ފުސްބިއްލޫރި - 28

(22 ޖެނުއަރީ 2020ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަނީންގެ މަކަރުވެރިކަން ފަޅާއެރުމުން މަރިޔަމް ރުޅި އައިސް ދަތްކުނޑި ވިކައިލިއެވެ. "ދެ އަހަރު... ދެ އަހަރު ވަންދެން އަހަންނަށް އޮޅުވާލީ..." މަރިޔަމް ފައިލް ނަގައި ހޫރައިލިއެވެ. ޚާދިމް ތަޅުހުޅުވާ މީހަކު ގޮވައިގެން އައިސް ވަތްގަނޑުގެ ތަޅު ހުޅުވައިފިއެވެ. އެ މީހުން ކޮޓަރިން ނުކުތުމުން މަރިޔަމް ތެދުވެގެން ގޮސް ވަތްގަނޑު ނަގައިގެން އައިސް އެނދުމަތީގައި ބަހައްޓައިގެން ހާވަން ފެށިއެވެ. ޒަނީން އޭނާއަށް މަކަރު ހެދިކަން އެނގޭވަރުގެ އެންމެ ކަރުދާސްކޮޅެއް ވެސް އެއަކުން ނުފެނުނެވެ. "ހާދަހާ ބޮޑު އޮޅުވާލުމެކޭ! އަހަންނަށް ހުރިހާ ކަމެއް ފޮރުވައިގެން އުޅެން އޭނައަކީ މަކަރުވެރި ހިޔަޅެއްތަ؟"

ކަރުދާސްތައް އެއްފަރާތުގައި ބަހައްޓާފައި މަރިޔަމް ޗެކުފޮތްތައް ހާވަން ފެށިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އާ ޗެކު ފޮތެކެވެ. އެއީ ޒަނީންގެ ޗެކު ފޮތެއް ނޫނެވެ. ފޮތުގައި ލިޔެފައި އޮތީ ޚަދީޖާ ނޫރް އެވެ. މަރިޔަމް ޗެކުފޮތް ހުޅުވިއެވެ. އެކައުންޓު ހުޅުވާފައިވަނީ އެއްލައްކަ ރުފިޔާ ބަހައްޓައިގެންނެވެ.

މަރިޔަމް ޒަނީންގެ ޗެކު ފޮތުގައި ހުރި ކައުންޓަރ-ފޮއިލްތައް ހާވަން ފެށިއެވެ. ޚަދީޖާ ނޫރަށް އެއްލައްކަ ރުފިޔާ ދީފައިވާކަން އެ ޗެކުފޮތުން އެނގޭން އޮތެވެ. އޭނާ ފަހަރަކު ގަނޑެއް އެއްލަމުން ދިޔައެވެ. ދޭތެރެއަކުން ޚަދީޖާ ނޫރަށް އެކި އަދަދުން ފައިސާ ދީފައި ހުއްޓެވެ. ފަސް ހާސް ރުފިޔާއާއި ފަނަރަ ހާސް ރުފިޔާއާއި ދެމެދުގެ އަދަދެވެ.

ޚަދީޖާ ނޫރާއި ޒަނީން – މީ ކޮން ކަމެއް؟" މަރިޔަމް އަނެއްކާވެސް ކަރުދާސްތައް ހާވަން ފެށިއެވެ. ކަރުދާސްތަކުގެ ތެރޭގައި އޮތް ސިޓީ އުރައަކުން ޕާސްޕޯޓު ފޮޓޯއެއްގެ ނެގެޓިވް ގަނޑެއް ފެނުނެވެ. ނެގެޓިވް ނަގައިގެން އައްޔަށް ދިއްކޮށްގެން ބެލީމާ ޚަދީޖާ ނޫރާއި ވައްތަރު މީހަކު ފެނެއެވެ. އަވަސްއަވަހަށް ސިޓީ އުރައިގެ ބޭރުގައި އޮތް ނަންބަރު ނޯޓުކުރުމަށް ފަހު އެ ސްޓޫޑިއޯއަށް ފޯނު ކުރިއެވެ. އެއީ އެތައް މަހެއް ކުރިން ނަގާފައިވާ ފޮޓޯއެކެވެ.

