ކަރެކްޝަނުން އެޗުއާރުސީއެމަށް ސައްޙަނޫން މަޢުލޫމާތު ތަކެއް ދީފި

އައްސޭރި ޖަލު

ރާއްޖޭގެ ބައެއް ޖަލުތަކުގައި މިހާރު ހިނގަމުންދާ ކަންކަމާ ބެހޭ ތަހުގީގެއް ފަށައިފި ކަމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވެފައިވަނީ އެތަހުގީގުގައި މިހާތަނަށް ވަނީ މާލޭޖަލާއި މާފުށި ޖަލަށް ކޮމިޝަންގެ މެމްބަރުން ޒިޔާރަތް ކޮށްފައި ކަމަށެވެ. އެޒިޔާރަތުގައި ވަނީ އެ ތަންތަނުގެ ޢާއްމު ޙާލަތު ބަލައިފައެވެ. އަދި ގައިދީންނާއި ބަންދުގައި ތިބީ މީހުންނާއި ޖަލުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު އެއްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

"މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ކޮމިޝަންގެ ތަހުގީގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެންމެ އެދެވޭ މިންވަރަށް އެއްބާރުލުން ލިބެމުން ނުދާކަމާއި، ކޮމިޝަނަށް ސައްހަނޫން މައުލޫމާތު ދީފައިވާކަން ހިތަމާއާއެކު ފާހަގަކުރަމެވެ." އެޗުއާރުސީއެމުން ވިދާޅުވެފައިވެއެވެ.

މިހާތަނަށް ބެލިބެލުމުން ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވާ ސަބެއް ކަމަށް އެޗުއާރުސީމުން ވިދާޅުވެފައިވަނީ ގައިދީންނާއި، ބަންދުކޮށްފައިވާ ފަރާތްތަކުން މޯލްޑިވް ކަރެކްޝަނަލް ސާވިސްގައި ތަކުރާރުކޮށް އެދެމުންދާ ޒަރޫރީ ބައެއްކަންކަން ފުއްދައި ނުދެވޭތީ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

"މިގޮތުން ޝަރީއަތުގެ މަރުހަލާ ދިގުލައިގެން ދިއުމާއި، އެކަށީގެންވާ އަވަސް މިނެއްގައި ސިއްހީ ފަރުވާ ފޯރުކޮށްނުދެވޭކަން ފާހަގަކުރެވިފައިވެއެވެ. މާލޭޖަލުގައި މިވަގުތު ތިބި ގިނަ ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަމާއި މާލޭޖަލުގެ ތިންތަނެއަގައި އަލިފާން ރޯކުރިކަން ފާހަގަ ކުރެވިފައިވެއެވެ." އެޗުއާރުސީއެމުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.