ސެޕްޓެމްބަރ 9 ގައި ހެނދުނާ ނުކުމެ ވޯޓުލާ،ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވައިދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންފައިވާކަން ހާމަކުރެއްވީ ރިޔާސީ ކެމްޕޭންގައި ތ. މަޑިފުއްޓަށް ވަޑައިގެން މަޑިފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫނެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، އިސްލާމީ ވަހުދަތަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ބޮޑަށް އިސްކަމެއް ދެއްވައިގެން ކަށަވަރު ކުރެއްވި ދެކަންތައް ކަމަށެވެ.
އެހެންނަމަވެސް މިހާރު މިކަންކަމާއިމެދު އެތަކެއް ސުވާލުތަކެއް އުފެދި ރައްޔިތުންގެ ކެންބޮޑުވުން އިންތިހާއަށް އޮތް މިދަނޑިވަޅުގައި މިވެރިކަން ބަދަލު ކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ އަދި ދީނީ ވާޖިބެއް ކަމަށް ރައިސް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.
ޣާއްސާން ވިދާޅުވީ ރައްޔިތުން ސަރުކާރެއް އިންތިޚާބު ކުރަނީ ރައްޔިތުންގެ ކިބައިން ވެރިކަން ކުރަން ކަމަށާއި އެކަމަކު މިވެރިކަމުން ފެނިގެންދަނީ އެއާއި ދިމާ ދެކޮޅަށް މަސައްކަތް ކުރާތަން ކަމަށެވެ. އަދި ވެރިކަމަށް އައުމަށް ރަށްރަށަށް ވެވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ދެވަނަދައުރެއް ހޯދުމަށް ރައްޔިތުންނާއި ހަމައަށް އައުމުން ދޭންޖެހޭ ވޯޓެއް އޮވެގެން ނުވާނެކަމަށް ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީގެ ވެރިކަމެއްގައި މަޑިފުއްޓަކީ ތަރައްޤީގެ މަސައްކަތުގައި އިސްކަންދޭނެ ރަށެއް ކަމަށާއި ވޯޓު ފޮއްޓާއި ހަމައަށް ވަަޑައިގަންނަވައިރު ރައީސް ޔާމީނާއި ތަރައްޤީގެ މަތީން ހަނދުމަ ބެހެއްޓެވުމަށް ޣައްސަން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ޑރ.މުއިއްޒަކީ ތަރައްޤީއާއި ޤައުމުގެ ހަމަޖެހުން ގެނެސްދެވޭނެ ރައީސް ޔާމީންގެ ފަރާތްޕުޅުން ދަރިވަރުވި ބޭފުޅެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.