ހަރުކަށި ފިކުރު ރާއްޖޭގައި ފަތުރާކަމުގެ ތުހުމަތުގައި ރ. މަޑުއްވަރީގައި ސިފައިންނާއި ފުލުހުންނާއި ގުޅިގެން ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިފަދަ މީހުން ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި ހަރުކަށި ފިކުރަށް ތަބާވެ ޖަމާއަތާވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމު ކުރަމުން ގެންދާ ކަމަށެވެ. އޭގެ އިތުރަށް ޓެރަރިޒަމާއި ހައްދުފަހަނަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓު ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމުގެ މަސައްކަތްވެސް ބައެއް ފަރާތްތަކުން ކުރަމުންދާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މަޑުއްވަރީގައި މިއަދު ފެށި އޮޕަރޭޝަނަކީ ދައުލަތާއި ސަރުކާރުގެ އާންމު އިންތިޒާމް ތަކުން ބޭރުވެ ވަކިން ޖަމާއަތް ހަދައިގެން އުޅޭބަޔަކު އަންހެނުންނާއި ކުޑަކުދިން އެމީހުންނަށް ލިބެންވާ ހައްގުތަކުން މަހުރޫމްކޮށް އެފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާތީ ފެށި އޮޕަރޭޝަނެކެވެ.
"މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދީން މުޖުތަމަޢުއާވަކިކޮށް ކުޑަކުދިންނަށް ސިއްޙީގޮތުން ދިނުމަށް ލާޒިމްކުރާ ވެކްސިން ނުދީ ތަޢުލީމް ޙާސިލް ކުރުމުގެ ހައްގުން މަހުރޫމްކޮށް ކުޑަކުދިން މީހުންނާ ކައިވެނިކޮށްގެން ކަމަށް ބުނެ، މިކަންކަން ހިންގައި ގެތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށް،" މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ދަރިމައިވުމާއި އުފަންވަނިވި ސިއްހަތާ ގުޅުންހުރި ސިއްޙީ އިންތިޒާމްތަކާއި ޙައްގުތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަންހެނުންގެ ފުރާނަޔާއި ސިއްހަތަށް ނުރައްކާތެރި ހާލަތްތަކަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި މައުލޫމާތާ ގުޅިގެން ފުލުހުން ގެންދަނީ އެރަށުގައި އެކަން ހިންގަމުންދާ ކަމަށް ފާހަގަކުރެވޭ ގެތައް ބަލައި ފާސްކޮށް އެކަންކަން ކުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދައި ދެނެގަންނަމުންނެވެ. އަދި އެފަދަ ތަންތަނުގައި ތިބި އަނެހެނުންނާއި ކުޑަކުދިންގެ ހާލަތުބަލައި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ފުލުހުން މި އޮޕަރޭޝަން ހިންގާ މައިގަނޑު ސަބަބެވެ.
ހަރުކަށި ފިކުރުގެ މީހުން ގެންދަނީ އެއްވެސް ހައްގަގާ ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޖިނާއީ ކުށްތައް ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ޓެރަރިޒަމާއި ހައްދު ފަހަނަޅައިފައިވާ ޖަމާއަތްތަކަށް ތާއިދުކޮށް އެފަރާތްތަކުން ހިންގާ އަމަލުތައް މިފަދަ މީހުން ގެންދަނީ ދިފާއުކުރަމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިފަދަ ކަންކަން ބަލައި އެމީހުންނާ މެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ފުލުހުންނާއި ސިފައިން އަޅަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި މަޑުއްވަރީންނާއި ކައިރި ރަށްރަށުގެ މީހުންގެ އެހީތެރިކަން ލިބޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.