މަޑުއްވަރީން ބަންދުކުރި މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ

ރ. މަޑުއްވަރީން ބަންދުކޮށްފައިވާ 6 މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެކަމަށްޓަކައި ޕްރޮސެކިޔުޓަރޖެނެރަލް (ޕީޖީ) އާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމަޝްވަރާތަކުގެ އަލީގައި އިތުރަށް ފުރިހަމަކުރައްވަން ޕީޖީ ވިދާޅުވި ކަންކަން ކުރެއްވުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޑުއްވަރީން އެމީހުން ބަންދުކޮށްފައިވަނީ ހަރުކަށި ފިކުރަށް ތާއިދުކޮށް އެފިކުރު ފަތުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

"ރ. މަޑުއްވަރީން ހައްޔަރުކުރި ހަރުކަށިފިކުރު މީހުންގެ މައްސަލަ ދައުވާ ކުރުމަށް ޕޮރޮސެކިޔުޓަރޖެނެރަލްއަށް ފޮނުވުމަށްޓަކައި ޕީޖިއާ މަޝްވަރާ ކުރަމުންދަނީ. އަދި މިމަޝްވަރާ ތަކުގެ ތެރެއިން ދައުވާ ކުރުމަށްޓަކައި އިތުރަށް ފުރިހަމަ ކުރުމަށް ބުނެފައިވާ ކަންކަމުގެ މަސައްކަތްދަނީ ކުރަމުން،" ފުލުހުން ވިދާޅުވިއެވެ.

މަޑުއްވަރީން ބަންދުކުރި 6 މީހުންގެ އިތުރުން އއ. އުކުޅަހުން ވެސް ވަނީ މީހަކު ބަންދުކޮށްފައެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފުލުހުންގެންދަވަނީ މަސައްކަތް ކުރައްވަމުނެވެ. އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ ދީނާބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ ދީނީ ކަންކަން މީހުންނަށް އޮޅުންފިލުއްވައި ދެއްވުމަށް އިލްމުވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.