ކިހިނެއްތަ މިވަނީ؟ އޭނާ ހަމައިން ނައްޓަނީތަ؟ އަނެއްކާވެސް މީގެ ދެ އަހަރު ކުރިން ޒަނީންގެ ސްވެޓަރުން ފެނުން ރަންކުލައިގެ އިސްތަށިތައް މަތިން ހަނދާންވިއެވެ. ކުރީ ފަހަރު ހެން މިފަހަރު ޒަނީނަށް އެހާ ފަސޭހައިން ސަލާމަތްވިޔަކަ ނުދޭނަމެވެ. އެހެންކަމުން އޭނާއާ ދެކޮޅަށް ވީހައިވެސް ގިނަ ހެކި އެއްކުރާން ބޭނުންވިއެވެ. ގަލަން ނަގައިގެން އޭނާ ކަރުދާސްގަނޑެއްގައި އެޑްރެހެއް ނޯޓުކުރުމަށްފަހު ޚާދިމަށް ފޯނުކުރިއެވެ. އެ އެޑްރެސް ދީފައި އެގޭގައި އުޅޭ އަންހެން މީހާ ރަށުގައި އުޅޭތޯ ބަލަން ޑްރައިވަރު ފޮނުވަން އެންގިއެވެ. އަދި ގޭގައި ނޫޅެންޏާ އެނބުރި އަންނާނެ އިރެއް އޮޅުންފިލުވުމަށްވެސް ބުންޏެވެ.

މަރިޔަމް ފިކުރަކަށް ގެއްލިފައި އިނެވެ. އޭނާ ބޭނުންވީ އަޑުގެ ކޮޅަށް ރޯށެވެ. ޒަނީން އެނބުރި އައުމުގެ ކުރިން ހުރިހާ ޝައްކެއް އޭނާ ޔަގީން ކުރާނެއެވެ. އެއަށްފަހު އޭނާ އައުމުން އޭނާއާ ކުރިމަތިލާނެއެވެ.

ބައިގަޑިއެއް ހައި އިރު ފަހުން ޚާދިމް އައެވެ. "އެ އަންހެން މީހާ މީގެ މަހެއް ހައި ދުވަސްކުރިން ފުރަައިގެން ހިނގައްޖެ. އެނބުރި އަންނާނީ ދެ ހަފްތާއެއް ހައި ދުވަސް ފަހުން."

"މި ދެ މީހުން އަހަންނަށް އޮޅުވައިލީ ކީއްވެ؟ ދެމީހުން ވެގެން އަހަރެން އަނދަވަޅަކަށް ވައްޓާލައިފި... އަހަރެންގެ ބުރަކަށްޓަށް ހަންޖަރެއް ހަރައިފި... ދުވަހަކުވެސް މާފެއް ނުކުރާނަން." އޭނާ އިނީ ދެމީހުން ދެކެވެސް ވަރަށް ރުޅި އައިސްފައެވެ. ޚަދީޖާ ނޫރް ދެކެ މާ ބޮޑަށް ރުޅި އައިސްފައެވެ. "އަހަންނާ ޒަނީނާ ދެމީހުންގެ ދެމެދަށް އެއްވެސް މީހަކު ވަނަކަ ނުދޭނަން. އަހަރެންގެ އަތުން އޭނާ ޖަހައިގަންނާކަށް އެއްވެސް އަންހެނަކަށް ލާހިކެއް ނޫން." މަރިޔަމް އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ވަރަށް ހިތުގައި ޖެހިއްޖެއެވެ. މުޅީ ރޭ ހޭދަކުރީ ކަރުނަ އަޅާލައަޅާލައެވެ.

***

އާދައިގެ މަތިން ޖެހިގެން އައި ދުވަހުވެސް ޒަނީން މަރިޔަމަށް ފޯނުކުރިއެވެ. ކަމަކާ ދެރަވެފައި އިންކަމެއް އޭނާގެ އަޑަކުން ޒަނީނަށް ފާހަގައެއް ނުކުރެވެއެވެ. ޒަނީން ހުރީ ވަރަށް އުފަލުންކަން މަރިޔަމަށް އިހުސާސްކުރެވުނެވެ. ޒަނީނާ ވާހަކަ ދައްކާފައި މަރިޔަމް ފޯނު ބޭއްވިއެވެ.

