އާޚިރަތްދުވަހާމެދު ވިސްނައި ފިކްރުކޮށް ކަންބޮޑުވުން

ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " مَنْ كَانَ هَمُّهُ الْآخِرَةَ جَمَعَ اللَّهُ شَمْلَهُ وَجَعَلَ غِنَاهُ فِي قَلْبِهِ وَأَتَتْهُ الدُّنْيَا وَهِيَ رَاغِمَةٌ – މުސްނަދު އަޙްމަދު – މާނައީ :  އެމީހަކު ކަންބޮޑުވާ ކަމެއް ކަމުގައި އާޚިރަތް ދުވަސް ވެއްޖެނަމަ މާތް ﷲ  އޭނާގެ ކަންތައްތައް ޖަމާކޮށްދެއްވާނެއެވެ. އަދި އޭނާގެ ހިތަށް ފުދުންތެރިކަން ލައްވާނެތެވެ.  އަދި  ދުނިޔެ މަޖްބޫރުވެގެންވާ ޙާލުގައި އޭނާގެ ގާތަށް އަންނާނެތެވެ. "

މިއީ އީމާންކަމުގެ ވަރަށް މުހިންމު މާދަލާ ( އީކްއޭޝަން ) އެކެވެ.  މި މާދަލާގެ އެއްފަރާތަކީ އާޚިރަތް ދުވަހާމެދު ކަންބޮޑުވެ އެކަމާމެދު ވިސްނާ އެކަމަށްޓަކައި މަސައްކަތް ކުރުމެވެ. މި މާދަލާގެ އަނެއް ފަރާތަކީ އެގޮތަށް އުޅޭ މީހާއަށް މާތް ﷲ ދެއްވާ ނިޢުމަތްތަކެވެ. އެއީ މި މާދަލާގެ ނަތީޖާއެވެ. ނުވަތަ ޖަވާބެވެ. އޭނާއަށް ފުދުންތެރިކަން ދެއްވުމާއި އޭނާގެ ހިތުން ދަހިވެތިކަން ފިއްލެވުމާއި އޭނާގެ ކަންތައްތައް އޭނާއަށް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމާއި ދުނިޔޭގެ ދޮރުތައް އޭނާގެ ކުރިމަތީގައި ހުޅުއްވާ ދެއްވުމެވެ.

 

އާޚިރަތް ދުވަހާމެދު ކަންބޮޑުވާ މީހުން

އެކަމަކު އާޚިރަތް ދުވަހާމެދު ކަންބޮޑުވާ މީހުންނަކީ ކޮބައިތޯއެވެ؟  އެމީހުންނަކީ އާޚިރަތް ދުވަހާމެދު އަބަދުވެސް ވިސްނާ ފިކްރުކުރާ މީހުންނެވެ. މަރާއި ކަށްވަޅުން ތެދުވާ ދުވަހާއި (ޤިޔާމަތް ދުވަހާއި) އަލުން ދިރުއްވުމާއި މަޙްޝަރު ކުރެއްވުމާއި ޙިސާބު ބެއްލުވުމާއި ޞިރާޠުމަގާއި ސުވަރުގެއާއި ނަރަކައާމެދު ވިސްނާ ފިކްރުކޮށް އުޅޭ މީހުންނެވެ. އެމީހުން މިކަމުގެ މަތިން ހަދާން ނުކުރާ ދުވަހެއް ފާއިތުވެގެން ނުދާނެއެވެ. އެމީހުން އަބަދުވެސް ކަންބޮޑުވަނީ އެދުވަހާމެދުއެވެ. އެމީހުން ދައްކާ ކޮންމެ ވާހަކައެއްގައިވެސް އާޚިރަތުގެ ވާހަކަ ގެންނާނެއެވެ. އެމީހުންގެ ކޮންމެ ކަމަކާ އާޚިރަތާ ގުޅުވާނެއެވެ. އާޚިރަތަށްޓަކައި މެނުވީ އުފަލެއް ނުވާނެއެވެ. އަދި އާޚިރަތަށްޓަކައި މެނުވީ ހިތާމައެއް ވެސް ނުކުރާނެއެވެ. އެމީހުންގެ ދާއިމީ ޝިއާރަކީ އާޚިރަތާމެދު ކަންބޮޑުވުން ނޫން އެހެން ކަންބޮޑުވުމެއް ނެތެވެ. އެމީހުންގެ ދާއިމީ ދުޢާއަކީ " ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ! އަޅަމެން އެންމެ ކަންބޮޑުވާ ކަމެއް ކަމުގައި ދުނިޔެ ނުލައްވާނދޭވެ!

