މީގެ ކުރިން އަޅުގަނޑު ވާނީ ފިއްލަދޫއިން ފެނުނު އާދަޔާޚިލާފަށް ކުޑަ ވާލެއްގެ ވާހަކަ ކިޔުންތެރިންނަށް ގެނެސްދީފައެވެ.
އެވާލުގެ ސައިޒަކީ އެންމެ ދެ އިންޗިއެވެ. ނަމަވެސް މިފަހަރު ލިޔެވޭތޯ މިއުޅެނީ ބޮޑު ތިލަދުންމަތީ ފިއްލަދޫން ފެނުނު އާދަޔާ ޚިލާފަށް އިސްކޮޅުން ދިގު ބޮޑު މީހެއްގެ ވާހަކައެވެ.
އިސްކޮޅުގައި ގާތްގަޑަކަށް 7 ފޫޓު ހުންނަ، ޢުމުރުން އެންމެ 22 އަހަރުގެ ޒުވާނެއްގެ ވާހަކައެވެ. ޙުސައިން ނަދީމް އާންމު ނަމުންނަމަ (ސުންބު) އަކީ އޭނާގެ އާއިލާގައި ހިމެނޭ އަށް ބެއިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. އޭނާގެ މަންމަ އާއި ބައްޕައަކީ ވެސް އާންމު ދިވެހީންގެ އިސްކޮޅަށްވުރެ ދިގު މީހުންގެ ތެރޭގައި ހިމެނޭ ވަރުގެ އިސްކޮޅެއް ލިބިފައިވާ ދެމީހުންނެވެ. އެހެންކަމުން އެއާއިލާގެ ހުރިހާ ކުދިންވެސް ތިބެނީ އިސްކޮޅުން ދިގުކޮށް ރޫފަހެޔޮކޮށެވެ.
މިޒުވާނާ ހަމައެކަނީ އިސްކޮޅުން ދިގީއެއް ނޫނެވެ. އިސްކޮޅާ އެއްވަރަށް ހަށިގަނޑުގެ ރޫފަވެސް ހެޔޮވެފައި ވަރުގަދައީއެވެ. ޢުމުރުން ހަގުނަމަވެސް ނަދީމް ފެންނަނީ ވަރަށް ވަރުގަދަ ބިޔަ ފިރިހެނެއްގެ ގޮތުގައެވެ. ނަދީމް ބުނީ އޭނާއަށް ލިބިފައިވާ އިސްކޮޅާއި ރޫފައަށް އޭނާ ޝުކުރުވެރިވާ ކަމަށެވެ. އަދި އޭއީ އެނާ އެންމެ ހުންނަން ބޭނުންވާ ގޮތް ކަމަށްވެސް ބުންޏެވެ.
ނަދީމުގެ ވާހަކަ ކުރިން ވެސް އަޅުގަނޑު އަޑު އެހީމެވެ. އަދި ނަދީމްގެ ފޮޓޯ އެއް ވެސް ދުށީމެވެ. ނަމަވެސް ނަދީމާ ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނީ އަދި ކިރިޔާއެވެ.
މިހާރު އޭނާގެ އިސްކޮޅަކީ ހަ ފޫޓް 8 އިންޗިއެވެ. ބަރުދަނަކީ 130 ކިލޯއެވެ. ނަދީމް ބުނިގޮތުގައި އެ ޢުމުރުގެ ކުދިންނަށްވުރެ އާދަޔާ ޚިލާފަށް އޭނާ ދިގުވާކަން، ފާހަގަ ކުރެވެންފެށީ ޢުމުރުން ދިހަވަރަކަށް އަހަރުގައި ކަމަށެވެ. އެންމެ ހަލުވި މިނެއްގައި ނަދީމް ދިގުވެފައި ވަނީ ޢުމުރުން 16 އަހަރާއި 17 އަހަރުގައެވެ. އެ ދެއަހަރުގެތެރޭގައި އަހަރަކު ދެ އިންޗި އެނާގެ އިސްކޮޅުން ދިގުވިއެވެ.