"އުއްމު މަރިޔަމް، ކަލޭހައި މޮޔަ އަންހެނަކު އުޅޭނެތަ؟" އޭނާ ހިތާހިތުން ސުވާލުކުރިއެވެ. "އެކަމަކު މިކަން މިގޮތަށް ނިމުނަކަ ނުދޭނަން. އަހަންނަށް އެހެރީ ޒަނީން ލިބިފައި. އެހެންވީމާ އޭނާ އަހަރެންގެ އަތުން ދޫވިޔަކަ ނުދޭނަން. އޭނާގެ ހަޔާތުން ޚަދީޖާ ނޫރް ފައްސައިލާނަން. ފުރާނަ ދުއްވާލަން ވެއްޖެއްޔާ އެކަންވެސް ކުރާނަން."

ޒަނީން އެނބުރި އަންނާން ބާކީ އޮތީ ދެ ހަފްތާއެވެ. އެ ދެ ހަފްތާ ތެރޭ މަރިޔަމް އެއްގޮތަކަށް ވެސް ގެއިން ބޭރަކަށް ނުދެއެވެ. ރޭނގަނޑުގެ ކެއުމަށާއި ޕާޓީތަކަށް ލިބުނު ހުރިހާ ދައުވަތަކަށް ނޫނެކޭ ބުންޏެވެ. ކުރެހުމުގެ އެއްވެސް މަސައްކަތެއް ވެސް ނުކުރެއެވެ. އީދުގެ މުނާސަބަތުތައް ވެސް ނިމުނީއެވެ. އޭނާ އީދުވެސް ފާހަގައެއް ނުކުރެއެވެ. އަބަދު ފެންވަރައި، ރީތިވެ، ނަލަ ހެދިލައިގެން އިންނަ މީހާ އެ ހުރިހާ އާދައެއް ދޫކޮށްލިއެވެ. ފެންނަ ފެނުމަށް މިއިން ދުވަހަކު ފެންވެރި ހެނެއް ހިއެއް ނުވެއެވެ.

އީދު ދުވަހު ޒަނީން ފޯނުކުރުމުން އިރުކޮޅަކު ވާހަކަ ދައްކާލާފައި ޒައިނަބް އަތަށް ފޯނު ދިނެވެ. "ޒަނީން، އަހަރެން މި އިންތިޒާރުކުރަނީ ޒަނީނަށް. ޒަނީނާއި ތި އަންހެން މީހާ އެނބުރި އަންނާނެ އިރަކަށް... އޭރުން..."

***

އީދުގެ ފަސްވަނަ ދުވަހު ޒަނީން އެނބުރި އައެވެ. އަންނާނެ ގަޑިއެއް ކަނޑައެޅިގެން ނޭނގުނު ކަމުގައި ވީ ނަމަވެސް މަރިޔަމް އިނީ އޭނާ އަންނާނެ ކަމަށް އުއްމީދުކޮށްގެންނެވެ. ޒަނީން ފެނުމުން އޭނާ ހައިރާނެއް ނުވިއެވެ. އޭނާ ފެނުމުން ހައިރާންވީ ޒަނީނެވެ.

"މަރިޔަމް، ކިހިނެއްވެފަ ތީނީ؟ ބަލިވެތަ؟" މަރިޔަމަށް އައިސްފައި ހުރި ބަދަލު ފެނިފައި ޒަނީން ހުރީ ރަނގަޅަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ އަޑުގައި ހުރީ ކަންބޮޑުވުމާއި ލޯބީގެެ އަސަރެވެ.

"އަހަންނަކަށް ކަމެއް ނުވޭ. އަހަރެންގެ ހާލު ރަނގަޅު."

"ހީވަނީ ބަލިވެ އުޅޭހެން... ވަރު ދެރަވެފައި ހެން..."

"ވަރުދެރަ ވެފައި އިނީކީ އަހަންނެއް ނޫން."

އެ ޖަވާބުން ޒަނީން އިތުރަށް ހައިރާންވިއެވެ. މަރިޔަމް ކާރުގެ ތަޅުދަނޑި ނެގިއެވެ. "ވަރަށް އަވަހަަށް ނިންމަންޖެހޭ މަސައްކަތެއް އެބައޮތް. އެބައަންނަން އިރުކޮޅަކުން."

