކޮށް މަންމަ ދުވަހަކުވެސް އެއްޗެއް ނުބުނެއެވެ. ހަމަ ރަނގަޅަށް ވެސް މަންމަ ރުޅި އައީ ހެއްޔެވެ؟
"އަހަރެން އިހުތިރާމް ކުރާނީ ޒަނީންގެ ބައްޕައަށް އެކަނި. އޭނާގެ ދޮންމަންމައާއި ދޮންދަރީންނާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން." މަންމަގެ ރުޅިއަކުން އޭނާއަށް އަސަރެއް ނުކުރިއެވެ.
"އެހެންވެއްޖެއްޔާ ރަނގަޅުވާނީ ޒަނީނާ ކާވެނި ނުކުރިއްޔާ. އެ އާއިލާއަށް ގަދަރު ނުކުރެވެންޏާ އާއިލާ ތެރެއަށް ވަންނާނެ ކަމެއް ނެތް. ކާވެނިކުރަން ތިއުޅެނީ އާއިލާ ރޫޅައިލާންތަ؟"
"މަންމާ، މަންމައަކަށް ނޭނގޭނެ މަންމައާއި އަހަންނާ ބެހޭގޮތުން އެމީހުން ދެއްކިހައި ވާހަކައެއް. ސޯފިއާވެސް މުޅި ކޮލެޖުގައި ތެރޭގައި ދުވީ ޒަނީން އަހަންނާ އިންނާން އޭނާގެ ބޮޑުދައިތައާއި ބޮޑުބޭބެ ދުވަހަކުވެސް އެއްބަސްނުވާނެއޭ ކިޔަމުން. އޭނަ ބުނީ ފަގީރުކޮއެގެ ދަރިއަކާ ޒަނީން އިންނާން އާއިލާއިން އެއްބަސްވިޔަސް އިނގިރޭސި އަންހެނެއްގެ ދަރިއަކާ އިންނާން އެއްބަސްނުވާނެއޭ." މަރިޔަމްގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ.
މަންމަގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވިއެވެ. "އެވާނީ ސޯފިއާ އަމިއްލައަށް ބުނި އެއްޗަކަށް." މަންމަގެ އަޑު ތުރުތުުރު އަޅައެވެ. ދަރިފުޅާ ހަތަރުކަޅި ހަމަކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.
"ނޫން، އެއީ އޭނާ ބުނި އެއްޗެއް ނޫން. ޒަނީން ގާތު އަހަރެން އެހިން. ޒަނީން ބުނީ އޭނާގެ ބައްޕަ އަހަރެމެންގެ ކާވެންޏާ ނުގަބޫލުވީ ހަމައެކަނި ސަބަބަކީ މަންމައޭ. މިވާހަކަ ދުވަހަކުވެސް މަންމަ ގާތު ނުބުނާން ޒަނީން އެދުނު. އެއީ މަންމަގެ ހިތުގައި ނުޖައްސާންވެގެން. އެކަމަކު މަންމާ، އަމިއްލައަށް ވިސްނައިލަބަލަ، އޭނާގެ ބައްޕަ އެކަހަލަ އެއްޗެއް ބުނަންވީ ކީއްވެ؟ އަހަންނަށް ޔަގީން އެއީ އެ ދޮންމަންމަގެ ކަންތައް. އޭނާ ބޭނުންވީ ޒަނީނާ ސޯފިއާއާ ދެވަން. އެކަންކުރުވަން ވެގެން އޭނާ ޖަހަން އުޅުނު މަޅިއަކަށް ވާނީ."
މަންމަ ސައިތަބައް ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. މަންމަ ހިކި އަނަރޫފަވެފައި ހުރިކަން މަރިޔަމަށް ކުއްލިއަކަށް ފާހަގަކުރެވުނެވެ.
(ނުނިމޭ)
Mee hama mihaathanah kiyunu enme rythi eh vaahaka
vvufaavehje dhigu inthizaarakaa
nulaa mihiggimu vaahaka kiyaalevuneema