ހިފާފައިވާ ޤުދްސު (ޖެރޫސަލަމް) ގައި ހުރި ފަލަސްޠީނު މީހުންގެ ގެތައް ތަޅާލުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައި ބެލެވޭނެކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފައި ވަނިކޮށް، ޤުދްސުގައި ފަލަސްޠީނު މީހުން ދިރިއުޅޭ 18 ހާސް ގެ ތަޅާލަން އިސްރާއީލުން ނިންމައިިިފިކަމަށް ޤުދްސު ޑެޕިއުޓީ ގަވަރުނަރު ވިދާޅުވެއްޖެއެވެ.
"ހިފާފައިވާ ޤުދްސުގައި ހުރި ފަލަސްޠީނު މީހެއްގެ ގެތައް ތަޅާލުމަކީ ކުށެއް ނެތް ބަޔަކަށް އަދަބުދިނުމާއި، ގަދަބާރުން ގެދޮރުން މަހުރޫމުކުރުމާއި، ނަސްލުނައްތާލުމާއި، ޤުދްސު ޔަހޫދީކުރުމުގެ ގޮތުން އިސްރާއީލުން ހިންގާ އަމަލެއް." ޤުދްސުގެ ޑެޕިއުޓީ ގަވަރުނަރު ޢަބްދުﷲ ޞިޔާމް ވިދާޅުވިއެވެ.
ޞިޔާމް ވިދާޅުވި ގޮތުގައި ގެތައް ތަޅާލުމަށް އިސްރާއީލުން ނިންމާފައި ވަނީ އެއީ ގާނޫނާ ޚިލާފަށް ބިނާކޮށްފައިވާ ގެތަކެއް ކަމަށް ބުނެއެވެ. އެހެން ނަމަވެސް، ފަލަސްޠީނު މީހުން ބުނާ ގޮތުގައި އެ ގެތައް ހުރީ ފަލަސްޠީނުގެ ބައެއް ކަމުގައި އދ. ކަނޑައަޅާފައިވާ އިރުމަތީ ޤުދްސުގައެވެ. އަދި އެ ގެތައް ބިނާކޮށްފައި ވަނީ ފަލަސްޠީނު ސަރުކާރު، ޕެލެސްޓައިން ނޭޝަނަލް އޮތޯރިޓީ (ޕީއެންއޭ) ގެ ހުއްދަ ލިބިގެންނެވެ.
ޕީއެންއޭއިން ސިފަކޮށްފައިވާ ގޮތުގައި އިސްރާއީލުން ކުރިއަށް ގެންދާ ގެެތައް ތަޅާލުުމުގެ އަމަލަކީ، އެމެރިކާއިން މެދުއިރުމަތީގައި ތަންފީޒު ކުރަން އުޅޭ 'ގަރުނުގެ އެއްބަސްވުމު'ގެ ބައެކެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި އިސްރާއީލުގެ އަމަލުތައް ސިފަކޮށްފައި ވަނީ "ނަސްލު ނައްތާލުމުގެ ޖަރީމާއެއް" ކަމުގައެވެ.
"ޤުދްސުގައި ތިބި އަހަރުމެންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކަކީ އިސްރާއީލުގެ (ފަލަސްޠީނުގެ) ބިން ގަދަކަމުން ހިފައިގެން ތިބި ފަރާތްތަކަށް އެމެރިކާއިން ތާއީދުކުރުމުގެ ނަތީޖާ." ހަމާސްގެ ބަޔާނުގައި ވެއެވެ.
1967 ވަނަ އަހަރުގެ އުދުވާނުގައި އިސްރާއީލުން އިރުމަތީ ޤުދްސު ހިފައި، 1980 ވަނަ އަހަަރު އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގަރާރަކުން އެއީ އިސްރާއީލުގެ ބައި ނުކުރެވޭޭނޭ ވެރިރަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް، އެ ނިންމުން ގަބޫލުކުރަނީ ދުނިޔޭގެ މަދު ގައުމަކުންނެވެ.
އިރުމަތީ ޤުދްސުގައި ފަލަސްޠީނުގެ 3 ލައްކަ މީހުން ދިރިއުޅެއެވެ.