"މިހާރު ތިދަނީތަ؟ ވާހަކަ ދައްކާލަން ކަމަށް އަހަރެން މިއައީ. ވަރަށް ގިނަ ވާހަކަ އެބަހުރި."

"އަހަރެން ވެސް ވަރަށް ގިނަ ވާހަކަ ދައްކަން އެބަހުރި. އެބަ އަންނަން ވަރަށް އަވަހަށް. އައިސްފައި ވާހަކަ ދައްކާނީ."

ޒަނީން ދެކޮނޑު އަރުވާލާފައި ޒައިނަބާއެކު ކުޅެން އިށީނެވެ.

(ބާވީސްވަަނަ ބާބު)

މަޒްހަރު އޭނާ ދޫކޮށްފައި ދިޔަ ދުވަހު ޚަދީޖާ ލަންޑަން ދޫކޮށްފައި ދިޔައެވެ. މަޒްހަރްގެ ހަނދާންތަކާއެކު އެގޭގައި އުޅެން އުނދަގޫވާނެތީ އެގެ ދޫކޮށްފައި ދާން ބޭނުންވީއެވެ. އެގޮތަށް ނަގައި އެއްލައިލުމުން މަންމަ އުޅުނު ހިތްދަތި ދިރިއުޅުން އޭނާ އަށް ފެނުނެވެ. އެގޮތަށް ވޭނާއި ކެކުޅުމުގައި ދިރިއުޅުމުގެ ބާކީބައި ހޭދަކުރާން އޭނާ ބޭނުންނުވީއެވެ. އޭނާ ލަންޑަން ދޫކޮށްފައި ދިޔައީ ބާރމިންގހަމަށެވެ. އެތަނުގައި ދުވަސްކޮޅަކު އުޅެފައި ލެސްޓަރ އަށް ގޮސް ދިރިއުޅެން ފެށިއެވެ. ލެސްޓަރގައި އޭނާ ފަސް އަހަރު ދުވަސް ހޭދަކުރިއެވެ. އިސްލާމިކް ސެންޓަރުގެ އެހީގައި އެތަނުން ވަޒީފާއެއް ހޯދިއެވެ. އެ ވަޒީފާއިން ބަނޑުފުރާނަ މުއްތިކުރެވޭ ވަރުގެ އުޖޫރައެއް ލިބުނެވެ. ވަޒީފާ ނިންމާފައި ހަވީރު އިސްލާމިކް ސެންޓަރަށް ގޮސް ދަރުމައަށް މަސައްކަތް ކުރަން ފެށިއެވެ. އެހެން އުޅުމުގެ ތެރޭގައި އެތަނުގައި މަގްބޫލު މީހަކަށް ވިއެވެ. އޭނައާ ބެހޭ މާ ގިނަ މައުލޫމާތެއް އެއްވެސް މީހަކަށް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ ވަރިވެފައި އިން ކަމާއި، އޭނާގެ ނަމަކީ ޚަދީޖާ ނޫރް ކަމެވެ. ޒާތީ މައުލޫމަތު ހޯދުމުގެ ޝައުގެއްވެސް އެކަކުގެ ވެސް ނެތެވެ. އެމީހުންނަށް އޭނާ އެނގިފައި އޮންނަނީ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. ހިނިތުންވުމާއެކު އެހެން މީހުންނަށް އެހީވާން ތައްޔާރަށް ހުންނަ މީހެއްގެ ގޮތުގައެވެ. ޚާއްސަކޮށް ޕާކިސްތާނު މީހުގެ މެދުގައި އޭނާގެ މަގްބޫލުކަން އިތުރެވެ. އޭނާ އެމީހުންނާ އުރްދޫ ބަހުން މުއާމަލާތް ކުރެެއެވެ. އަލަށް އެރަށަށް އަންނަ މީހުންނަށް އޭނާގެ އެހީތެރިކަން ލިބެއެވެ. އެމީހުންނަށް ބެލެވިފައި އޮންނަނީ ޚަދީޖާއަކީ އެމީހުންނާ ގާތް މީހެއްގެ ގޮތުގައެވެ. ޚަދީޖާ އޭނާގެ ދަރިފުުޅު ހޯދާކަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭނާއަށް މަޒްހަރަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެވެ. ދަރިފުޅު ހޯދަން އުޅެފިނަމަ އޭނާއަށް ދަރިފުޅު ދިނުމުގެ ބަދަލުގައި ދަރިފުޅު މަރައިލާން ފަސްނުޖެހޭނެކަން އެނގެއެވެ. އެހެންކަމުން އެކަމުގައި އެހީތެރިވާން އިސްލާމިކް ސެންޓަރުން އުޅުމުން އެކަމަށް އެއްބަހެއް ނުވިއެވެ. އޭނާގެ ހަގީގަތް އެނގުމުން މަޒްހަރް އޭނާ އަށް ނަފްރަތު ކުރި ގޮތަށް ދަރިފުޅު ނަފްރަތު ކޮށްފާނެތީ ވެސް ބިރުގަތެވެ. އެންމެ ރަނގަޅު ގޮތަކީ މާޒީ ހަނދާން ނައްތައިލުމެވެ. މަޒްހަރް ދަރިފުޅު ގާތު ބުނީ ކީކޭ ކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާގެ މަންމައަކީ ހަށިވިއްކާ މީހެކޭ ނުބުނާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތެވެ.