 

އާޚިރަތް ދުވަހާމެދު ކަންބޮޑުވާ މީހުންގެ ސިފަތައް

1- މާތް ﷲ އެމީހުން ހެއްދެވީ ކީއްކުރަންކަން އެނގުން: މާތް ﷲ އެންމެހާ ޖިންނީންނާއި އިންސީން ހެއްދެވީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. މިކަން ބަޔާންކޮށް ދެއްވައި އެކަލާނގެ ވަޙީ ކުރެއްވިއެވެ. "  وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ – އައްޛާރިޔާތު ސޫރަތް: 56 -މާނައީ :  ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. " މިހެންވެ އެމީހުންނަކީ މި އަމާޒު ފަތްގަނޑަށް ވާސިލު ވުމަށްޓަކައި އަތުކުރި އޮޅާލައިގެން މަސައްކަތްކުރާ ބަޔެކެވެ. މާތް ﷲ ހެއްދެވި ކޮންމެ އެއްޗެއް ހައްދަވައިފައި ވަނީ އިންސާނާއަށް މިކަމުގައި ވާގިވެރިވުމަށް ކަން އެމީހުން ދަނެއެވެ.

2- އާޚިރަތް ދުވަހަށްޓަކައި ހިތާމަ ކުރުން: މާތް ﷲގެ ރަޙްމަތަށް އެމީހުން އެދި އަބަދު ދުޢާކުރާ އިރުގައި ވެސް އެމީހުން ﷲގެ ފުއްސެވުމަށާއި ރުއްސެވުމަށް އަބަދުވެސް އެދެއެވެ. އެމީހުންގެ ކިބައިން ފެންނަ ކޮންމެ އިހްމާލަކާމެދު އެމީހުން ހިތާމަ ކުރެއެވެ. މުސްލިމުންނާ ކުރިމަތިވާ މުޞީބާތްތަކާއި ބަދުނަޞީބު ކަންތައްތަކާމެދު ހިތާމަކުރެއެވެ. އާޚިރަތާމެދު ވިސްނާ ފިކްރުކުރާ ބަޔަކަށްވާތީ އެމީހުންގެ ހިތްތަކަކީ އޯގާވެރި ހިތްތަކެކެވެ. މީހުންނަށް ރަޙްމުކުރާ ހިތްތަކެކެވެ.

