
ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުން ވެވެގެން 17 މައްސަލައެއް ނޮވެމްބަރުމަހު ހުށަހެޅުނުކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިފަދަ މައްސަލަތައް މިދިޔަ ދެމަހުގައި ވެސް ހުށަހެޅުނު މިންވަރު އުޅެނީ ދާދި އެއް ހަމައެއްގައެވެ.
ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ އޮކްޓޫބަރުމަހުގެ ތަފާސް ހުސާބުތަކަށް ބަލާއިރު ޢުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެވެގެން ހުށަހަޅައިފައިވަނީ 16 މައްސަލައެކެވެ.
ނުކުޅެދުންތެރިކަން ހުރެގެން އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ނޮވެމްބަރުމަހުގައި 11 މައްސަލައެއް ހުށަހެޅިފައިވާ އިރު އޮކްޓޫބަރުގައި ހުށަހެޅިފައިވަނީ 12 މައްސަލައެވެ. އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ނޮވެމްބަރުމަހު، ޢުމުރުން ދުވަސްވީ ހަމީހަކު ހުށަހެޅިފައިވާ އިރު އޮކްޓޫބަރުގައި ހުށަހަޅައިފައިވަނީ ހަތަރު މީހެއްގެ މައްސަލައެވެ.
މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އޮކްޓޫބަރާ އަޅާ ބަލާއިރު ނޮވެމްބަރުގައި ހުށަހެޅުނު މައްސަލަތަކުގެ ޢަދަދު ވަނީ މަދުވެފައެވެ. އޮކްޓޫބަރުގައި 240 މައްސަލައެއް އެމިނިސްޓްރީއަށް ހުށަހެޅި އެޑެންޓްކޮށްފައިވާއިރު ނޮވެމްބަރުގައި ހުށަހެޅި އެޓެންޑް ކޮށްފައި ވަނީ 174 މައްސަލައެކެވެ.