ނަދީމްގެ މަންމަ ކިޔައިދިން ގޮތުގައި އޭނާއަށް ނުވަ ދަރިން ލިބުނެވެ. ފުރަތަމަ ދަރިފުޅު އުފަން ވުމުގެ ކުރިން ބަނޑުތެރެއަށް މަރުވީއެވެ. ދުނިޔޭގައި ތިބި އަށް ކުދިންގެ ތެރެއިން ވިހޭ އިރު އެންމެ ކުޑަވެފައި ބަރުދަންވެސް ލުއީ ނަދީމެވެ. އެހެން ކުދިންގެ ބަރުދަނުގައި 3.5 ކިލޯ ހުއްޓެވެ. އެހެން ނަމަވެސް ނަދީމްގެ ބަރުދަނުގައި ހުރީ 2.5 ކިލޯއެވެ. ހުންނަންޖެހޭ ވަރަށް ނަދީމުގެ ބަރުދަން އިތުރުވީ ޢުމުރުން 3 އަހަރުގައި ކަމަށް އޭނާގެ މަންމަ ބުންޏެވެ. ބަރުދަން އިތުރު ކުރުމަށް ގާތުން ބުއްދިނުމުގެ އިތުރުން ނަދީމަށް ކާންދީ އުޅުނީ ބިންބިކަމަށް އޭނާގެ މަންމަ ކިޔައި ދިނެވެ. ޢުމުރުން 4 އަހަރުވަންދެން ނަދީމް ގާތުން ބުއި ކަމަށް އޭނާގެ މަންމަ ބުންޏެވެ. ނަދީމުގެ މަންމަ ކިޔައިދިން ގޮތުގައި ފުރަތަމަ ސްކޫލަށް ވަށްދައިގެން ހުންނަލެއް ކުޑަކަމުން ނަދީމް ސްކޫލަށް ވެސް ގެންދިޔައީ އުރައިގެންނެވެ. އޭނާ އިސްކޮޅު ދެމިލާންފެށީ ޢުމުރުން ގާތްގަނޑަކަށް ހަތް އަހަރު ހިސާބުގައި ކަމަށް އޭނާގެ މަންމަ ކިޔައިދިނެވެ. ނަދީމް އިސްކޮޅުން ދިގުވަމުން އައި ދުވަސްވަރު ހަދާންހުރި ނަމަވެސް ރޫފަ ޖެހުނީ ކިހިނެއް ކޮން ހިސާބެއްގައިކަން ނަދީމް މަންމަގެ ހަނދާނުގައެއް ނެތެވެ.
ނަދީމް އެންމެ ކުޑައިރުން ފެށިގެންވެސް އާންމުކޮށް ކައިއުޅެނީ ހުނި ރޮށްޓެވެ. އޭނާއަށް އެންމެ މީރު ކެއުމަކީ ހުނި ރޮއްޓާއި މުގު ރިހައެވެ.
"ވަރަށް މީރުވާނެ ހުނި ރޮށި، މިހާރު ވެސް ރަށަށް އައިސް އުޅޭއިރު ބުނާނެ، މަންމާއޭ ކުރިން ފިހާ ގޮތަށް ހުނި ރޮށި ފިހެލަ ބަލާށޭ" ނަދީމް ހުނިރޮށި ކެއުމަށް ހުންނަ ޝަޢުޤު ހާމަކުރަމުން، އޭނާގެ މަންމަ ކިޔައި ދިނެވެ.
އާންމު ގޮތެއްގައި ހަށިގަނޑު ބޮޑުކޮށް ތިބޭ މީހުންގެ ކެއުންބުއިމުން ވެސް ހުންނަނީ އާދައިގެ މީހުންނާ ތަފާތު ކޮށެވެ. ނަމަވެސް ނަދީމްގެ ކަންތައް މިއާ ވަރަށް ތަފާތެވެ. އޭނާ ކަނީ އާދައިގެ މީހަކު ކާ ވަރަށް ވުރެވެސް މަދުންނޭ ދެންނެވިދާނެއެވެ. ނަދީމުގެ މަންމަ ކިޔައިދިން ގޮތުގައި އޭނާ ކާނީ އެންމެ ގިނަ ވެގެން ވެސް ދެރޮށްޓެވެ. ރަށަށް އައިސް އުޅޭ އިރު ހެނދުނު ހޭލައިގެން ވެސް ކިރުތައްޓެއް ދޭން އުޅުނަސް ނުބޯނެ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ. ނަދީމު ބުނީ އޭނާ ބިޔަކޮށް ހުރި ކަމުގައިވިއަސް އާދައިގެ މީހުންނަށްވުރެ ގިނައިން ކާން ބޭނުންނުވާ ކަމަށެވެ. އާދައިގެ މީހެއްގެ ކެއުމާ އެއްވަރަށް ކައިގެން އޭނާއަށް ފުދޭކަމަށް (ހެމުން ހެމުން) ބުންޏެވެ.
