
ސަބްމެރީންގައި އުފުލާ ކްރޫޒް މިސައިލްއެއް ޕާކިސްތާނުން ފުރަތަމަ ފަހަރަށް ކާމިޔާބްކަމާއެކު ޓެސްޓްކޮށްފިއެވެ. މިކަންވަނީ އެގައުމުގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައެވެ. ހަތަރުސަތޭކަފަންސާ ކިލޯމީޓަރު ދުރަށް ފޮނުވާލެވޭ މި އައު މިސައިލްގައި ނިއުކްލިއަރ ވޯހެޑްއެއްވެސް އުފުލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އަސްކަރީ ތަރުޖަމާން އަކުވަނީ ރޮއިޓާރސް އަށް ކަށަވަރުކޮށްދީފައެވެ.
މިޓެސްޓާ ގުޅިގެން ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ ޓެކްނޮލޮޖީގެ ރޮގުން ޕާކިސްތާންހޯދާފައިވާ ކުރިއެރުމާއި ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައިވާކަން މިޓެސްޓުން ހާމަވެގެން ހިގައްޖެ ކަމުގައެވެ. ނަމަވެސް ދިރާސާކުރާފަރާތްތަކުން ބުނަނީ ޕާކިސްތާނުން މިކުރި މިސައިލް ޓެސްޓްގެ ސަބަބުން އަވަށްޓެރި އިންޑިޔާ އާ ދެމެދު މަސްރަހު އިތުރަށް ހޫނުވެގެން ދާނެ ކަމުގައެވެ.
ނަވާރަސަތޭކަ ސާޅިސްހަތްވަނަ އަހަރު އިގިރޭސީންގެ ކިބައިން ދެގައުމަށް މިނިވަންކަން ލިބުނު ފަހުން އިންޑިޔާއާއި ފާކިސްތާނުންވަނީ ތިންހަގުރާމައެއް ކޮށްފައެވެ. އަދި ނަވާރަސަތޭކަ ނުވަދިހައަށްވަނަ އަހަރުންފެށިގެން ދެގައުމުންވެސް ދަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާ ތަރައްގީ ކުރަމުންނެވެ.
ސަބްމެރީންއެއްގައި އުފުލާ މިސައިލެއް އިންޑިޔާއިންވަނީ ދެހާސްއަށްވަނަ އަހަރު ކާމިޔާބްކަމާއެކު ޓެސްޓް ކޮށްފައެވެ. އަދި ދެހާސް ތޭރަވަނަ އަހަރުވަނީ އެފަދަ ކްރޫޒް މިސްއިލްއެއްވެސް އިންޑިޔާއިން ޓެސްޓްކޮށްފައެވެ.
ޕާކިސްތާނުން އެންމެ ފަހުން މިކުރި ޓެސްޓާ މެދު އިންޑިޔާއިން އަދި ވަކިއެއްޗެއް ނުބުނެއެވެ.