3- އެމީހުން އަބަދުވެސް އެމީހުންގެ އަމިއްލަ ނަފްސު ޙިސާބުކޮށް ބަލައެވެ.މާތް ﷲ ރުއްސުން ލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. " حَاسِبُوا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوا وَتَزَيَّنُوا لِلْعَرْضِ الْأَكْبَرِ -  މުޞައްނަފު އިބްނު އަބީ ޝައިބާ -  މާނައީ : ތިޔަބައި މީހުން ހިސާބު ކުރެވުމުގެ ކުރިން ތިޔަބައި މީހުންގެ ނަފްސުތައް ހިސާބު ކުރާށެވެ! އަދި ތިޔަބައި މީހުން ކިރުމުގެ ކުރިން ތިޔަބައި މީހުންގެ ނަފްސުތައް ކިރާށެވެ! އަދި އެންމެބޮޑު ހުށައެޅުމަށްޓަކައި ޒީނަތްތެރި ވާށެވެ! "  މިހެންވެ އެމީހުން ބުނާ ކޮންމެ ބަހެއް އަދި ކުރާ ކޮންމެ ކަމެއް ބުނުމުގެ ކުރިންނާއި ކުރުމުގެ ކުރިން ބަލައި ހިސާބު ކުރެއެވެ. އެމީހުންގެ ނަފްސުތަކަކީ އެމީހުންކުރާ ނުބައި ކަންތައްތަކަކަށް މަލާމަތްކުރާ ނަފްސުތަކެކެވެ. ނުވަތަ އެއީ  " النَفْسُ اللَوَّامَة "  އެކެވެ. އަލްޤުރްޠުބީ ވިދާޅުވާ ގޮތުގައި މުއުމިނުންނަކީ އެމީހުންކުރާ ކަންތައްތައް އަބަދުވެސް ބަލައި އެކަމަށް ފާޑުކިޔާ ބަޔެކެވެ. އެކަމަކު ފާޖިރުންނަކީ އެމީހުންގެ ނަފްސުތަކުގެ ޢަމަލުތަކަށް ބަލާ ބައެއް ނޫނެވެ.

4- އާޚިރަތަށްޓަކައި އަބަދު ވެސް މަސައްކަތް ކުރުން: އެމީހުންނަކީ އެމީހުންގެ ދުނިޔަވީ ޢަމަލުތައްވެސް އަދާކުރާ ބަޔެކެވެ. ދީނީ ވާޖިބުތައް އަދާކުރާ ފަދައިންނެވެ. އެހެން މީހުން އިޞްލާޙު ކުރެވޭތޯ އެމީހުން މަސައްކަތް ކުރެއެވެ. އެހެން މީހުންގެ ނުބައި ޢަމަލުތަކާމެދު އެމީހުން ހިތާމަ ކުރެއެވެ.

މާލިކު ބްނު ދީނާރު ވިދާޅުވަނީ ކޮންމެ އެއްޗަކަށްވެސް ވެކްސިނެއް ލިބިގެންވެއެވެ. ޞާލިޙު ޢަމަލުގެ ވެކްސިނަކީ ހިތާމައެވެ.

އެކަމަކު ޞާލިޙު ޢަމަލަކީ ހަމައެކަނި ނަމާދު ކުރުމާއި ރޯދަ ހިފުމާއި ޤުރްއާން ކިޔެވުމާއި ޛިކްރު ކުރުމެއް ނޫނެވެ. މީގެ އިތުރަށް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި މާތް ﷲ އެކަމެއް ކުރުމަށް ލޯބިވެ ވޮޑިގަންނަވާ ކޮންމެ ޢަމަލެއް ހިމެނެއެވެ.

5- މަރުވާ މަންޒަރުން އަސަރުކުރުން: އެމީހުންނަކީ މީހަކު މަރުވާތަން ނުވަތަ މަރުވެފައި އޮތްތަން ފެނިއްޖެނަމަ އެކަމުން އެމީހުންގެ ނަފްސުތަކަށް އަސަރުކުރާ ބަޔެކެވެ. އާޚިރަތް ދުވަސްމަތިން ހަދާން ވެގެން ދާތީއެވެ. އެމީހުންނަށް ހެޔޮކަމެއް ނުކުރެވެނިސް މަރުވެދާނެތީ ދެރަވެއެވެ.

މާތް ﷲ  ދެއްވާ ނިޢުމަތްތައް

އާޚިރަތް ދުވަހަށްޓަކައި، އެދުވަހަށް ތައްޔާރުވެގެން، އެދުވަހާމެދު ކަންބޮޑުވެގެން އުޅޭ މީހާއަށް  ﷲ ސުބްޙާނަހޫ ވަ ތަޢާލާ  ތިން ހަދިޔާއެއް، ނުވަތަ ތިން ޢިނާޔަތެއް ދެއްވަވައެވެ. މި ތިން ހަދިޔާއަކީ އޭނާއަށް މި ދުނިޔެ މަތީގައި ދެއްވާ ތިން ނިޢުމަތެކެވެ.