އެވްރެޖު ދިވެހިނަށްވުރެ ނަދީމްގެ އިސްކޮޅުން ދިގުވުމުން ތަފާތު އުނދަގޫ ތަކާ ދިމާ ވުމަކީ އެކަށީގެންވާ ކަމެކެވެ. ގުދުވެގެން ނޫންގޮތަކަށް ނަދީމަށް ގޭގެއަށް ވަދެ ނުކުމެއެއް ނޫޅެވެއެވެ. އޭނާ ގޭގެއަށް ވަދެ ނުކުންނައިރު ފެންނަ މީހުންނަށް އެއީ އާދަޔާ ޚިލާފު ކަމެއްކަމަށް ފާހަގަ ކުރެވުނު ނަމަވެސް ނަދީމް މިހާރު ވަނީ އެކަމަށް ހޭނިފައެވެ. އެހެންކަމުން ތަންތަނަށް ވަދެ ނުކުތުމުގައި އޭނާއަށް މާބޮޑު ދަތިކަމެއް ފާހަގައެއް ނުކުރެވެއެވެ. އަދި ބޯޖެހި އަނިޔާވުން ކަހަލަ ކަމެއްވެސް ދިމައެއް ނުވެއެވެ. ތަންތަނަށް ވަދެ ނުކުތުމުގައި ނަދީމަށް އުދަނގުލަކާ ކުރިމަތި ނުވިއަސް އޮށޯވެލަން ހެޔޮވަރުގެ އެނދެއް ހޯދުމަކީ ދަތިކަމެކެވެ. އަމިލަ ރަށު ގޭގައި ނިދައި ހަދަނީ ހެޔޮވަރުގެ އެނދެއް ޖަހައިގެންނެވެ. ނަމަވެސް އެނދަށް ހެޔޮވަރުގެ ގޮދަޑިއެއް އަދި ނުހޯދެއެވެ. މަސައްކަތްކުރާ ރިސޯރޓްގައި ނިދަނީ އެނދަށް ބައެއް ގުޅުވައިގެންނެވެ. ރަށުގައި ދުއްވާ ސައިކަލްވެސް އޭނާއަށް ކުޑައެވެ. އިށީދެގެން އިންނަ އިރު ކަކޫ ހުންގާނުގައި ޖެހެއެވެ. އަންނައުނު ހޯދުމުގައި ދެ ފިހާރައަކާ ވާހަކަ ދައްކައިގެން ބޭނުންވާ ސައިޒުގެ އަންނައުނު ގެނެސްފައި ހުންނާތީ މާ ބޮޑު އުދަނގުލެއް އެކަމުގައި އުފުލާކަށް ނުޖެހެއެވެ.
ނަދީމް ކިޔައިދިން ގޮތުގައި ފުރަތަމަ އޭނާ ފެނިފައި ހައިރާންނުވާ މީހަކު ވަރަށް މަދެވެ. ބޭރުމީހެއްތޯ ވެސް ބައެއް މީހުން ސުވާލުކޮށް ހަދައެވެ. ކުރިން މާލެއަށް އައިސް އުޅޭއިރު މީހުން ބަލާވަރުން އުދަނގޫ ވާކަމަށް އޭނާ ބުންޏެވެ. އެކަމަކު މިހާރު ނަދީމަށް އެއީ މާބޮޑު ކަމަކަށް ނުވެއެވެ.
