
މާލެއަތޮޅު ތުލުސްދޫ ކައިރީގައި އޮންނަ ކުޑަވިލިގިލީ ފަޅުތެރޭގައި އޮތް އޮސްޓްރޭލިއާ ސަފާރީއެއްގައި ރޯވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިޙާދިސާ ހިނގިއިރު ސަފާރީގައި ތިބީ އޮސްޓްރޭލިއާގެ 3 ފިރިހެނުން ކަމަށެވެ. ހާދިސާ ހިނގުމުން އެ ތިން މީހުން ވަނީ އެހެން އުޅަނދަކަށް ނަގައިފައެވެ. އަދި ތުލުސްދޫ ސިއްޙީ މަރުކަޒަށް ގެންގޮސް މިހާރުވަނީ ފަރުވާދޭން ފަށައިފައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެންނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް އެނގިފައެއް ނުވެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވީ އެ ތިން މީހުންނަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ އެއްވެސް މަޢުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށެވެ.
އާޒިމް ވިދާޅުވީ މި ޙާދިސާ ހިނގި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 5:42 އެހައިކަންހާއިރު ކަމަށެވެ. މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްއިން ވަނީ އެ އުޅަނދަށް އެހީވުމުގެ މަސައްކަތް ފަށައިފައެވެ. "ވެރިޓާ" ނަމަކަށް ކިޔާ އެ ސަފާރީގައި ރޯވެފައިވާ އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ގެންދަވަނީ ކުރައްވަމުންނެވެ.
ޢާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ ފަޔަރުން ގެންދަނީ އަލިފާން ނިއްވުމުގެމަސައްލަތް ހުއްޓައި ނުލައި ކުރަމުންނެވެ. އެހެންނަމަވެސް އަދި އެއްކޮށް އަލިފާން ނިއްވައިލެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ޢާޒިމް ވިދާޅުވީ މިހާރު މަޢުލޫމާތު ލިބިފައިވަނީ ރޯވީ ޔޮޓެއްގައި ކަމަށެވެ.