ފުރަތަމަ ނިޢުމަތަކީ އޭނާގެ ކަންތައްތައް އެއްފަސް ކޮށްދެއްވުމެވެ. އެނާގެ ވަށައިގެންވާ ހުރިހާ ކަމެއް އޭނާއަށްޓަކައި އެއްކޮށް ދެއްވާނެއެވެ. އޭނާއަށް މާތް ﷲ ހިތްހަމަޖެހުން ދެއްވާނެއެވެ. އަދި އޭނާގެ ތިމާގެ މީހުންވެސް އޭނާއާއެކުގައި ލައްވާނެއެވެ. އެމީހުންނާ އޭނާއާ ދެމެދުގައި އަރާރުންތަކެއް ނުހިނގާނެއެވެ. ހަމަ އެފަދައިން އޭނާގެ މުދާވެސް އެނާއަށްޓަކައި ޖަމާކޮށް ދެއްވާނެއެވެ. ނާކާމިޔާބު ވިޔަފާރިއެއްގެ ސަބަބުން އެމުދާ ގެއްލިގެން ދިޔަކަ ނުދެއްވާނެއެވެ. އޭނާދެކެ މީހުން ޤަބޫލު ވާނެއެވެ. އަދި އޭނާއަށް ހުރިހާ ހެޔޮކަމަކަށް މަގުފަހި ކޮށްދެއްވާނެއެވެ.

ދެވަނަ ކަމަކީ އޭނާއަށް ހިތުގެ ފުދުންތެރިކަން ދެއްވުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރައްވިއެވެ. " لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ – ރިވާކުރެއްވީ އަލްބޚާރީއާއި މުސްލިމު – މާނައީ :  މުއްސަނދިކަމަކީ މުދާ ގިނަވުމެއް ނޫނެވެ. އެހެނެއްކަމަކު  މުއްސަނދިކަމަކީ ނަފްސުގެ ފުދުންތެރިކަމެވެ."

އަލްއިމާމުލް މަންނާވީ ވިދާޅުވާ ގޮތުގައި މުއްސަނދި ކަމަކީ އަތްމަތި ތަނަވަސްވެ މުދާ އިތުރުވުމެއް ނޫނެވެ. ބައެއް މީހުންނަށް މާތް ﷲ ތަނަވަސްކަމާއި މުއްސަނދިކަން ދެއްވައެވެ. ނަމަވެސް ދަހިވެތިކަމުގެ ސަބަބުން އެމީހުންނަށް ފުދުންތެރިކަމެއް ނުލިބެއެވެ.

މީހަކަށް ކިތަންމެ ވަރަށް ފައިސާއާއި މުދާ ދެއްވިޔަސް ފުދުންތެރިކަން ލިބިގެން ނުވާނަމަ އެއީ މުއްސަންޖެއް ނޫނެވެ.

ތިންވަނަ ނިޢުމަތަކީ އޭނާއަށް ދުނިޔެ ދެއްވުމެވެ. އޭނާ ދުނިޔެއާ ފުރަގަސް ދިނަސް ދުނިޔެ އޭނާޔާ ކުރިމަތި ލާނެއެވެ. އިބްނުލް ޖައުޒީ ވިދާޅުވާގޮތުގައި ދުނިޔެއަކީ ހިޔަންޏެކެވެ. ތިބާ ތިބާގެ ހިޔަނިން ފިލަން އުޅުނަސް ތިބާ ފަހަތުން އަންނާނެއެވެ. ތިބާ އެއަށް އެދިއްޖެނަމަ އެ ކުރު ވެދާނެއެވެ. ޒާހިދު މީހާ އޭނާގެ ހިޔަންޏަކަށް ނުބަލާނެއެވެ. އޭރުން އޭތި ތިބާގެ ފަހަތުން އަންނާނެއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.