މަސައްކަތް ކުރާ ރިސޯޓަށް ދިއުމުންވެސް ވަރަށް ހައިރާންވެ ބައެއް މީހުން އޭނާއާއެކު ފޮޓޯ ނަގައި އުޅުނުކަމަށް ބުންޏެވެ. މެސްރޫމަށާއި މިސްކިތައް ދިއުމުން ވެސް ހައިރާންވެގެން މީހުން ބަލަން ތިބޭކަމަށް އޭނާ ބުންޏެވެ. އެންމެ ހައިރާންވެގެން މީހުން ބަލާ ހަދަނީ ދޮރުދޮރުން ވަދެނިކުމެ ހަދާއިރުކަމަށް އޭނާ ކިޔައި ދިނެވެ. ނަދީމް މަސައްކަތް ކުރަނީ ޕެރަޑައިސް އައިލެންޑް ރިސޯރޓްގެ ލޯންޗް ސެކްޝަންގައެވެ.
ނަދީމް ފެނުމުން ވަރަށް ގިނަ މީހުން އޭނާއާ އެކު ފޮޓޯ ނަގައެވެ. އެއްދުވަހު ގާތްގަޑަކަށް 40 ވަރަކަށް ދިވެހިން އޭނާއާއެކު ފޮޓޯ ނެގިއެވެ. އެއީ ރިސޯޓަކަށް ދިޔަ ދުވަހަކު ކަމަށް އޭނާ ބުންޏެވެ. އެފަދަ އަނެއް ދުވަހަކީ ނަދީމް މަސައްކަތްކުރާ ރިސޯޓަށް އައި ޗައިނާގެ ފަތުރުވެރިންތަކެއް، އޭނަޔާއެކު ފޮޓޯ ނެގި ދުވަހެވެ. އެދުވަހު އެކަނިވެސް 30 ވަރަކަށް ފަތުރުވެރިން ނަދީމާ އެކު ފޮޓޯ ނެގިއެވެ.
ނަދީމަކީ ޒުވާނަކަށް ވާއިރު ދިރިއުޅުމެއް ފެށުމާމެދު ވިސްނާނެކަން ޔަޤީނެވެ. އެހެންކަމުން ބައިވެރިޔަކު ޚިޔާރުކުރުމުގައި އިސްކޮޅަށް ބަލާނަންތޯ އަހާލީމެވެ. ބޭނުންވާ ސިފަތައް ހުރިނަމަ ބައިވެރިޔާގެ އިސްކޮޅަކީ ނަދީމަށް މައްސަލައެއް ނޫން ކަމަށް ވަރަށް ލަދުވެތިކަމާއެކު ބުނެލިއެވެ. ނަދީމް ބައިވެރިއަކު ޚިޔާރުކުރަން ބޭނުންވަނީ ވެސް އޭނާގެ އުފަން ރަށް، ފިއްލަދޫއިންނެވެ.
މިހާރު ދުނިޔޭގައި ހުރި އެންމެ ދިގުމީހަކީ ތުރުކީ ވިލާތުގެ ރައްޔިތެއް ކަމުގައިވާ ސުލްތާން ކޮސެން އެވެ. އޭނާ އިސްކޮޅަކީ 8 ފޫޓު 3 އިންޗިއެވެ. 10 ޑިސެމްބަރ 1982 ގައި އުފަންވި ކޮސެން ދުނިޔޭގެ އެންމެ ދިގުމީހާގެ ރެކޯރޑް ދަމަހަށްޓަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ. ނަދީމްގެ އިސްކޮޅަށްވުރެ އޭނާ ދިގީ އެއް ފޫޓް 5 އިންޗިއެވެ.
ރާއްޖޭގައި ނަދީމާ އެއް އިސްކޮޅުގެ މީހަކު އުޅޭ ކަމަށްވެއެވެ. ނަދީމް ބުނީ ތަންކޮޅެއް ކުރިން މާލެއިން އެމީހާއާ ދިމާވެސްވިކަމަށެވެ. އޭރު ދެމީހުންގެ އިސްކޮޅު ގާތްގަޑަކަށް އެއްވަރެވެ. ނަދީމްގެ ބައެއް ރަށްޓެހިން ބުނާ ގޮތުންނަމަ އެމީހާއަށް ވުރެ ދިގީ ނަދީމެވެ. ނަމަވެސް ނަދީމް އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ނުބުނެއެވެ. ރާއްޖޭގައި މިވަގުތު ހުރިއެންމެ ދިގު މީހަކީ ނަދީމް ކަމަށް، ޔަޤީންކަމާއެކު ބުނަން ނޭގުނު ނަމަވެސް ނަދީމް ހިމެނިގެން ދާނީ އެންމެ ދިގުމީހުންގެ ތެރޭގައި ކަމީ ކަށަވަރުވާކަމެކެވެ.