***

އިސްލާމިކް ސެންޓަރުގައި މަސައްކަތް ކުރަން ފަށައި، އެ ދިރިއުޅުމަށް ފަސް އަހަރު ފުރުނު ފަހުން އޭނާގެ ހަޔާތް އާ ދިމާއަކަށް މިސްރާބު ޖެހިއެވެ. އިސްލާމިކް ސެންޓަރަށް ގަވާއިދުން ގޮސް އުޅޭ މީހަކާ ދިމާވިއެވެ. އެކިއެކި ވާހަކަ ދައްކަމުން ގޮސް ސާޖިދާ އަސްލު މައުޟޫއަށް ދިޔައެވެ.

"އަހަރެންގެ ބޭބެއެއް އުޅޭ ޕާކިސްތާނުގައި. އެހާ ޒުވާނެއް ނުވާނެ. އަހަރެމެންގެ އާއިލާގައި ތިބެނީ ހަތަރު ބޫނުންނާއި އެންމެ ބޭބެއެއް. އަހަރެމެން ވަރަށް ކުޑައިރު މައިންބަފައިން މަރުވެއްޖެ. އަހަރެމެން ބެލުމުގެ ހުރިހާ ޒިއްމާއެއް އެޅުނީ ބޭބެ ބޮލުގައި. މާލީ ހާލަތު ހުރިގޮތުން ބޭބެ ދުވަހަކުވެސް ކާވެންޏެއް ނުކުރޭ. މިހާރު އަހަރެމެން ހަތަރު ބޫނުން ވެސް މީހުންނާ އިނދެގެން ދިރިއުޅުމެއް ފަށައިފިން. އަހަރެމެން ގެ އުއްމީދަކީ ބޭބެއަށް ވެސް ހަޔާތުގެ ބައިވެރިއެއް ލިބުން. ބޭބެގެ ހަމައެކަނި ޝަރުތަކީ ބޭބެ އިންނަ މީހާއަކީ އެހައި ޒުވާން މީހަކަށް ނުވުން. އެހެންވެ އަހަރެން ހިތަށް އަރަނީ ޚަދީޖާ ރަނގަޅުވާނެއޭ. ޚަދީޖާ ރުހެންޏާ. މިކަމާ މެދު ބުނާނީ ކީކޭ؟ ބޭބެއަކީ ވަރަށް ރަނގަޅު ފިރިއަކަށް ވާނެކަން އަހަންނަށް ޔަގީން. ޚަދީޖާގެ ހިތް ނުތަނަވަސްވާނެ އެއްވެސް ކަމެއް ބޭބެ ނުކުރާނެ."

ޚަދީޖާ އޭނާއާ ދިމާއަށް ބަލައިލިއެވެ. "އަނެއްކާ މީހަކާ އިންނާން؟ ކީއްކުރަން؟" އޭނާގެ ހިތަށް އެރިއެވެ. އެކަމަކު އެހެނެއް ނުއެއް ބުނެއެވެ.

"ވިސްނާލަބަލަ. މާ އަވަސްއަރުވައިގެނެއް ނޫން މިއުޅެނީ..." ޚަދީޖާ އެ ހުށަހެޅުމާ މެދު ވިސްނާން ބޭނުންވެފައި އިންހެން ހީވެެގެން ސާޖިދާ ބުންޏެވެ.

