
ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ކަނާބެހޭ އިދާރާތައް ގުޅިގެން ރ.މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަނުގައި އިއްޔެ ބަންދުކުރި ތިންމީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ފުލުހުންވަނީ މުއްދަތުޖަހައިދިން ކޯޓު ސިއްރުކޮށްފައެވެ.
މީގެ ކުރިން ވެސް އެރަށުން ވަނީ ތިން މީހުން ބަންދުކޮށްފައެވެ. ހަރުކަށި ފިކުރުގެ ރާއްޖޭގައި ފަތުރާ މީހުން ގެންދަނީ އެމީހުންގެ ފަނާކުރަނިވި އެފިކުރު ފެތުރުމުގެ މަސައްކަތް ރެއާދުވާލު ކުރަމުން ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވެސް ވަނީ ވިދާޅުވެފައެވެ. އެ ފިކުރު ފަތުރާ މީހުން ގެންދަނީ ރެއާދުވާލު އިންޓަރނެޓާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެފިކުރު ފަތުރަން މަސައްކަތް ކުރަމުން ކަމަށް އެސެންޓަރުން ވިދާޅުވެފައިވެއެވެ.
"ހަރުކަށި ފިކުރުތައް ފަތުރާ މީހުން ރެއާދުވާލު އިންޓަރނެޓު ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ސިއްރިޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރުތައް ފަތުރަން ގިނަގުނަ ރޭވުންތައް ރާވައި އެބައި މީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދެއެވެ.،" އެންސީޓީސީ އިން ވިދާޅުވެފައިވެއެވެ.