އިސްކޮޅުން ދިގުވުމަކީ ނަދީމަށް އާދަޔާ ޚިލާފު ކަމަކަށް ނުވެއެވެ. އިސްކޮޅާ އެއްވަރަށް ހަށިގަނޑުގައި ރޫފަ ހުރުމުން ތެދަށް ކޮޅަށް ހުރުމަށް ނަދީމަށް ދައްޗެއް ނުވެއެވެ. އަދި މިހާތަނަށް އިސްކޮޅުން ދިގުވާތީ، އޭނާ ޑޮކްޓަރަކަށް ދައްކައި އެކަމާ ބެހޭގޮތުން ޑޮކްޓަރުންގެ ލަފައެއް ނުހޯދައެވެ. ޑޮކްޓަރަށް ދައްކަންޖެހޭފަދަ މައްސަލައެއް ދިމާ ނުވާކަމަށް ވެސް ނަދީމް ބުންޏެވެ.
ނަދީމަކީ ފުޓުބޯޅަ ކޯޗެކެވެ. ނަމަވެސް ނަދީމް އެވާހަކަ ދައްކަން ބޭނުން ނުވާތީ ކޯޗިން ދާއިރާގައި އޭނާގެ ކާމިޔާބީގެ ވާހަކަތަކަށް ނުދާނަމެވެ. ހަމަ އެކަނި ދައްކާނީ ނަދީމް އެކުޅިވަރަކަށް އެންމެ ޝަޢުޤުވެރިވާ ނަދީމް ފޮނި ހުވަފެންތަކެއް އެކުޅިވަރާއެކު ހިމެނޭ ވޮލީގެ ވާހަކައެވެ. ނަދީމަކީ ވޮލީ ކުޅުންތެރިއެކެވެ. ރިސޯރޓް ވޮލީ މުބާރާތުގައި އޭނާ މަސައްކަތް ކުރާ ޕެރަޑައިސްގެ ޓީމަށް ވޮލީ ކުޅެއެވެ. އޭނާގެ ޓީމު ވަނީ ފައިނަލަށް ދަތުރުކޮށް ދެވަނަ ޓީމުގެ މަޤާމު ވެސް ހޯދައިފައެވެ. މޮޅު ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމަކީ މިޒުވާނާގެ އެންމެ ބޮޑު އެއް އުއްމީދެވެ. އަދި ރާއްޖޭގެ ނަންމަޝްހޫރު ވޮލީ ކުޅުންތެރިއަކަށްވެ ޤައުމީ ޓީމްގައި ހިމެނުމަކީ ނަދީމްގެ ހުވަފެނެކެވެ. އިސްކޮޅުން ދިގު ބިޔަ ނަދީމްގެ އިސްކޮޅާއި ހަށިގަޑަށްވުރެ މާއުހަށް ވޮލީގައި ކުރިއަށް ދާން އޭނާ ބޭނުންވެއެވެ.
Maiy allah ge kulhadhunvantha kana
Feydhoo mulladoo garage hunna geyga hunnaney feydhoo biya meeha
F. Nilandhoo ga hunnaane hama thiya kahala varugadha kujjeh, arushaan kiyaa kujjeh...
Ahren dhushin addun fhigu kujjrh.
Thedheh.Addu Feydhoo zuvaaneh.ekamaku Male` ga ulhenee family aa ekkoh
Aharaku dhe inchi dhiguviyey
Liumuga ragalhah eyothi
Nadheem mihaaru kuruveetha kuriyah vure?
Beyru meeha nadheemah vure dhigee 1 footu 7 inch ingeytho