މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) ގެ ރިޕޯޓު ލިޔުނު މީހުން ބަންދުނުކޮށް ދެން ބަންދުކުރާނެ ބަޔަކު މިގައުމުގައިނެތް ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދ. ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ހަރުކަށި ފިކުރު ނައްތާލުމުގެ ނަމުގައި މިސަރުކާރުން ކުރަމުންދާ މަސައްކަތުގައި ފަހަތުގައި ފޮރުވިފައިވަނީ އިސްލާމްދީން ނައްޔާލުން ކަމަށެވެ. އެމަކަށް ވާގިވެރިވަނީ ސަރުކާރަށް ތާއިދުކުރާ އެކުވެރި ބައެއް ގައުމުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓުގައިވަނީ މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައެވެ. ޚުދު އެޖަމާޢަތުން ވެސް ވަނީ އެކަމަށް އިޢުތިރާފުވެފައެވެ. އެކަމާ ގުޅިގެން އެތައް ބައެއްގެ އިހުތިޖާޖުގެ ސަބަބުން އެމައްސަލަ ބެއްލެވުމަށްފަހު ސަރުކާރުން ވަނީ އެ ޖަމިއްޔާ އުވާލައްވައިފައެވެ. އެހެންނަމަވެސް ޖަމިއްޔާ އުވާލުމަކުން ނުފުދޭ ކަމަށާއި އެކަން ކުރި މީހުންނަށް ވެސް އަދަބުދޭންޖެހޭ ކަމަށް ޢަބްދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ޢަބްދުއްރަހީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި ތިއްބެވި އިސްލާމީ ޝަރިއްޔާ އެނގިވަޑައިގަންނަވާ އެންމެހާ ފަނޑިޔާރުން މަގާމުން ވަކިކުރައްވައި މިހާރުވަނީ ސަރުކާރުން ބޭނުންވި ފަނޑިޔާރުންތައް އެމަގާމަށް އިސްކުރައްވާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވުމުން މުޅި މިގައުމުދަނީ އެކަމަށް ކަރުނަ އަޅަމުންކަމަށެވެ. އެހެން ކަމުން ޖަލުގައިއޮތީ ރައީސް ޔާމީން ނޫންކަމަށާއި އެއީ މުޅި ދިވެހިގައުމިއްޔަތު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދަޅުވީ ރައީސް ޔާމީން ވަނީ ފާއިތުވި 5 އަހަރު ތެރޭގައި ރާއްޖެއަށް އިންގިލާބީ ތަރައްގީ ގެނެސްދެއްވައި ތަރައްގީގެ ބާނީގެ ލަގަބުވެސް ހާސިލް ކުރައްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.