***

ޚަދީޖާގެ ސިކުނޑީގައި އެކި ޚިޔާލުތައް ދައުރުވާން ފެށިއެވެ. އޭނާގެ ހަޔާތުގައި ދެވަނަ ފަހަރަށް މީހަކު އޭނާގެ ކަވެންޏަށް އެހީއެވެ. ފުރަތަމަ ކާވެންޏަށް ވީގޮތް އޭނަައަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން އަލުން އެ ދިރިއުޅުން އުޅޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާ އަދިވެސް ޒުވާނެެެވެ. އެހެންކަމުން އެކަނިވެރި ދިރިއުޅުމެއް ވޭތިކުރާކަށް ބޭނުމެއް ނުވެއެވެ.

ވިދިގެން އައި ދުވަހު އިސްލާމިކް ސެންޓަރުގެ އިލްމުވެރިޔަކާ އެ ވާހަކަ ހިއްސާ ކޮށް ލަފައަކަށް އެދުނެވެ.

"ކާވެނިކުރުމަށް އަހަރެމެންގެ ދީން ވަރަށް ބޮޑަށް ބާރު އަޅާ." ޑރ. ޢަބްދުﷲ ބުންޏެވެ. "އެކަނި ދިރިއުޅުން ވޭތިކުރާކަށް އިސްލާމް ދީން ބާރެއް ނާޅާ. އެއްފަހަރު މީހަކާ އިނދެފި. އެކާވެނި ކާމިޔާބު ނުވެ ރޫޅުނީ. އޭގެ މާނައަކީ ދުވަހަކުވެސް މީހަކާ ނީންނާށެކޭ ނޫން. މިހާރު ކާވެނި ހުށަހެޅީ މީހާއަކީ ޚަދީޖާގެ އުއްމީދުކުރާ ކަހަލަ މީހެއްކަމަށް ވާނަމަ އޭނާއާ އިންނަންވީ."

"މައްސަލައަކީ އަދިވެސް ފުރަތަމަ ފިރިމީހާ ދެކެ ވަރަށް ލޯބިވޭ. ދުވަހަކުވެސް އޭނަ މަތިން ހަނދާން ނެތޭނެހެނެއް ހިއެއްނުވޭ."

"ހެއްދެވި ފަރާތަށް އެކަން ދޫކޮށްލާ." އިލްމުވެރިޔާ ބުންޏެވެ. އެކަލާނގެއީ ހިތްތަކުގެ ވެރި ރަސްކަލާނގެ. ކުރީގެ ފިރިމީހާ ދެކެ ވީފަދަ ލޯތްބެއް ދެން އިންނަ މީހާއަށްޓަކައި އެކަލާނގެ އިރާދަ ކުރައްވައިފިއްޔާ ޚަދީޖާގެ ހިތުގައި ލައްވަފާނެ." ޚަދީޖާގެ މޫނުމަތިން ނުތަނަވަސް ކަން ފެނުމުން އެމީހާ ބުންޏެވެ. "ހުވަފަތްވެފައިވާ އަންހެނާ ފަދައިން ވަރިވެފައިވާ އަންހެން މީހާއަށްވެސް އަލުން ކާވެނި ކުރުމުގެ ހައްގު އިސްލާމްދީނުން ވަނީ ލިބިދީފައި. ރަނގަޅު ގޮތަކީ އެއީ. މާޒީގައި ދިރިއުޅުން، ނުވަތަ ހުވަފެނީ ދުނިޔެއެއްގައި އުޅުމަކީ ދިރިއުޅުމެއް ނޫން. ދިރިއުޅުމަށްޓަކައި ހަގީގަތް ގަބޫލުކުރަން ޖެހޭނެ. ކާވެންޏަކީ އަހަރެމެންގެ ދީން ނުލާހިކު އަހައްމިއްޔަތުކަން ދޭ ކަމެއް. ޚަލީފާއިންގެ ދުވަސްވަރު ހުވަފަތް ވެފައިވާ އަންހެނުންނަށް ރަނގަޅު ފިރިން ހޯދައިދިނުން އޮންނަނީ ގާޒީގެ ޒިއްމާއެއްގެ ގޮތުގައި. އާއިލީ ދިރިއުޅުމަކަށް އިސްލާމްދީން ބާރު އަޅާ މިންވަރު އެކަމުން އެނގޭ. އަދި ދަރިފަސްކޮޅު ދެމެހެއްޓޭނެކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ޒިއްމާއަކަށް އެކަން ހަމަޖައްސަވާފައި އޮތީ. ކާވެނީގެ ސަބަބުން އަންހެނުންނަށް މާލީ ރައްކާތެރިކަން ލިއްބައިދޭ. ހަމައެކަނި މާލީ ރައްކާތެރިކަމެއް ނޫން. ޖިސްމާނީ، ޖަޒުބާތީ، އަދި ބުއްދީގެ ގޮތުންވެސް އަންހެން މީހާއަށް ބޭނުންވާ ރައްކާތެރިކަން ކާވެނިން ކަށަވަރުކޮށްދޭ. މީހަކާ ނީނދެ އެކަނި ދިރިއުޅުން އަންހެނަކަށް އުނދަގޫ ވާ ފަދައިން ފިރިހެނަކަށް ވެސް އެއީ ދަތި ދިރިއުޅުމެއް."

"ޚަދީޖާ އަދި ނުލާހިކު ޒުވާން. ކިރިޔާ ތިރީސް އަހަރުވީ. މީހަކާ އިނދެގެން އުޅުނީ އެންމެ ތިން އަހަރު – އެ ތިން އަހަރުގެ ހަނދާނުގައި ދިރިއުޅުން ބޭކާރުކޮށްލާންތަ ގަސްތުކުރަނީ. މި ދުނިޔޭގައި ދިރިއުޅޭން އަހަރެމެންނަށް ދެއްވައިފައި އޮންނަނީ އެންމެ ފުރުސަތެއް. އަލުން ކާވެނިކޮށް، ދަރީން ހޯދައި، އާ ދިރިއުޅުމެއް ފެށުމުގެ ފުރިހަމަ ހައްގު ޚަދީޖާއަށް ލިބިގެންވޭ. އެއީ ފަސޭހަކަމެއް ނޫންކަން އެނގޭ. އެކަމަކު އެއީ ނުކުރެވޭނޭ ކަމެއް ނޫން. އަދި ކާވެނި ނުކުރެވޭ އުމުރަށް އަޅައިގަތީމާ އެންމެ މީހަކަށްޓަކައި ދިރިއުޅުން ބޭކާރުކުރެވުމުން އެކަމާ ވެރަދަ ހީވާ ދުވަސްވަރެއް ވެސް އަތުވެދާނެ."

ޚަދީޖާ ފަރުވާތެރިކަމާއެކު އޭނާގެ ވާހަކަ އަޑުއެހިއެވެ.

"އަންހެނުންނާ ޚިލާފަށް ފިރިހެނުން ވަކި މީހަކަށްޓަކައި ހިތާމަކޮށް ދިރިއުޅުން ނަގައެއް ނުލާނެ. އެމީހުން ބަލާނީ ދިރިއުޅެވޭތޯ. ނުވަތަ އެމީހުންނަކީ ދިރިއުޅުުމުގެ ހަގީގަތްތައް ގަބޫލުކޮށް ދިރިއުޅުމާ ކުރިމަތިލާ ބައެއް. ލޯތްބަށްވުރެ އެމީހުންނަށް މުހިއްމުވާނީ އަރާމުގައި ދިރިއުޅުން. އެމީހުން ކާވެނިކުރޭ... އެއްވެސް ސަބަބަކާ ހުރެ އެކާވެނި ރޫޅިއްޖެނަމަ އެ ލޯބީގެ ވަށައިގެން ހަނދާނީ ބިނާއެއް އަޅައި، ހިތާމަކުރުމުގައި މުޅި އުމުރު ނަގައެއްނުލާ... އެމީހުންގެ ދިރިއުޅުމަށް އެހެން އަންހެނަކު ގެންނާނެ. އެއީ ރަގަނޅު ގޮތެއް. ހިތާމަކުރުމުގައި ހަޔާތުގެ ބާކީބައި ހޭދަކުރުމުގެ ބޭނުމަކީ ކޮބާ؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.